ވިޔަފާރި

އިޓަލީގެ އެންމެ ބޮޑު ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ

Oct 15, 2018

އިޓަލީވިލާތުގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ ކަމަށްވާ ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް ފެއާގައި ރާއްޖޭން
ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ އިޓަލީގެ ރިމީގައި މިމަހުގެ 10-12 އަށް ބޭއްވި މި ފެއާގައި ޓޫރިޒަމް ދާއިރާގެ 37 މީހުންނާއެކު 20 ކުންފުނިން ބައިވެރިވި ކަމަށެވެ.

އެ ކުންފުނިން ބުނީ މިފެއާގައި ރާއްޖޭގައި ސްލޯގަން ކަމަށްވާ "ސަނީ ސައިޑް އޮފް ލައިފް" އިޝްތިހާރު ކުރުމަށް ތަފާތު ހަރަކާތް ތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ. މި ފެއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ހަދާފައިވާ 64 މީޓަރުގެ ދެ ސްޓޭންޑުގައި ރާއްޖޭގެ ކަނޑުގެ އަޑީގެ ރީތި މަންޒަރުތައް 'ވީއާރު' ބޭނުންކޮށްގެން ދައްކާލާފައިވެ އެވެ.

ޓީޓީޖީ އޭޝިއާ ފެއާގައި 2550 ސްޓޯލުގައި 150 މަންޒިލް ވަނީ ބައިވެރިވެފަ އެވެ. އަދި މިފެއާގައި 1500 ޓޫރިޒަމްގެ އެންމެ އިސް ފަރާތްތަކާއި 90 ގައުމުން 150 ނޫސްވެރިން އަދި 300 ބްލޮގަރުންވެސް ބައިވެރިވެ އެވެ.

އިޓަލީއަކީ ރާއްޖޭގެ އެންމެ މަގުބޫލު އެއް މަންޒިލެވެ. އެ ގައުމުން މިދިޔަ އަހަރު 88,848 މީހުން އައިސްފައިވެ އެވެ. އަދި މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 69,787 މީހުން ވަނީ ޒިޔާރަތް ކޮށްފަ އެވެ.