ވިޔަފާރި

ރާއްޖެއަށް ދަތުރުކުރާ އެއާ އިޓަލީން ބަނގުރޫޓު ވެގެން ހުއްޓާލައިފި

Feb 12, 2020

ރާއްޖެއަށް މިދިޔަ އަހަރު ދަތުރު ފެށި، އެއާ އިޓަލީ ބަނގުރޫޓު ވެގެން ދަތުރުތައް ހުއްޓާލިކަން އިއުލާނުކޮށްފި އެވެ.

އިޓަލީގެ ދެވަނަ އަށް އެންމެ ބޮޑު އެއާލައިން ކަމަށްވާ އެއާ އިޓަލީ ހުއްޓާލިކަން އިއުލާނު ކުރިއިރު، އެ ކުންފުންޏަށް މިދިޔަ އަހަރު ވަނީ މާލީ ގޮތުން ބޮޑު ގެއްލުމެއް ކުރިމަތިވެފަ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު 160 މިލިއަން ޔޫރޯގެ ގެއްލުމެއް ވަނީ ލިބިފަ އެވެ.

އެއާ އިޓަލީ އިން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖެ އަށް ދަތުރު ކުރަން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އެ ފަހަރު ރާއްޖެ އަށް ދަތުރު ފެށިއިރު ހަފުތާއަކު ތިން ފްލައިޓް ބާއްވާފައިވެ އެވެ.

އެއާ އިޓަލީ ހުއްޓާލުމަކީ ޔޫރަޕުން އަންނަ ޓޫރިސްޓުން ގެނައުމަށް ކުރިމަތިވާނެ ދައްޗެއް ކަމަށް ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތް ތަކުން ވަނީ ބުނެފަ އެވެ. ސަބަބަކީ މި އެއާލައިންއަކީ އިޓަލީން ސީދާ ރާއްޖެ އަންނަ އެއާލައިން އަކަށްވުމެވެ.