ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ކޮރޯނާވައިރަހަށް ބިރުން ކައިވެނި ޕާޓީ ވީޑިއޯ ކޮންފަރެންސްކޮށް

ޗައިނާއަށް ކުރި ދަތުރުގައި ކޮރޯނާވައިރަސް ހަށިގަނޑަށް އަރާފައި ހުރެދާނެ ކަމަށް ބިރުން އަލަށް ކައިވެނި ކުރި ދެމަފިރިއަކަށް ކައިވެނީގެ ވަލީމާގައި ވީޑިއޯ ކޮންފަރެންސްކޮށް ބައިވެރިވާން ޖެހިއްޖެ އެވެ.

ސިންގަޕޫރުގައި ދިރިއުޅޭ ޖޯސެފް ޔޫ އާއި ކޭންގް ޓިންގް ޗައިނީޒް ނިއު އިޔާ ފާހަގަކުރީ ޗައިނާގެ ހުނާން ޕްރޮވިންސްގައި ދިރިއުޅޭ ކޭންގްގެ އާއިލާއާ އެކުގަ އެވެ. އެމީހުން އެނބުރި ސިންގަޕޫރަށް ދިޔައީ ޖެނުއަރީ 30 ގައެވެ. މި މީހުން ޗައިނާގައި ތިބީ ކޮރޯނާވައިރަސްގެ މައްސަލަ ފުރަތަމަ ޖެހުނު ވުހާން ޕްރޮވިންސް ކައިރީގައި އޮންނަ ހުނާން އާއި ހޫބޭ ބޯޑަރުގައި ހުރި ރަށެއްގައި ކަމަށްވާތީ އެމީހުންގެ ކައިވެނި ޕާޓީއަށް ސިންގަޕޫރުން ދައުވަތު ދިން ގިނަ މީހުން އެ ޕާޓީއަށް އަންނަން އުޒުރުވެރިވީ އެވެ.

އެހެންވެ މި ދެމަފިރިން އަމިއްލައަށް 14 ދުވަހުގެ މުއްދަތަށް ހޮޓަލުގައި ކަރަންޓީނު ވެގެން ތިބެން ގަސްދުކުރީ އެވެ. އަދި މި ދެމަފިރިންނާއެކު ދަތުރުކުރި ފިރިހެންމީހާގެ މައިންބަފައިން ވެސް މި މީހުންނާއެކު ހޮޓަލުގެ ކޮޓަރީގައި ކަރަންޓީނު ވެގެން ތިއްބެވެ. ޕާޓީގައި އަމަލީ ގޮތުން ބައިވެރިވީ ކައިވެނި ކުރި ފިރިހެންމީހާގެ އަންހެން ކޮއްކޮ އެކަންޏެވެ. އޭނާ ޗައިނާއަށް ޒިޔާރަތް ނުކުރާތީ ޕާޓީގައި ބައިވެރި ވެވުނީ އެވެ.

ކައިވެނީގެ ރިސެޕްޝަން އޮންނަން ހަމަޖެހިފައި އޮތް ދުވަހު ދެމަފިރިން ޕާޓީގައި ލާން ތައްޔާރުކުރި ހެދުންލައި ޒީނަތްތެރިވެގެން ވީޑިއޯ ކޮންފަރެންސިންގެ ޒަރިއްޔާއިން ޕާޓީގައި ބައިވެރިވީ އެވެ.

އަދި ޕާޓީގައި އެމީހުންގެ ސަގާފަތާ އެއްގޮތަށް ކުރަން ޖެހޭ ކަންތައްތަކުގައި ވެސް އެމީހުން ބައިވެރިވެފައިވަނީ މިގޮތަށެވެ.
އޭޝިއާ ވަން އަށް ދިން އިންޓަވިއު އެއްގައި ޖޯސެފް ބުނީ އެމީހުން ބައިވެރިވާނަމަ ކައިވެނި ޕާޓީއަށް ދާން ވަރަށް ގިނަ މެހެމާނުން ކަންބޮޑުވެގެން އުޅޭކަން އެމީހުންނަށް އެނގުމުން ޕާޓީ ބާއްވަން ހަމަޖެހިފައި އޮތް ހޮޓަލާ ވާހަކަ ދައްކައިގެން ޕާޓީ ބޭއްވުން ލަސްކުރަން އެމީހުން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ހޮޓަލާ އެކު އެމީހުންނަށް އެއްބަސް ވުމަކަށް ނާދެވި ކަނޑައެޅިފައިވާ ތާރީޚުގައި ޕާޓީ ބާއްވަން ޖެހުނީ އެވެ.

ފެބްރުއަރީ 1 ން ފެށީގެން ޗައިނާގެ ވަކި ސަރަހައްދު ތަކަކުން އަންނަ މީހުންނަށް ސިންގަޕޫރަށް އެތެރެވުން މަނާ ކުރުމުން ކައިވެނިކުރި އަންހެންމީހާގެ އާއިލާގެ މީހުންނަށް ވެސް ޕާޓީގައި ބައިވެރިއެއް ނުވެވުނެވެ. މިވަރުން ވެސް މި ކައިވެނި ޕާޓީއަށް ދައުވަތުދިން 190 މީހުންގެ ތެރެއިން ޕާޓީއަށް ހާޒިރުވީ އެންމެ 110 މީހުންނެވެ. ރޯގާއަށް ބިރުން ގިނަ ބަޔަކަށް އަންނާކަށް ނުކެރުނެވެ. ކާ އެއްޗެތި ވެސް ގިނަ ވާނެތީ ޕާޓީއަށް އައި މީހުން ޕާރުސަލުކޮށް ވަރަށް ގިނަ ކާ އެއްޗެތި ގެޔަށް ވެސް ގެންދިޔަ ކަމަށް ޖޯސެފް ބުންޏެވެ.

"އަހަރެމެން ދެރައެއް ނުވޭ. އެކަމަކު ކުޑަކޮށް މާޔޫސްވި. އަހަރެމެންނަކަށް އެހެން ގޮތެއް ނެތް. އެހެންވީމަ ހިތާމަކުރާކަށް ބޭނުމެއް ނޫން،" ޖޯސެފް ބުންޏެވެ.