ފުޓްބޯޅަ ލެޖެންޑް، ބްރެޒިލްގެ ޕެލޭއަށް ޑިޕްރެޝަންގެ މައްސަލަ ކުރިމަތިވެފައި ކަމަށް، އޭނާގެ ދަރިފުޅު އެޑީނިއޯ ބުނެފި އެވެ.
އެޑީނިއޯ ބުނީ، އެ މައްސަލަތަކާ ގުޅިގެން، ޕެލޭ ގޭގައި މަޑުކޮށް އަރާމު ކުރަން ފަށާފައިވާ ކަމަށެވެ. އެޑީނިއޯ ބުނީ އޭނާގެ ބައްޕައަށް ޑިޕްރެޝަންގެ މައްސަލަ ކުރިމަތިވީ އުކުޅުވަޅަށް ލިބިފައިވާ އަނިޔާ ރަނގަޅުވުން ލަސް ވަމުންދާތީ ކަމަށެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި މަޝްހޫރުވެފައިވާ ޕެލޭ ވަނީ އޭނާގެ ކެރިއަރުގައި ތިން ފަހަރަށް ވޯލްޑް ކަޕް ހޯދާފަ އެވެ. އަންނަ އޮކްޓޯބަރު މަހު 80 އަހަރު ފުރޭ ޕެލޭ އަށް ވަނީ ފަހަކަށް އައިސް ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތި ވެފަ އެވެ.
އޭނާގެ އުކުޅުވަޅަށް ކުރިމަތިވެފައިވާ އަނިޔާގެ ސަބަބުން ހިނާގާ އުޅުމަށް އޭނާއަށް ވަނީ ގޮންޖެހުންތައް ކުރިމަތި ވެފަ އެވެ. އެންމެ ފަހުން ވެސް ޕަބްކުން ޕެލޭ ފެނުނު އިރު އޭނާ ހުރީ ވީލް ޗެއާގަ އެވެ.
ބްރެޒިލުން ހޯދި، ފަސް ވޯލްޑް ކަޕްގެ ތެރެއިން ތިން ވޯލްޑް ކަޕް ހޯދީ ޕެލޭގެ ހިއްސާއާ އެކު އެވެ. ގައުމީ ޓީމަށް 77 ލަނޑު ޖަހައިގެން، ބްރެޒިލްގެ ގައުމީ ޓީމުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ އޭނާ އެވެ. ކުލަބު ލެވްލަގައި އޭނާ ވަނީ ސަންޓޯސްއަށް 1000 ވުރެ ގިނަ ލަނޑު ޖަހައިދީފަ އެވެ.