ލައިފްސްޓައިލް

ހަތަރު މަހުން ސާނިއާ މިރްޒާ 26 ކިލޯ ލުއިކޮށްފި

އިންޑިއާގެ މަޝްހޫރު ޓެނިސް ޗެމްޕިއަން ސާނިއާ މިރްޒާ ހިކެން ކުރި މަސައްކަތަކީ ނަމޫނާ މަސައްކަތެކެވެ. ސާނިއާ ވަނީ އޭނާ ހިކެން ކުރި ދަތުރު އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. ސާނިއާ ގަބޫލު ކުރާ ގޮތުގައި އޭނާގެ އިންސްޓަގްރާމް ޕޯސްޓް ކިޔާފައި ކޮންމެވެސް ބަޔަކަށް ހިކެން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިދާނެ އެވެ.

އޭނާގެ ބަރުދަނަށް އައި ބަދަލު ކިޔައިދެމުން ސާނިއާ ބުނީ މިހާރު 89 ކިލޯ އިން 63 ކިލޯއަށް ލުއިވެއްޖެ ކަމަށެވެ. އޭނާއަށް 26 ކިލޯ ބަރުދަން ލުއި ކުރަން ނެގީ ހަތަރު މަސް ކަމަށް ވެސް ސާނިއާ ބުނެފައި ވެއެވެ. އަދި އެވެސް ދަރިއަކު ވިހެއުމަށްފަހުގަ އެވެ.

ސާނިއާ ބުނި ގޮތުގައި އޭނާއަށް އެކަން ވެއްޖިއްޔާ އެހެން މީހުންނަށް ވެސް ވާނެ އެވެ.

ސާނިއާ ކައިވެނި ކޮށްފައިވަނީ ޕާކިސްތާނުގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔެއް ކަމަށްވާ ޝުއައިބު މާލިކާ އެވެ. އެ ދެ މީހުންގެ ފުރަތަމަ ދަރިފުޅު އުފަންވެފައި ވަނީ 2018 ގެ އޮކްޓޯބަރު ގައެވެ. ސާނިއާ ހިކެން މަސައްކަތް ފެށީ އިންޓަނޭޝަނަލް ޓެނިސް މުބާރާތްތަކުގައި ވާދަކުރަން ތައްޔާރުވާން ފެށުމަށް ފަހުގަ އެވެ.

ސާނިއާގެ މި އިންސްޓަގްރާމް ޕޯސްޓް ވައިރަލްވެ ލައްކަ އަކަށް ވުރެ ގިނަ މީހުން ވަނީ ލައިކް ދީފަ އެވެ. އަދި ވަރަށް ފާޑުފާޑުގެ ކޮމެންޓްތައް ވެސް ގިނަ ބަޔަކު ފޮނުވާފައި ވެއެވެ. މީގެ ތެރެއިން ގިނަ ބަޔަކު ހުރީ ސާނިއާ ކުރި މަސައްކަތަށް ތައުރީފު ކޮށްފަ އެވެ. އޭނާއަށް މަލާމާތުގެ ބަސްތައް ރައްދުކުރި މީހުން ވެސް މަދުން ނަމަވެސް ތިއްބެވެ