ކުޅިވަރު

ރެއާލްގެ ފަހަތުގައި ބާސާ ވިއްދައިފި

ރެއާލް މެޑްރިޑް އޮސަސޫނާގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އެއް ވަނަ މަގާމު ދެމެހެއްޓިއިރު ރެއާލް ބެޓިސްގެ މައްޗަށް 3-2 ން މޮޅުވެ ބާސެލޯނާ ރެއާލްގެ ފަހަތުގައި ވިއްދައިފި އެވެ.

ރެއާލް އާއި ބާސާ ވެސް އެ ދެ ޓީމު ކުޅުނު މެޗުތަކަށް ނުކުތީ، މިދިޔަ ހަފުތާގައި ސްޕެނިޝް ކަޕުން ދެ ޓީމުވެސް ކެޓުމުގެ ހިތްދަތި ކަމާއެކު އެވެ. އޮސަސޫނާގެ ދަނޑުގައި ފުރަތަމަ ލީޑް ނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ 14 ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ އުނައި ގާސިއާ އެވެ.

ރެއާލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 30 ވަނަ މިނެޓްގައި އިސްކޯ ކާމިޔާބު ކުރި ލަނޑުންނެވެ. އޭގެ ފަސް މިނެޓް ފަހުން ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ މެޗުގެ ލީޑް ރެއާލްއަށް ނަގައިދީފަ އެވެ.

ދެ ވަނަ ހާފުގެ ބޮޑު ބައެއް އެއް ލަނޑުގެ ލީޑެއްގައި އޮވެގެން ރެއާލް ކުޅެން ޖެހުމުން އޮސަސޫނާގެ ފަރާތުން ޕްރެޝަރު ކުރިމަތިވި އެވެ. މެޗުގެ ނަތިޖާ ފުޅާ ކުރީ ގެނައި ބަދަލު ތަކުން މެޗުގެ އެންމެ ފަހު 10 މިނެޓްގަ އެވެ. ރެއާލްގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ލުކަސް ވަޒްކްއޭޒް އެވެ. ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ލުކަ ޔޯވިޗް އެވެ.

ބާސާ އާއި ބެޓިސްގެ މެޗުގައި ފެނިގެން ދިޔައީ، ބާސާގެ ކެޕްޓަން ލިއޮނަލް މެސީގެ އެސިސްޓް ހެޓްރިކެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީ ބެޓިސް އިންނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ހަ ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ކެނާލްސް އެވެ. އޭގެ ތިން މިނެޓް ފަހުން ފްރޭންކީ ޑި ޔޯންގް ވަނީ ބާސާއަށް ނަތިޖާ ހަމަހަމަ ކޮށްދީފަ އެވެ.

އަލުން ބެޓިސްއިން ވަނީ ލީޑް ނަގާފަ އެވެ. މެޗުގެ 26 ވަނަ މިނެޓްގައި އެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ނަބީލް ފެކިއާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އަނެއްކާ ވެސް ބަސާއިން ނަތީޖާ ހަމަހަަމަ ކުރި އެވެ.

ބާސާ މޮޅުކޮށްދިން ލަނޑު 72 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކްލަމެންޓް ލިންގްލެޓް އެވެ. ރެއާލް އެއް ވަނައިގައި އޮތީ ތިން ޕޮއިންޓްގެ ލީޑަކާ އެކު އެވެ.