ލައިފްސްޓައިލް

ފިންލެންޑުގައި ވިހޭގެ ޗުއްޓީ ދެމަފިރިންނަށް

މުޅިންވެސް އަންހެނުން ހިންގާ ގައުމެއް ދުނިޔޭގައި އޮވެދާނެ ކަމަކަށް 2019 ފެށުނުއިރު ވެސް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ އެވެ. މިފަދަ ވާހަކައެއް މީގެ ކުރިން ބުނި ނަމަވެސް ގިނަ ބަޔަކު ބުނާނީ އެއީ ޚިޔާލީ ފޮލައެއް ކަމަށެވެ. މިކަން ހަގީގަތަކަށްވީ މިދިޔަ އަހަރު ފިންލެންޑްގެ ބޮޑުވަޒީރަކަށް ޒުވާން އަންހެން ބޭކަނބަލެއް ކަމަށްވާ ސަންނާ މެރިން ހޮވުނު ހިސާބުންނެވެ.

ފިންލެންޑްގައި އާ ސަރުކާރެއް އެކުލަވާލީ ފަސް ޕާޓީއެއް އެކުވެގެން އުފެއްދި ކޯލިޝަނަކުންނެވެ. މި ހުރިހާ ޕާޓީތަކެއްގެ ވެސް ލީޑަރުންނަކީ އަންހެން ކަނބަލުންނެވެ. އަންހެނުންނަށް ވެސް ގައުމެއް ހިންގިދާނެކަމުގެ ފުރިހަމަ މިސާލެއް ފިންލެންޑްގެ އަންހެން ކަނބަލުން މިހާރު ދަނީ ދައްކަމުންނެވެ. މި ކަނބަލުން ގެންގުޅެނީ ދެ ޖިންސަށް ހަމަހަމަކޮށް ހުރިހާ ފުރުސަތެއް ވެސް އޮތުމުގެ އުސޫލެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހު ފިންލެންޑްގެ ސަރުކާރުން އިއުލާންކުރި އާ ޕޮލިސީގެ ދަށުން ވިހާ ކޮންމެ އަންހެނަކަށް ހަތް މަހުގެ ޗުއްޓީ ލިބޭ ފަދައިން ދަރިފުޅުގެ ބައްޕަ އަށް ވެސް ހަމަ އެ މުއްދަތަށް ހަމަ މުސާރައާއެކު ޗުއްޓީ ލިބޭނެ އެވެ.

އަދި މާބަނޑު މީހާއަށް ވިހެއުމުގެ ކުރިން އެއް މަސް ދުވަހުގެ ޗުއްޓީ ލިބޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.
ފިންލެންޑްގެ ހެލްތް އެންޑް ސޯޝަލް މިނިސްޓަރު ވިދާޅުވީ މި ޕޮލިސީގެ ބޭނުމަކީ އެ ގައުމުގެ މީހުން ވިހާ މިންވަރު ދަށް ވަމުން ދާތީ ވިހާ މިންވަރު އިތުރު ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

އަލް ޖަޒީރާގައިވާ މި ރިޕޯޓުގައިވާ ގޮތުން ދެމަފިރިން ކުރެ އެކަކަށް އެމީހުންނަށް ލިބިފައިވާ ޗުއްޓީގެ ތެރެއިން 69 ދުވަސް އަނެއް މީހާއަށް ޓްރާންސްފާ ވެސް ކުރެވޭނެ އެވެ. އަދި އެކަނިވެރި މައިންނަށް ފިރިހެންމީހާއަށް ލިބޭ އެލަވަންސް އިތުރަށް ލިބޭނެ އެވެ.