ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ހިސާބު: އެމްޑީޕީއަށް މާލެއިން 12،000 ވޯޓް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަށް 12،000 ވޯޓް ލިބިވަޑައިގަންނަވާނެ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި މިރޭ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުން އެމްޑީޕީއަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބިވަޑައިގަންނަވާނެ ކަމަށާ އެކަމާ އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.

ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރަށް ތައުރީފުކުރައްވާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި އަނަސް 12،000 ވޯޓް ނަންގަވާނެ ކަމަށެވެ. އަދި އަނަސްއާ އެންމެ ގާތުން ވާދަކުރާ ކެންޑިޑޭޓަކަށް 1500 ވޯޓްވެސް ލިބިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު މި ދަންނަވަނީ، ބައްލަވަން ތިއްބަވާ އަނަސް 12،000 މާލޭ ވޯޓް ނަގާނެ. އަޅުގަނޑު ވަރަށް ރަނގަޅަށް، އިރާދަކުރެއްވިއްޔާ 12،000 މާލޭ ވޯޓް އަނަސް ނަންގަވާނެ. މިކަމާ އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކެއްނެތް. އެންމެ ގާތްކުރާ މީހާއަށް 1500 ވޯޓްވެސް ނުނަގާނެ، ބައްލަވާތި." ރައީސް ނަޝީދު ވިދާޅުވިއެވެ.

ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި އަނަސް ހުންނަވައިގެން ކޮށްދެއްވި މަސައްކަތްތަކަށްވެސް ތައުރީފު ކުރައްވާ ވާހަކަދައްކަވާފައެވެ.

އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް އިދިިކޮޅު ޕީޕީއެމުންވެސް ކެންޑިޑޭޓަކު ނެރޭނެކަން ވަނީ އިއުލާނުކޮށްފައެވެ. އަދި އެ ކެންޑިޑޭޓަކީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ޑރ، މުއިއްޒު އަދި ރަސްމީކޮށް އެއްޗެއް ވިދާޅެއްނުވެއެވެ.

ދާދިފަހުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި މިއަހަރުގެ ފުރަތަމަ ޖޮއިންޓް ކައުންސިލް ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ މައްސަލަތަކެއް ބަލަން ފަށާފައިވަނީ މާލޭގެ މޭޔަރު ކަމަށް ނިކުމެދާނެ ކަމަށް ދެކިގެން ކަމަށެވެ. މުއިއްޒު ވިދާޅުވީ އިދިކޮޅުން ކުރި އިިއުލާނަކުން މިވަރުވާއިރު، މޭޔަރު ކަމަށް ވާދަކުރެއްވުމަށް ފޯމް ހުށައަޅައިފިނަމަ އަދި ކޮށްލާނެ ވަރުވެސް ނޭންގޭ ކަމަށެވެ.

"އަޅުގަނޑު ހިތަށް އަރާ، މިވެގެން އުޅޭގޮތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން އަޅުގަނޑު މާލޭގެ މޭޔަރު ކަމަށް ނިކުމެދާނެ ކަމަށް ދެކި، ޕީޕީއެމްގެ ފަރާތުން މިހާތަނަށް ވަނީ.. ޕީޕީއެމާއި ޕީއެންސީގެ އިސްވެރިން ވަނީ މި ކަމަށް ވަރަށް ބޮޑަށް ވާހަކަ ދައްކަވާފައި. މިވަރަށް މިވާހަކަ ދެކެވިފައިވާތީ އަޅުގަނޑު ނިކުމެދާނެ ކަމުގެ ބިރަށް މި ބޭފުޅުން ހަމަ ކުރާ ކަންކަމޭ. އަޅުގަނޑު ހިތަށް އަރާ މި ފޯމް، ކައުންސިލް އިންތިހާބަށް މާލޭ މޭޔަރު ކަމަށް ކުރިމަތިލާ ފޯމް އިލެކްޝަންސް ކޮމިޝަނަށް ލައިފިނަމަ އަދި ކިހާވަރެއްވާނެބާއޭ..." މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މޭޔަރުގެ ރޭހަށް ނިކުންނަވާނެ ކަމެއް އެރޭ ވެސް މުއިއްޒު ވިދާޅެއް ނުވިއެވެ. ނަމަވެސް ވިދާޅުވީ ބިރު ދައްކައިގެން، މައްސަލަތައް ބަލައިގެން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"ކިތަންމެ ބޮޑު ތުހުމަތެއް އަޅުގަނޑުގެ ބޮލުގައި އެޅުވިނަމަވެސް، ކިތަންމެ ނުރައްކަލެއް އަޅުގަނޑުމެންނާ ކުރިމަތި ކުރިކަމުގައިވިޔަސް އަދި ކިތަންމެ ބޮޑު އަދަބެއް ނުހައްގުން ދިން ނަމަވެސް، ދީނާ ގައުމުގެ ހައްގުގައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރުމުގައި އަޅުގަނޑު ފަހަތަށް ނުޖެހި ސާބިތުކަމާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވަން."