ރާއްޖެ ކުޅިވަރު

މެޗު ހޯނޑެއްދޫ އަށް، ތިނަދުއަށް 40،000 ގެ ޖޫރިމަނާއެއް

Sep 2, 2015

މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ހޯނޑެއްދޫ އަތުން 2-1 އިން ތިނަދޫ މޮޅުވި މެޗުން ތިނަދޫ 3-0 އިން ބަލިވި ކަމަށް ނިންމައި އެ ޓީމު 25000ރ. އިން އެފްއޭއެމުން މިއަދު ޖޫރިމަނާކޮށްފި އެވެ.

މި ގޮތަށް ނިންމީ މި ދެޓީމު މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ސަޕޯޓަރުންނާއި ތިނަދޫ ޓީމުގެ ބެންޗުން ދަނޑަށް އަރައި މެޗު ހަމަނުޖެހުމަކަށް ބަދަލުވެ ވަގުތު ހަމަނުވަނީސް މެޗު ހުއްޓާލަން ޖެހުމުންނެވެ.

މި މެޗުގެ މައްސަލަ ޑިސިޕްލިނަރީ ކޮމިޓީން ނިންމުމަށްފަހު ތިނަދޫގެ ކޯޗު އިބްރާހީމް ޝާހު ވަނީ މުޅި މުބާރާތަށް ސަސްޕެންޑްކޮށް، 15000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ. އެއީ ދަނޑުމަތީގައި ހިނގި ފައުލަކާ ގުޅިގެން ދަނޑަށް އަރައި އަމަލުތައް ބެހެއްޓި ގޮތުން ކަމަށް އެފްއޭއެމުން ތިނަދޫ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައިވެ އެވެ.

މީގެ އިތުރުން މެޗުގައި ހަމަނުޖެހުން އުފެދެން ދިމާވި ފައުލްކުރި ހޯނޑެއްދޫގެ ފޯވަޑް އާދަމް ލަރީފް (ރޮނާލްޑޯ) ފަސް މެޗަށް ސަސްޕެންޑްކޮށް 5000ރ. އިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި ހަމަނުޖެހުން ހިނގުމުގައ ހޯނޑެއްދޫ ޓީމުގެ ދައުރުވެސް އޮތް ކަމަށް ނިންމައި އެ ޓީމު ވެސް ވަނީ 6000ރ. އިން ޖޫރިމަނާކޮށްފަ އެވެ.

މި ހުރިހާ ޖޫރިމަނާތަކުގެ ތެރެއިން ޝާހުގެ ޖޫރިމަނާ ފައިސާ ފިޔަވައި އެހެން ޖޫރިމަނާތައް ކުރިއަށް އޮތް ހަފުތާ ބަންދުގައި ކުޅެން ޖެހޭ މެޗުގެ ކުރިން ދައްކަންޖެހެ އެވެ. އެހެންނޫނީ މިދެ ޓީމަށް ވެސް މެޗު ކުޅުމުގެ ފުރުސަތެއް ނުލިބޭނެ އެވެ. ޝާހު ޖޫރިމަނާ ފައިސާ ދައްކަންޖެހެނީ 30 ދުވަސްތެރޭގަ އެވެ.