ޖިއްދާއިން މާލެއަށް

ފަތުރުވެރިންނަށް ރައްކާތެރިކަން ދޭންޖެހޭ

ފަރުތުވެރިކަމަކީ އިސްލާމީ ނަޒަރުން ބަލާއިރު އެކަމަށް އިސްލާމީ ޝަރީޢަތުގައި ތަރުޙީބު ދީފައިވާ ކަމެކެވެ. ބިން މަތީގައި އެއްތަނުން އަނެއް ތަނަށް ދަތުކޮށް އެކި ތަންތަނަށް ޒިޔާރަތްކޮށް އެކި ޤައުމުތަކުގެ މީހުން އުޅުނު ގޮތާއި އުޅޭ ގޮތާއި އެއުރެންގެ ހަޟާރަތާއި ޘަޤާފަތް ދަނެ، އެކަންކަމުން ޢިބްރަތާއި ފިލާވަޅު ލިބިގަތުމާއި ހިތްހަމަޖެހުން ހޯދުމަކީ ދީން ބާރު އަޅާފައިވާ ކަމެކެވެ.

މާތް ﷲ ކީރިތި ޤުރުއާނުގެ އަލްމުލްކު ސޫރަތުގެ ފަނަރަ ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ. "އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، ފަސޭހަތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެ އެވެ. ފަހެ، އެތާނގެ ކަންކޮޅުތަކުގައި ތިޔަބައި މީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި رزق ން ކާށެވެ!"

އިސްވެ ދިޔަ އާޔަތާއި އިސްލާމްދީނުގެ ޢާއްމު އުޞޫލުތަކަށް ނަޒަރު ހިންގާލުމުން އިލްހާމް ކޮށްދެނީ އެއްތަނުން އަނެއް ތަނަށް ދަތުރު ކުރުމަކީ ބާރު އަޅާފައިވާ ކަމެއް ކަމުގަ އެވެ. އަދި އެއީ ދީނީ، އިންސާނީ، ބައިނަލްއަޤުވާމީ މިންގަނޑުތަކުން ބަލާއިރު ވެސް ކޮންމެ މީހަކަށް ވެސް ލިބިގެންވާ ޙައްޤެއްކަމެވެ. އެ ޙައްޤަށް އުނިކަން ގެނައުމާއި އެ ޙައްޤު ނިގުޅައި ގަތުމަކީ ޖާއިޒު ވެގެންވާ ކަމެއްނޫނެވެ.

ކުޑަވެސް ޝައްކެތްނެތެވެ! އިސްލާމްދީނަކީ އިޙުސާންތެރިކަމުގެ މައްޗަށް ޤާއިމުވެގެންވާ އެންމެ މަރިވެތި ދީނެވެ. މިހެންކަމުން އިސްލާމީ ޤައުމުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހެޔޮކޮށް ހިތުމުގައި މުސްލިމުން މިސާލު ދައްކަންޖެހޭނެ އެވެ. އިސްލާމްދީނުގެ ޚާއްޞަވެގެންވާ ސިފަތަކުގެ ތެރޭގައި ރަޙުމަތާއި ކުލުވެރިކަމާއި އިޙުސާންތެރިކަން ހިމެނެއެވެ. ދުނިޔޭގެ ގިނަ ބައްރުތަކެއްގައި އިސްލާމްދީން ފެތުރިގެން ދިޔައީ މުސްލިމުންގެ ރިވެރި އަޚުލާޤުގެ ސަބަބުންކަމީ ތާރީޚުގައި ރަން އަކުރުން ލިޔެވިފައިވާ ޙަޤީޤަތެކެވެ.

އާދެ! އިސްލާމްދީނުގައި މެހުމާނުންގެ ދަރަޖަ މަތިވެރި ކުރައްވާފައި ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. "މާތް ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާމީހާ، އޭނާގެ މެހުމާނާއަށް ހެޔޮކޮށްހިތާށެވެ." މި މަތިވެރި ބަސްފުޅުން ދޭހަކޮށް ދެނީ މެހުމާނުންނަށް ކަމޭ ހިތުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއްކަމުގަ އެވެ. އަދި އެކަމަކީ ނުހަނު މަތިވެރި ސަވާބާއި ދަރުމަހުރި ކަމެއްކަމުގައެވެ. އެއީ ވަކި ދީނެއްގެ މީހެއްކަމުގައި ބެލުމެއްނެތި ކޮންމެ މެހުމާނަކަށް ކަމޭހިތުމަކީ ދީނުގެ ތެރެއިންވާ ކަމެކެވެ. އެމީހެއްގެ މަޤާމާއި ގުޅޭ ފަދައިން އެމީހަކަށް މެހުމާންދާރީ ދިނުމަކީ ދީނުގެ ތެރެއިންވާ ކަމެކެވެ.

މުސްލިމު ޤައުމުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަބުރާއި މުދަލާއި ފުރާނައަށް ރައްކާތެރިވުމަކީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ ކޮނޑުގައި އެޅިފައިވާ ދީނީ ވާޖިބެކެވެ. ކޮންމެ ދީނެއްގެ ފަތުރުވެރިއެއްކަމުގައި ވިޔަސް އެމީހަކާ މެދު އިޙުސާންތެރިކޮށް ކަންކަން ކުރުމަކީ ދީން އަންގަވާފައިވާ ގޮތެވެ. މާތް ﷲ ވަޙީކުރައްވާފައި ވަނީ ޞުލްޙަވެރި ކަމާއެކު އުޅޭ އެހެން ދީންތަކުގެ މީހުންނަށް ހެޔޮކޮށް ހިތުމަށެވެ. އިޙުސާންތެރިވުމަށެވެ. އެއީ ﷲ ލޯބިވެވޮޑިގެންވާ ޢަމަލެއްގައި ޤުރުއާނުގައި ބަޔާން ވެގެން ވެއެވެ.

ޤައުމަށް އައިސް އުޅޭ ފަތުރުވެރިންގެ ތެރެއިން ބައެއް ފަރާތްތަކަކީ މުސްލިމުންގެ ޘަޤާފަތަށް އެހާ ފަރިތަ ބަޔަކަށް ނުވެދާނެ އެވެ. އެފަދަ ޙާލަތުގައި ވެސް އެމީހުންނާ މެދު ޢަމަލު ކުރަން ޖެހޭނީ ވަރަށް އިޙުސާންތެރިކޮށެވެ. އިސްލާމްދީނުގެ ރިވެތިކަން އެމީހުންނަށް ހާމަވެގެން ދާނީ އެފަދަ ޙާލަތުގަ އެވެ.

ވިސްނައި ފިކުރު ހިންގާށެވެ! މިސްކިތުގެ ތެރެއަށް ކުޑަކަމު ދިޔަ އަޢުރާބީއާމެދު ކީރިތި ރަސޫލާ ޢަމަލުފުޅު ކުރެއްވި ގޮތުން ނަމޫނާ ލިބިގަންނަންޖެހޭނެ އެވެ. އޭނާ މިސްކިތުގެ ތެރެއަށް ކުޑަކަމު ދަނިކޮށް އަޞްޙާބު ބޭކަލުންނަށް ފެނިވަޑައިގަތުމުން އެބޭކަލުން އަވަސްވެ ވަޑައިގަތީ ގަދަކަމުން އޭނާ އެތަނުން ބޭރަށް ލުމަށެވެ. ނަމަވެސް ކީރިތި ރަސޫލާ ޙަދީސްފުޅު ކުރެއްވީ އޭނާ ކުޑަކަމު ގޮސް ނިމެންދެން ދޫކޮށްލެއްވުމަށެވެ.

އޭނާ ނިމުމުން، ގެންނަވައި އޭ އަޚާއެވެ. މި މިސްކިތްތަކަކީ ތިޔަ ފަދަ ކަންކަން ކުރުމަށް ހުރި ތަންތަނެއްނޫނޭ ޙަދީސްކުރެއްވި އެވެ. އަދި މިސްކިތްތަކަކީ ﷲ މަތިން ހަނދުމަކުރުމަށާއި ނަމާދު ޤާއިމު ކުރުމަށްޓަކައި ޚާއްޞަ ވެގެންވާ ﷲ ގެ ގެކޮޅުތައް ކަމުގައި އޭނާއަށް ޙަދީސްކުރެއްވިއެވެ.

އާދެ! އެ އަޢުރާބީ ފަހުން ބުނެފައިވަނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ވުރެ، ތިމަންނާއަށް ހެޔޮކޮށް ނަސޭޙަތްތެރިވި ބޭކަލަކު ތިމަންނާގެ ޙަޔާތުގައި ފެނިފައި ނުވެއެވެ. އެ އަޢުރާބީގެ ހިތުގައި އެކަމުގެ ސަބަބުން ކީރިތި ރަސޫލާއަށް މަތިވެރި މަޤާމެއް ދެވުނެވެ. މި ޙަދީސުން ދޭހަ ކޮށްދެނީ މުޖުތަމަޢުގައި މުންކަރާތްތައް ހިންގަން ދޫކޮށްލަންޖެހޭ ވާހަކައެއްނޫނެވެ. މުންކަރާތްތައް ހުއްޓުވުނުގައި އިޙުސާންތެރިވާންޖެހޭ ކަމެވެ.

އާދެ! އިސްލާމްދީނުގެ އެންމެ މަތިވެރި ފަސް މަޤުޞަދުގެ ތެރޭގައި މީސްތަކުންގެ ފުރާނައާއި އަބުރާއި މުދާ ޙިމާޔަތްކޮށް ރައްކާތެރިކުރުން ހިމެނެއެވެ. މި މަތިވެރި މަޤުޞަދުތައް ބިންމަތީގައި ޤާއިމު ކުރުމަކީ މުސްލިމުންގެ މަސްއޫލިއްޔަތެކެވެ.
އެއްވެސް މީހެއްގެ ދީނުގެ ސަބަބުން އޭނާގެ ފުރާނައަށް ނުރައްކާކޮށްގެން ނުވާނެ އެވެ. އެއީ އިސްލާމީ ޝަރީޢަތުގައި މަނާވެގެންވާ ކަމެކެވެ. ނުޙައްޤުން އެއްވެސް އިންސާނެއްގެ ފުރާނަ ދުއްވާލުމަކީ ކަނޑައެޅިގެން ޙަރާމްކަމެކެވެ. އެއީ ދުނިޔެއާއި އާޚިރަތުގައި ޢުޤޫބާތް ހުރި ކަމެކެވެ.

މި ޒަމާނުގައި ޙައްދުފަހަނައަޅާފައިވާ ބައެއް ފަރާތްތަކުން، ޖިހާދުގެ ނަމުގައި ޤައުމުތަކަށް އަންނަ ފަތުރުވެރިންނަށް އަމާޒު ކޮށްގެން ޙަމަލާތައް ދީފައި އެބަހުއްޓެވެ. އެއީ އިސްލާމީ ނަޒަރަކުން ބަލާއިރު ޖާއިޒުވެގެންވާ ކަމެއް ނޫނެވެ. ފަތުރުވެރިން ޤައުމަށް ވަންނަނީ ދައުލަތުން ކަނޑައަޅާފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އެއްގޮތަށެވެ. އަމާންކަން ލިބިގެންވާ ޙާލުގަ އެވެ. މި މަގުން އެއްވެސް ޤައުމަކަށް ވަދެ ހުރި ފަތުރުވެރިއެއް އެއީ ކޮންމެ ދީނެއްގެ މީހެއްކަމުގައި ވިޔަސް، އެމީހާގެ ފުރާނައަށް ގެއްލުން ދިނުމަކީ ޙަރާމް ވެގެންވާ ކަމެކެވެ. އަނެއްކޮޅުން އެއީ މަދަނީ މީހުންނެވެ. އެމީހުން ތިބޭ ތަންތަނާއި މުދަލަށް އިސްލާމްދީނުގައި ރައްކާތެރިކަން ދިނުމަށް އަމުރު ކުރައްވާފައި ވެއެވެ.

މިކަންކަމަކީ މިއަދުގެ ޒުވާންޖީލު ދަސް ކުރަން ޖެހޭނެ ކަންކަމެވެ. ފަހެ، ކީރިތި ޤުރުއާނުގައި ހުރި ހަނގުރާމައިގެ ޙާލަތުގައި ބާވާލެއްވިފައިވާ ބައެއް އާޔަތްތައް ނަގައިގައި އެ އާޔަތްތަކުގެ މަޤުޞަދުތަކާއި ޚިލާފަށް ބޭނުން ކުރުމަކީ ޖާހިލުކަމުގެ އެންމެ މަތީ ދަރަޖައެވެ. މިކަންކަމާ މެދު މުސްލިމު ޒުވާނުން ސަމާލު ވާން ޖެހޭނެ އެވެ.

ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި އިތުރު އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވި އެހެން ދީންތަކުގެ އެންމެނަށް ހެޔޮކޮށް ހިއްތަވައި މެހުމާންދާރީ ފުރިހަމަ ކުރެއްވިއެވެ. އެމީހުންނާ އެކަލޭގެފާނު އިސްތިޤުބާލު ކުރެއްވީ ވެސް އަލްމަސްޖިދުއް ނަބަވީގަ އެވެ. އެމަތިވެރި އަޚުލާޤުން މިއަދުގެ ޖީލުތަކުން ޢިބްރަތް ޙާޞިލް ކުރަން ޖެހޭނެ އެވެ.

އިސްލާމީ ޤައުމެއްގައި އަމާންކަން ލިބިގެން، އެބަހީ ވިސާ ލިބިގެން ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ވަދެ ތިބި އެންމެންނަކީ މުސްތައުމަނުންނެވެ. އެއީ ދައުލަތުން އަމާންކަން ދީފައިވާ ޞުލްޙަވެރި ފަރާތްތަކެވެ. އެއިގެ ތެރޭގައި ޑިޕްލޮމޭޓުންނާއި ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންނާއި، ވިޔަފާރިވެރިންނާއި ނޫސްވެރިންނާއި އަސްކަރީންނާއި އެކި ތަންތަނުގައި ވަޒީފާ އަދާކުރާ މީހުންނާއި ފަތުރުވެރިން ހިމެނޭނެއެވެ.

އެއިން މީހަކަށް އެއްވެސް ގެއްލުމެއް ދިނުމަކީ އިސްލާމީ ޝަރީޢަތުގައި ޖާއިޒުވެގެންވާ ކަމެއްނޫނެވެ. އެންމެ ޞައްޙަ ކަންބޮޑު ޙަދީސް ފޮތް ކަމުގައިވާ އިމާމު އަލް ބުޚާރީގެ ޞަޙީޙްގައި ޢަބްދުﷲ ބިން ޢަމްރުގެ އަރިހުން ރިވާވެގެން ވެއެވެ.

ސަލާމާތް ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނުގެ ހަދީސްކުރެއްވިއެވެ. " މުޢާހިދަކު، (އެބަހީ ދައުލަތުން އަމާންކަންދީގެން ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ޤައުމަށް ވަދެ ހުރިމީހަކަށް) ހަމަލާއެއް ދީ އޭނާ މަރައިފި މީހަކަށް ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ."

މި ފަދަ މުޢާހިދުންގެ ތެރޭގައި ޓޫރިސްޓުންނާއި ރަސްމީ ބޭނުންތަކަށް ޤައުމަށް އައިސްއުޅޭ ބިދޭސީންނާއި މުސްލިމެއްގެ ދަޢުވަތަކަށް އައިސް ތިބޭ ޣައިރު މުސްލިމުން ހިމެނޭނެކަމުގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. ވީމާ، މިކަންކަމާމެދު މުސްލިމުން ވިސްނައި ފިކުރު ހިންގަންޖެހޭނެއެވެ.

އާދެ! ޤައުމުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންވެސް، ޤައުމުތަކުގެ ދީނާއި ސަޤާފަތާއި ޢާއްމު ދިރިއުޅުމުގެ ވައްޓަފާޅިއަށް އިޙުތިރާމްކުރަންވާނެ އެވެ. އަދި އެމީހުންނަށް ޤައުމުގެ ސަޤާފަތް އޮޅުން ފިލުވައި ދިނުމަކީ ޓްވަލްއެޖެންސީތަކުން ކުރަންވާނެ ކަމެކެވެ. ސަޤާފަތާއި ޤާނޫނާއި ޤަވާޢިދުތަކަށް އިޙުތިރާމްކުރުމަކީ ތަހުޒީބުކަމެކެވެ.ސަޤާފަތާއި ޤާނޫނާއި ޤަވާޢިދުތަކުގެ ތަރަހައިން ބޭރުވާ ފަރާތްތަކަށް ތަރަހައިގެ ތެރެއަށް ގެނައުމައްޓަކައި ޤާނޫނު ހިންގާ ފަރާތްތަކުން ފިޔަވަޅުތައް އަޅަންވާނެއެވެ. ޤައުމު ހެޔޮ ގޮތުގައި ކުރިއަށް ދާނީ އެއިރުންނެވެ.