ހަބަރު

ޔޫއެންއޯޑީސީ އާއި އެންސީޓީސީ މަޝްވަރާ ބައްދަލުވުމެއް ފަށައިފި

ޔޫއެންއޯޑީސީ އާއި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ (އެންސީޓީސީ)އާ ގުޅިގެން، އދގެ ކަމާ ގުޅުންހުރި އިދާރާތަކާއި އިންޓަޕޯލް، އަދި ޔޫރޮޕިއަން ޔޫނިއަންގެ އެހީތެރިކަމާއިއެކު، މަޝްވަރާ ބައްދަލުވުމެއް ފަށައިފި އެވެ.

މި ބައްދަލުވުން ފެށީ "ނޭޝަނަލް ރައުންޑްޓޭބަލް އެންޑް ކޮންސަލްޓޭޝަން އޮން ޔޫއެންއޯޑީސީ އެންޑް އިންޓަޕޯލްސް ސަޕޯޓް ޓު ދަ މޯލްޑިވްސް އޮން ކައުންޓާ ޓެރެރިޒަމް" ގެ ނަމުގަ އެވެ.

ސޯޝަލް ސެންޓަރުގައި މިއަދުން ފެށިގެން އެއް ދުވަހުގެ މުއްދަތަަށް ކުރިއަށް ގެންދާ މި ބައްދަލުވުންތަކުގައި ދައުލަތުގެ ކަމާ ގުޅުންހުރި ދާއިރާތަކުގެ 27 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓް، ހައި ކޯޓް، ކްރިމިނަލް ކޯޓް، ފެމިލީ ކޯޓް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ތައުލީމީ ދާއިރާ، އިޖުތިމާއީ ދާއިރާ، ޒުވާނުންގެ ދާއިރާ، ހާރިޖ ީދާއިރާ، ދާހިލީ ދާއިރާ އަދި ސަލާމަތީ ހިދުމަތްތައް ހިމެނެއެވެ.

އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ޓެރެރިޒަމާއި ހަރުކަށި ފިކުރުގެ ނޭދެވޭ އަސަރުތަކުން ދިވެހި އުއްމަތް ސަލާމަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތުގައި، ކަމާގުޅުން ހުރި ދާއިރާތަކުގެ އިންސާނި ވަސީލަތް ތަރައްގީކޮށް ބިނާކުރުމުގައި ޔޫއެންއޯޑީސީ، ޔޫއެންޑީޕީ އަދި ޖަޕާނުގެ ސަރުކާރުން ވެދޭވާ އެހީތެރިކަމަކީ ރާއްޖެއަށް ވަރަށް އަގުހުރި ފައިދާތަކެއް ލިިބިގެންދާ ކަމެއްކަމުގަ އެވެ. އަދި މި ފަރާތްތަކުގެ އެހީތެރިކަމާއެކީ އެ ސެންޓަރުން ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިން ވައިލެންޓް އެކްސްޓްރިމިޒަމް އެކުލަވައިލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.