ލައިފްސްޓައިލް

ޑިޕްރެޝަނަށް އެންމެ ރަނގަޅު ސްނެކްސް!

ޑިޕްރެޝަން އަކީ ޔަގީނުން ވެސް ވަރަށް ވޭން ދެނިވި ބައްޔެކެވެ. ޑިޕްރެޝަންގެ މައްސަލައެއް ދިމާވެއްޖެނަމަ ބޭހާއި ކޮންސެލިން ކޮންމެހެން ވެސް ހޯދަން ޖެހެ އެވެ. ނަމަވެސް ޑިޕްރެޝަން އަށް ލުއި ލިބޭ ކާނާ ހުންނަކަމަށް ވަރަށް ގިނަ ތަޖުރިބާކާރުން އެއްބަސްވެ އެވެ. ބައެއް ކަހަލަ ކާނާ ކެއުމުން މޫޑު ރަނގަޅުވެ، ސިކުނޑިއަށް ޕޮޒިޓިވް އަސަރުތަކެއް ކުރެ އެވެ.

ވަރަށް ފަހުން ސައިންސްވެރިން ހޯދާފައިވާ ހޯދުމެއްގައި ވަނީ ޑިޕްރެޝަންގެ މައްސަލަތައް ދިމާވާ މީހުން ކެއުން ރަނގަޅު ކާއެއްޗެއް ހޯދާފަ އެވެ. އެއީ ޔޯގަޓެވެ. ޔޯގަޓަކީ ސިއްހަތަށް ވަރަށް ފައިދާޙުރި އެއްޗެއްކަން ގިނަ ބަޔަކަށް އެނގެ އެވެ. އަދި ޔޯގަޓް ކެއުމުން ޖަންކް ފުޑާއި ސިއްހަތަށް ފައިދާ ނުކުރާ ކާއެއްޗިއްސާ ދުރުވާން ފަސޭހަވެ އެވެ.

ޔޯގަޓްގައި ވަރަށް ތަފާތު ނިއުޓްރިއަންޓްސް ހުރެ އެވެ. މިރޮނގުން ސައިންސްވެރިން އެންމެ ފަހުން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ހެނދުނުގެ ނާސްތާއަށް ޕްރޮބައޮޓިކް ބޭނުން ކުރުމަކީ ވެސް ޑީޕްރެޝަންގެ މައްސަލަތަކަށް ވަރަށް އެދެވޭ ފައިދާއެއް ކުރާނެ ކަމެކެވެ.

ޖާނަލް، ސައިންޓީފިކް ރިޕޯޓްސްގައި ޔުނިވަސިޓީ އޮފް ވާޖީނިއާ ސްކޫލް އޮފް މެޑިސިންގެ ސައިންސްވެރިންގެ ޓީމަކުން ކޮށްފައިވާ ދިރާސާއެއް ޝާއިއުކޮށްފައި ވެއެވެ.

މި ދިރާސާ ރިޕޯޓު ލިޔުނު އެސިސްޓެންޓް ޕްރޮފެސާ އަލްބަން ގޯލްޓާ ވިދާޅުވީ މިހާރު ޑިޕްރެޝަނަށް ޑޮކްޓަރުން ލިޔެދެއްވާ ބޭސް ތަކަކީ އެމީހުންނަށްވާ އުނދަގޫތައް ކުޑަކޮށްދޭން ދޭ ބޭހެވެ. ނަމަވެސް މި ބޭސްތަކުގައި ވަރަށް ގިނަ ސައިޑް އިފެކްޓްސް ހުރެ އެވެ. އެހެންވެ މިއަށް ވުރެ ރަނގަޅު ފައިދާކުރާ ބޭހެއް ހޯދަން ޖެހިފައިވާ ކަމަށް ވެސް ސައިންސްވެރިން ގަބޫލު ކުރެ އެވެ.

މި ދިރާސާ ކުރުމަށް ސައިންސްވެރިން ވަނީ މީދާތަކެއް ވަރަށް ބޮޑަށް ސްޓްރެސް ކުރުވާފަ އެވެ. މި މީދާތައް ސްޓްރެސް ކުރިލެއް ބޮޑުކަމުން އެސޮރުމެންނަށް ޑިޕްރެޝަންގެ މައްސަލަތައް ދިމާވާން ފެށި އެވެ. ދެން ބެލީ މީދާތައް ސްޓްރެސް ކުރުމުގެ ކުރިން އެ ސޮރުމެންގެ ބަނޑުގައި ބެކްޓީރިއާ ހުރި މިންވަރާއި ފަހުން ބެކްޓީރިއާ ހުރި ވަރެވެ. މި ހޯދުމުން އެނގުނު ގޮތުގައި ބަނޑުގައި ބެކްޓީރިޔާ ހުންނަ މިންވަރާއި ނަފްސާނީ ސިއްހަތާ ވަރަށް ބޮޑު ގުޅުމެއް ހުރެ އެވެ.
ލެކްޓޯބެސިލަސް (ބަނޑުގައި ހުންނަ ރަހުމަތްތެރި ބެކްޓީރިއާ)ގެ ލެވެލް ހުންނަ މިންވަރާއި ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވުމާ ގުޅުންތަކެއް ވާކަން ވެސް ސައިންސްވެރިން ފާހަގަ ކުރި އެވެ. އެހެންކަމުން ކެއުމުގައި ލެކްޓޯބެސިލަސް ސަޕްލިމެންޓް ބޭނުންކުރުމުން ޑިޕްރެޝަންގެ މައްސަލަތަކަށް ހައްލު ލިބޭކަން ފާހަގަ ކުރެވިފައިވާ ކަމަށް މި ރިޕޯޓުގައި ވެއެވެ.

ލެކްޓޯބެސިލަސް އިން ލޭގައި ކައިނުރެނިއަން ހުންނަ ވަރު ބެލެންސް ކުރުމަށް އެހީތެރިވެދެ އެވެ. ކައިނުރެނިއަން އަކީ މެޓަބޮލިޒަމް ރަނގަޅުކުރުމަށް ލޭގައި ހުންނަ ސަބްސްޓެންސް އެކެވެ. އެހެންވެ ލެކްޓޯބެސިލަސް އެކުލެވޭ ކާނާ ކެއުމުން ޑިޕްރެޝަނާ ދުރުވެ އެވެ.

މި ދިރާސާ އަކީ ވަރަށް ޅަފަތުގެ ސްޓޭޖެއްގައިވާ ހޯދުމެކެވެ. މިރޮނގުން މިއަށްވުރެ ތަފްސީލީ ދިރާސާތައް ބޭނުންވާ ކަމަށް ސައިންސްވެރިން އެއްބަސް ވެއެވެ. މިހާތަނަށް މި ޓެސްޓްކުރީ މީދަލުގެ ކަމަށް ވާތީ އެ ސޮރުމެންނަކަށް ސްޓްރެސް ވެގެން ޑިޕްރެޝަނަށް ދިޔައަސް ބުނެދެވޭގޮތެއް ނޯވެ އެވެ. ޔޯގަޓަކީ މޫނު ރަނގަޅު ކޮށްލަން ވެސް ކެއުން މުހިއްމު އެއްޗެކެވެ. އަދި ބަރުދަނާއި އެލާޖީ އަށް ވެސް ރަނގަޅު އެއްޗެކެވެ.