މާލޭގައި ބަންގްލަދޭޝްގެ ޑާކާ އަބާހާނީއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުކޮށް، އަވޭގޯލްގެ އެޑްވާންޓޭޖުން، އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރަށް މާޒިޔާ ދަތުރު ކޮށްފި އެވެ.
މާޒިޔާއަށް އަވޭގޯލްގެ އެޑްވާންޓޭޖު ލިބުނީ މިދިޔަ ހަފްތާފައި، ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގްގައި ޑާކާގައި ކުޅުނު މެޗުގައި 2-2 ން އެއްވަރުވުމުންނެވެ. މިއަދުގެ މެޗުގައި މާޒިޔާއަށް ވަނީ ފުލުފުލުގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. ހާއްސަކޮށް އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލަން ޖެހެ އެވެ.
ފުރަތަމަ ހާފު ފަށައިގެން ފުރަތަމަ އަބަހާނީން ވަނީ މާޒިޔާގެ ފަހަތަށް ބާރު ބޮޑުކޮށްފަ އެވެ. އެހެންނަމަވެސް ފަހުން މާޒިޔާއިން މެޗު ޑޮމިނޭޓް ކުރި އެވެ. ދެ ވަނަ ހާފުގައި އަސަދުﷲ އޭރިއާގެ އަރިމަތިން، އޭރިއާގެ ތެރެއަށް ނަގައިދިން ބޯޅަ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އާއި ކޯނޭލިއަސް ސްޓާވާޓް ދެ ފަހަރެއްގެ މަތިން ފޮނުވާލަން އުޅުމުންވެސް ރަނގަޅަށް ބޮލުގައި ލައްވައި ނުލުމުން އެ ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސްވެގެން ބޭރަށެވެ.
ފަހުން އަސަދުﷲ ހުސްކޮށް އޭރިއާ ތެރެއަށް ވަދެ ފޮނުވާލަން އުޅުނު ބޯޅަ އޭނާގެ އަތުން ކޮންޓްރޯލް ގެއްލުމުން އަބަހާނީގެ ޑިފެންޑަރުން ވަނީ އެބޯޅަ ކޯނަރަކަށް ބޭރުކޮށްލާފަ އެވެ. އަދި އަބާހަނީގެ ކުޅުންތެރިން އެ ޓީމުގެ ކީޕަރު ޝާހިދުލް އާލަމްއަށް ބޯޅަ ދިނުމުން، އަސަދުﷲވެސް ވަނީ އެ ބޯޅަ ހޯދަން އާލަމްގެ ކުރިމަތިން ވިއްދާފަ އެވެ. އަސަދުﷲ ވިއްދުމުން އާލަމްއަށް އަށް ރަނގަޅަށް ބޯޅަ ފޮނުވާނުލެވުމުން އެ ބޯޅަ ދިޔައީ އަމިއްލަ އޭރިއާގެ ތެރެއަށެވެ. އެވަގުތު ގޯލްވެސް އޮތީ ހުސްކޮށެވެ. އެހެންނަމަވެސް އަސަދުﷲ އަށް ބޯޅަ ލިބުމުގެ ކުރިން ޝާހިދުލް އާލަމް ވަނީ އެ ބޯޅަ ކޯނަރަކަށް ބޭރު ކޯށްލާފަ އެވެ.
މާޒިޔާއަށް އެންމެ ރަނގަޅު ފުރުސަތު ލިބުނީ އަފްގާނިސްތާންގެ ޑިފެންޑަރު ޝަރީފް މުހައްމަދަށެވެ. މާޒިޔާއިން ނެގި ކޯނަރު ގޯލް ކުރިމަތީގައި ހުހަށް ހުރެފައި އޭނާ ބޮލުން ފޮނުވާލި ބޯޅަ އެރީ ހުރަސް ދަނޑިމައްޗަށެވެ. އަބަހަނީއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ އެ ޓީމުގެ ރުބެލް މިއާ އަށެވެ. މާޒިޔާގެ އޭރިއާގެ ތެރެއިން އަބާހާނީ ފިލްސް ބެލްފޮޓް ދިން ބޯޅަ ރުބެލް ފޮނުވާލުމުން އެ ބޯޅަ ދިޔައީ ގޯލް ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ ފަހު ކޮޅުގައި އަބާހަނީގެ ކުޅުންތެރިންނާއި މާޒިޔާގެ ބެންޗާދެމެދު ވަނީ ކުރިމަތި ލުމެއް ހިނގާފަ އެވެ. އެ ހަމަނުޖެހުން ހިނގީ މާޒިޔާގެ ބެންޗާ ދިމާލުން ބޯޅަ ބޭރަށް ދިއުމުން އަބާހަނީގެ ކުޅުންތެރިޔާ ބޯޅައެއްލުމަށް ދިއުމުން، އޭނާއަށް ހުރަސް އެޅޭގޮތަށް މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮސްކީ ހުރުމުން އަބާހާގެ ކުޅުންތެރިޔާ މާޒިޔާގެ ކޯޗާ ދިމާކޮށްލުމުންނެވެ. އެކަން ހުއްޓުވުމަށް އަބަހާނީ ބެންޗުގައި ތިބި އެ ޓީމުގެ އޮފިޝަލުންވެސް ވަނީ މާޒިޔާގެ ބެންޗާ ދިމާލަށް އައިސްފަ އެވެ. އެ ހަމަނުޖެހުމުގެ ތެރެއިން މާޒިޔާގެ އެސިސްޓެންޓް ކޯޗް އަހްމަދު ޝުޒެއިރު (ކޮއްކޮ) ބެންޗުން ފޮނުވާލި އެވެ.