ޓޫރިޒަމް

ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް ފެއާގައި ރާއްޖެ

Oct 10, 2019

އިޓަލީގައި މިހާރު ކުރިއަށް ދާ ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް ފެއާގައި ރާއްޖެ އިން ބައިވެރިވެއްޖެ އެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި އިއްުޔެއިން ފެށިގެން މާދަމާގެ ނިޔަލަށް އިޓަލީގައި ކުރިއަށްދާ އެ ފެއާއަކީ އެ ގައުމުގައި މިގޮތަށް ބާއްވާ އެންމެ ބޮޑު އެއް ފެއާ އެވެ. ފެއާގައި ރާއްޖޭގެ 25 ކުންފުންޏަކުން ބައިވެރިވެފައި ވެއެވެ.

އެމްއެމްޕީއާރްސީ އިން ބުނި ގޮތުގައި ފެއާގައި ބައިވެރިވަނީ އެއީ އިޓަލީގައި ޓޫރިޒަމް ޓްރޭޑަށް ހާއްސަކޮށް ހިންގާ އެންމެ މުހިންމު ފެއާ އަށް ވެފައި އެ ގައުމުގައި ރާއްޖެ އިޝްތިހާރު ކުރުން އެއީ ވިޔަފާރިއަށް ހުޅުވިގެންދާ އިތުރު ދޮރަކަށްވާނެތީ އެވެ.

ފެއާގައި 90 ގައުމަކުން 2،131 އެގްޒިބިޓަރުން ބައިވެރިވެ އެވެ. ފެއާއަށް 44،647 މީހުން ޒިޔާރަތް ކުރާނެ އެވެ.

އިޓަލީގައި މި ފެއާ ކުރި އަށް ގެންދާއިރު "ޖާނީ ޓް ދަ ސަނީ ސައިޑް" ގެ ފެއާއެއް ވެސް އެ ގައުމުގައި ކުރި އަށް ގެންދެ އެވެ. އެ ފެއާ އޮންނާނީ މި މަހުގެ 14 އިން 15 އަށް ރޯމްގަ އެވެ. އެ އިވެންޓުގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ނުވަ ކުންފުންޏަކުން ބައިވެރިވެ އެވެ.

ރާއްޖެ އަށް އެންމެ ފުރަަތަމަ ޓޫރިސްޓު އައިސްފައިވަނީ ވެސް އިޓަލީއިންނެވެ. މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެ ގައުމުން 92,162 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 32.1 ޕަސެންޓު އިތުރުވުމެކެވެ.

މާކެޓިން ބަޖެޓު ބޮޑު ޓޫރިޒަމް ޕްރޮމޯޓް ކުރަން އެމްއެމްޕީއާރްސީ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ރާއްޖެ އިޝްތިހާރު ކުރަން މި އަހަރު ގިނަ ފެއާތަކެއްގައި ބައިވެރިވެފައިވެ އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ރާއްޖެ ބައިވެރިވާ ފެއާތަކާއި ބޭރުގެ އިވެންޓްތަކުގައިު ކުރިން ދިވެ ނޫސްވެރިން ބައިވެރި ކުރެއެވެ. ނަމަވެސް މި އަހަރުން ފެށިގެން އެމްއެމްޕީއާރްސީގެ ބަޖެޓް ބޮޑު ކުރުމަށްފަހު އެ ފުރުސަތެއް ނުދެއެވެ. އޭގެ4 ބަދަލުގައި ރާއްޖެއިން ބޭރުގެ ނަން މަޝްހޫރު ނޫން ލިޔުންތެރިން ރާއްޖެ ގެނެސް ހަރަދު ކުރެއެވެ.