އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލުއާ މިއަދު ބައްދަލުކުރައްވައިފި އެވެ
ބަންޑާރަކޮށީގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި، އެމްއެންޑީއެފްގެ ގާބިލްކަން އިތުރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަދި، އެމްއެންޑީއެފްގެ ސްޓެރެޓަޖީ މިސްރާބާ ބެހޭގޮތުންނާއި، މެރިޓައިމް ސެކިއުރިޓީ އަދި ކައުންޓާ ޓެރަރިޒަމްއާ ގުޅޭ ގޮތުން ދެ ގައުމުގެ ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
އިނގިރޭސި ސަފީރު، ޗީފް އޮފް ޑިފެންސްއާ މިއަދު ބައްދަލްކުރައްވާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު ކ. މާފުށީގައި މަސްތުގެ ހާލުގައި އައުރަ ނިވާނުކޮށް އުޅުނު އިނގިރޭސި އަންހެނަކު ހައްޔަރުކުރި މައްސަލަ ވަނީ ވަރަށް ހޫނުވެފައެވެ. އަދި އެ މައްސަލައާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރު ކުރާނެ ކަމަށް ބުނެ މަޖިލީހުން ވަނީ އޭނާގެ ކިބައިން މައާފަށްވެސް އެދިފައެވެ.
އަންހެން ފަތުރުވެރިޔާ، ފުލުހުން ހައްޔަރުކުރީ މާފުށީގެ މަގުމަތީގައި ނިވާކަން ކުޑަ ހެދުމެއްގައި އުޅެނިކޮށެވެ. އޭނާ ނިވާ ކުރުމަށް ފުލުހުން މަސައްކަތް ކުރުމުން ވަނީ ގަދަކަން ދައްކައި ފުލުހުންނަށް ހުރަސް އަޅާފަ އެވެ. އެހެންވެ ފުލުހުން އޭނާ ހައްޔަރުކުރަން ޖެހުނީ ގަދަކަމުންނެވެ. އަންހެން މީހާގެ އަމަލުތަކަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.