ކޮވިޑް-19 އިގެ ވަބާއަށް ނިމުމުގެ ކޮޅުމަތި ނުފެނި އަދިވެސް މި ބަލިމަޑުކަން މުޅި ދުނިޔޭގެ އެތައް ބަޔަކު ތަހައްމަލު ކުރަން ވަނީ ޖެހިފަ އެވެ. މި ބަލީގެ ވެކްސިން ތައްޔާރުކޮށް ބޭނުންކުރަން ފަށާފައި ވިޔަސް ދުނިޔޭގެ އެންމެންނަށް ޖެހޭ ވަރަކަށް މި ވެކްސިނެއް ނުއުފެއްދެ އެވެ. އެހެންވެ ގިނަ ގައުމުތަކުގައި އަދި ވެކްސިން ދެނީ އުމުރުން ދުވަސްވީ މީހުންނަށާއި ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށް އެކަންޏެވެ.
ދުނިޔޭގެ އާބާދީގެ ބޮޑު ބައެއް އަދިވެސް ތިބީ ވެކްސިން ނުލިބި ބަލިން ދިފާއު ވެވޭނެ ގޮތެއް ނެތިފަ އެވެ. ނަމަވެސް އެމެރިކާގެ ޖޯން ހޯލިސް އަކަށް މި ބަލި ޖެހިދާނެ ކަމުގެ ބިރެއް ނެތެވެ. ސަބަބަކީ ޖޯން ދެކެ ކޮރޯނާވައިރަސް މާ ބިރުގަންނާތީ އެވެ.
ޖޯންގެ ހަށިގަނޑުގައި ކޮރޯނާވައިރަހާ ހަނގުރާމަ ކުރާނެ "ސުޕަ އެންޓިބޮޑީޒް" އުފެދިފައި ވެއެވެ. އެހެންކަމުން ފުރާނައަށް ގެއްލުންވާފަދަ ނުރައްކާތެރި ކޮރޯނާވައިރަހަށް ޖޯންގެ ހަށިގަނޑަށް ވަދެވުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެން ގޮތަކަށް ބުނާނަމަ ޖޯން ހަށިގަނޑުގައި ހުރި ސުޕަ އެންޓިބޮޑީޒްތަކާ ހެދި ކޮރޯނާވައިރަސް އޭނާގެ ހަށިގަނޑަށް ވަންނާކަށް ބޭނުމެއް ނުވާނެ އެވެ.
ޖޯޖް މޭސަން ޔުނިވަސިޓީގައި ކޮމިއުނިކޭޝަންސް މެނޭޖަރެއްގެ ވަޒީފާ އަދާކުރާ ޖޯންއަށް އޭނާގެ ހަށިގަނޑުގައި ސުޕަ އެންޓިބޮޑީޒް ހުރިކަން އެނގުނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެއީ އޭނާގެ ކެމްޕަސްގައި ކުރިޔަށް ގެންދިޔަ ކޮރޯނާވައިރަސް ދިރާސާއެއްގައި އޭނާ ވޮލަންޓިއާކޮށް ބައިވެރިވުމުންނެވެ.
މިދިޔަ އަހަރުގެ މާޗްމަހު ޖޯން އޭނާގެ ޓީންއޭޖް ދަރިފުޅު ޑޭވިސް އާއެކު ޔޫރަޕަށް ދަތުރެއް ކުރި އެވެ. އެނބުރި ރަށަށް އައި މަގުމަތީގައި ފްލައިޓް ތެރޭގައި އިންދާ އޭނާގެ ނޭފަތަށް އުނދަގޫތަކެއް ވާން ފެށި އެވެ. އޭނާ ހީކުރީ ސައިންސްގެ އުނދަގުލެއް ކަމަށެވެ. ޖެހިގެން އައި އެޕްރީލްމަހު ޖޯންގެ ހައުސްމެއިޑަށް ވަރަށް ގަދަޔަށް ކޮވިޑް-19 ޖެހުނެވެ. އެކަމާ އޭނާ ވަރަށް ބިރުގަތެވެ. އެމީހާއަށް ވީވަރު ފެނިފައި އޭނާއަށް ވެސް ބަލި ޖެހި އެހާ ބޮޑުވަރު ވެދާނެކަމުގެ ބިރު ޖޯން އަށް ހީވި އެވެ.
ބިރުން ހުރިވަރުން ދަރިފުޅު ޑޭވިސް އަށް ވަދާއީ ސިޓީއެއް ވެސް އޭނާ ލިޔުނެވެ. އޭނާއަށް ބަލި ޖެހި ސަލާމަތް ނުވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް އޭރު ގަބޫލު ކުރެވިފައި އޮތީމަ އެވެ. ނަމަވެސް ނަސީބަކުން އޭނާއަކަށް ކޮވިޑެއް ނުޖެހެ އެވެ.
ކެމްޕަސްގައި އޮތް ކޮރޯނާވައިރަސް ދިރާސާގައި އޭނާ ބައިވެރިވީ އޭގެ ދެ މަހެއްހާ ދުވަސް ފަހުން މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. މި ދިރާސާގައި ހެދި ޓެސްޓުތަކަށް ފަހު އެ ޔުނިވަސިޓީގެ ޕެތޮލޮޖިސްޓް އަދި ބައޯއިންޖީނިއާ ލާންސް ލިއޮޓާ ވަރަށް އެހެން ކަހަލަ ޚަބަރެއް ޖޯން އަށް ދިނެވެ.
ލިއޮޓާ ޖޯން ކައިރީ ބުނީ ޖޯންއަށް ނޭނގުނަސް އޭނާއަށް ކޮވިޑް ޖެހި ފަސޭހަވެފައި ހުރި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގައި އެ ބަލީގެ "ސުޕަ އެންޓިބޮޑީޒް" އެބަހުރި ކަމަށެވެ.
ދިރާސާކުރި ސައިންސްވެރިން ޖޯން ކައިރީގައި ބުނީ އޭނާގެ ލޭގައި ހުރި ނޯވެލް ކޮރޯނާވައިރަސް ރެސިސްޓްކުރާ މިންވަރުން އެ ލޭ 10000 ފަހަރު ޑައިލޫޓް ކުރުމުން ވެސް ކޮރޯނާވައިރަހުގެ 90 ޕަސެންޓް ނައްތާލުމުގެ ގާބިލްކަން ހުރި ކަމަށެވެ.
އެފަހަރުގެ ދިރާސާގައި ބައިވެރިވި 149 މީހުންގެ ތެރެއިން ސުޕަ އެންޓިބޮޑީޒް ހުރީ ހަމަ އެކަނި އެންމެ މީހެއްގެ ގައިގަ އެވެ. އެއީ ޖޯން އެވެ. އެހެން އެންމެންނަށް ވެސް ބަލި ޖެހި ފަސޭހަވެފައި ހުއްޓަސް އެމީހުންގެ ހަށިގަނޑުގައި އެންޓިބޮޑީޒް ހުރީ ވަރަށް މަދުންނެވެ.
"ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން އެންމެ ފަސް ޕަސެންޓް މީހުންގެޔޯ ސުޕަ އެންޓިބޮޑީޒް އުފެދެނީ އަހަރެން ކައިރީ ސައިންސްވެރިން ބުނި. އަދި ސައިންސްވެރިން ބުނި މީގެ ތެރެއިން ވެސް އެއް ޕަސެންޓް މީހުންގެޔޯ ނިއުޓްރިލައިޒްކުރުމުގެ ގާބިލްކަން އެހާ މައްޗަށް ހުންނަނީ. ނިއުޓްރިލައޒްކުރުމުގެ ގާބިލްކަން ހުންނަ މީހުންގެ ހަށިގަނޑަށް ވަންނަ ހުރިހާ ވައިރަސްތައް މަރާލުމުގެ ގާބިލްކަން ލިބިފައި ހުރެޔޯ ވެސް ބުނި. ސުޕަ އެންޓިބޮޑީޒް ވެސް އެކި މީހުންގެ އުފެދެނީ އެކި މިންވަރަށޭ ވެސް ބުނި. އެ އުފެދޭ މިންވަރަކަށް ބިނާކޮށް އެމީހެއްގެ ހަށިގަނޑުގައި ދިފާއު ވެވޭ ވަރު ބިނާވާނީ،" ޖޯން ބުންޏެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ޖޯންގެ ގައިން ލޭ ނަގައިގެން ދިރާސާ ކޮށްގެން ނޯވެލް ކޮރޯނާވައިރަހަށް އެކަށީގެންވާ ފަރުވާއެއް ހޯދިދާނެ އެވެ.