ޓޫރިސްޓް އެރައިވަލް

ކޮވިޑަށްފަހު ފުރަތަމަ އަންނާނީ އިޓަލީ މީހުން

May 8, 2020
2

ކޮވިިޑް-19 އާ ގުޅިގެން ބޯޑަރު ބަންދު ކޮށްފައިވާ ބޯޑަރު ހުޅުވާއިރު އެންމެ ފުރަތަމަ އަންނާނީ އިޓަލީގެ ޓޫރިސްޓުން ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.

އެމްއެމްޕީއާރުސީން ވަނީ އިޓަލީން މީހުން ގެނައުމުގެ ގޮތުން އެ ގައުމުގެ ޓްރެވަލް ކުންފުނިތަކާއެކު ހާއްސަ ވެބް ސެމިނާއެއް ބާއްވާފަ އެވެ. އަދި އިޓަލީގެ އެންމެ ބޮޑު އެއް އޮންލައިން ޓްރެވެލް އެޖެންޓް ކަމަށްވާ އީޒީ މާކެޓް ޓްރެވެލް ސޮލިއުޝަނުން ބޭއްވި ހާއްސަ އޮންލައިން ސެމިނާ (ވެބިނާ) ގައި ވެސް ބައިވެރިވެފައި ވެއެވެ.

އެ ކުންފުނިން ބުނީ އެ ސެމިނާގައި 100 އަށްވުރެ ގިނަ ޓްރެވެލް އޭޖެންޓުން ބައިވެރިވެފައިވާ ކަމަށާ، ރާއްޖެއާބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރި އިރު މިހާރު މިއޮތް ހާލަތުގައި ވެސް ރާއްޖޭގެ ޝައުގުވެރިކަން ނުގެއްލޭ ކަމަށެވެ.

އިޓަލީއަކީ ރާއްޖެއަށް އެންމެ ފުރަތަމަ ޓޫރިސްޓަކު އައި ގައުމެވެ. އެ ގައުމުން ޓޫރިސްޓުން އަންނަން ފަށާފައި ވަނީ 1972 ވަނަ އަހަރު އެވެ.

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނު ގައުމުތަކުގެ ތެރޭގައި އިޓަލީވިލާތް ހިމެނެ އެވެ. ނަމަވެސް އެ ގައުމުގައި މިބަލި ކޮންމެ ވެސް ވަރަކަށް ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. އަދި ބައެއް ސަރަހައްދުތައް ދަނީ ހުޅުވާލަމުންނެވެ.

މިދިޔަ އަހަރު ރާއްޖެ އަށް 1.7 މިލިއަން މީހުން އައިސްފައިވެ އެވެ. ނަމަވެސް ކޮވިޑް-19 އާ މި އަހަރު ބާކީ އޮތް ދުވަސްތަކުގައި ޖުލައި މަހު ރާއްޖެ ހުޅުވާލިއަސް އަންނާނީ 800،000 ޓޫރިސްޓުން ކަަމަށް ސަރުކާރުގެ އަންދާޒާއިން ދައްކަ އެވެ.