އިންޑިޔާގެ އެއް އަހަރުގެ ކުއްޖަކަށް ޔޫއޭއީގައި ނަސީބު ނަންބަރެއް ދިމާވެގެން އެއް މިލިއަން ޑޮލަރު ލިބިއްޖެ އެވެ. މި ކުއްޖާއަށް ނަސީބު ލައްވާލީ އެ ކުއްޖާގެ ނަމުގައި އޭނާގެ ބައްޕަ ގަތް ލޮޓަރީ ޓިކެޓަކުންނެވެ.
ޑުބާއީ ޑިއުޓީ ފްރީގެ ޕްރޮމޯޝަންގައި މުހައްމަދު ސަލާހުގެ ބައްޕަ ރަމީސް ރަހްމާން ބައިވެރިވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މިފަހަރު ދަރިފުޅުގެ ނަމުގައި އޭނާ ޓިކެޓް ގަތީ އޮންލައިން ކޮށެވެ.
ގަލްފް ނިއުސް އިން ބުނެފައިވާ ގޮތުގައި ރަހްމާންގެ ދަރިފުޅަށް ނަސީބު ނަންބަރު ދިމާވިކަން އިއުލާން ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
ރަހްމާން ބުނި ގޮތުގައި މި އުފާވެރި ޚަބަރުން އޭނާއަށް ވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ. އަދި ޑުބާއީ ޑިއުޓީ ފްރީން މި ޕްރޮމޯޝަން ބޭއްވި ކަމަށްޓަކައި އޭނާ އެ ފަރާތަށް ޝުކުރު އަދާކުރި އެވެ. މި ނަސީބު ނަންބަރު ދިމާވުމުގެ ސަބަބުން ދަރިފުޅަށް ރަނގަޅު މުސްތަގްބަލެއް ބިނާ ކޮށްދިނުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ވެސް ރަހްމާޏް ބުންޏެވެ.
އިންޑިއާގެ ވަރަށް ގިނަ ރައްޔިތުންނަށް ޔޫއޭއީ އިން މިފަދަ ނަސީބު ނަންބަރުތައް މީގެ ކުރިން ވެސް ދިމާވެފައި ވެއެވެ. އެގޮތުން މިދިޔަ އަހަރު ޔޫއޭއީއަށް ވަޒީފާއެއް ހޯދަން ގޮސް ނާކާމިޔާބު ވެގެން އެނބުރި އިންޑިޔާއަށް އައި ދަނޑުވެރިއަކަށް ވެސް ހަތަރު މިލިއަން ޑޮލަރުގެ ނަސީބު ނަންބަރެއް ލައްވާލާފައި ވެއެވެ. އެ ޓިކެޓު އެމީހާ ގަނެފައިވަނީ އަންހެނުން އަތުން ދަރަންޏަށް ނެގި ފައިސާ އަށެވެ.