ކުޅިވަރު

މިލާންގެ ޑާބީ ކާމިޔާބުކޮށް އިންޓަ އެއްވަނައަށް

ސޭރިއާ ގައި މިލާންގެ ކުރިމަތިލުމުގައި، އޭސީ މިލާންގެ މައްޗަށް ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކުން 4-2 ން މޮޅުވެ އިންޓަ މިލާން ތާވަލުގެ އެއް ވަނައަށް ޖެހިލައިފި އެވެ.

ފުރަތަމަ ހާފު މިލާނުން ނިންމާލީ، ޒްލަޓާން އިބްރޮހިމޮވިޗް ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގައި ކާމިޔާބު ކުރި ލަނޑުން 2-0 ން ލީޑްގައި އޮވެގެންނެވެ. އޭގެ ފަސް މިނެޓް ކުރިން އެންޓޭ ރެބިކް ވަނީ މިލާންގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

އިންޓަގެ ހަތަރު ލަނޑު، ދެ ވަނަ ހާފުގައި ފެށިގެން ދިޔައިރު، އެ ހާފުގެ ފުރަތަމަ 10 މިނެޓްގައި އިންޓައިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ނަތީޖާ ބަދަލު ކޮށްލުމުގައި އެ ޓީމުގެ ކެޕްޓަން މޭސެލޯ ބްރޯޒޮވިޗް ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އިންޓަގެ ފުރަތަމަ ލަނޑު މެޗުގެ 51 ވަނަ މިނެޓްގައި ކާމިޔާބު ކުރީވެސް ބްރޯޒޮވިޗް އެވެ. އިންޓަގެ ދެ ވަނަ ލަނޑު 53 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މަޓިއަސް ވަސީނޯ އެވެ.

އިންޓައަށް މެޗުގެ ލީޑް ނަގައިދިނީ 70 ވަނަ މިނެޓްގައި ސްޓެފަން ޑި ވްރޭ އެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑު ރޮމެލޫ ލުކާކު ކާމިޔާބު ކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓްގަ އެވެ.

އިންޓަ އެއް ވަނައިގައި އޮތީ ޔުވެންޓަސް އާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ދެ ޓީމަށް ވެސް ލިބިފައި ވަނީ 54 ޕޮއިންޓެވެ. އިންޓަ އަށް ފައިދާ ގޯލުން ކުރި ލިބެ އެވެ.