ވޭލްސް ސަބްމެރިން

3000 ޑައިވާއެކު އާމިރާއަށް ދުނިޔޭގެ ރެކޯޑެއް!

ރާއްޖޭގައި އޮތް ހަމައެކަނި ޕެސެންޖާ ސަބްމެރީނަކީ ދުނިޔޭގައި އެންމެ ފުނަށް ޑައިވްކުރާ ސަބްމެރިންތަކުގެ ތެރޭ ހިމެނޭ އަދި އެންމެ ކެޕޭސިޓީ ބޮޑު އެއް ޓޫރިސްޓް ސަބްމެރީނެވެ. ވޭލް ސަބްމެރިން މޯލްޑިވްސްގެ މި ސަބްމެރިންއަކީ އެއްފަހަރާ 50 މީހުންނަށް ދަތުރު ކުރެވޭނެ ގޮތަކަށް ފަރުމާ ކުރެވިފައިވާ ސަބްމެރީނެވެ. މީގެ 19 އަހަރު ކުރިން ހިދުމަތަށް ނިކުތް ވޭލް ސަބްމެރިން މިހާތަނަށް 350،000 މީހުން ހިމެނޭ ގޮތަށް 10،000 ވުރެ ގިނަ ޑައިވް ކޮށްފައިވެއެވެ.

މިއީވެސް ރެކޯޑް އަދަދެކެވެ. ނަމަވެސް މި ރެކޯޑްތަކުގެ ތެރެއަށް މިފަހަރު މިވަނީ އެއަށްވުރެ މާ ހާއްސަ ރެކޯޑެކެވެ. ވޭލް ސަބްމެރިންގެ 10،000 ޑައިވްގެ ތެރެއިން 3،000 ޑައިވްކުރިއިރު ސަބްމެރިން ދުއްވި ކެޕްޓަންއަކީ ވޭލް ސަބްމެރިންގެ ޗީފް ޕައިލެޓް އައިޝަތު އާމިރާއެވެ. 3،000 ޑައިވްއާއެކު އާމިރާ ހިމެނިގެން ގޮސްފައިވަނީ ދުނިޔޭގައި އެންމެ ގިނަ ސަބްމެރިން ޑައިވްކުރި އަންހެން ކެޕްޓަނުންގެ ތެރޭގައެވެ.

ވޭލް ސަބްމެރިން މޯލްޑިވްސް މިހާރު ވަނީ އާމިރާގެ 3،000 ވަނަ ޑައިވާއެކު އޭނާގެ ގިނިސް ވޯލްޑް ރިކޯޑްގައި ހިމެނުނުގެ މަސައްކަތް ފަށާފައެވެ. އަވަސްއާ ވާހަކަދައްކަމުން ވޭލް ސަބްމެރިން މޯލްޑިވްސް އިސް އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ދުނިޔޭގައިވެސް 3،000 ޑައިވްކުރި އަންހެން ކެޕްޓަނެއް ހުންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އެހެން ކަމުން އާމިރާގެ ނަން ގިނިސް ވޯލްޑް ރިކޯޑް ފޮތުގައި ހިމެނުމަށް އެ ކުންފުނިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެކަމަށް އެދި މިހާރު އެ ފަރާތަކަށް ހުށައަޅާފައިވާ ކަމަށެވެ.

ކެޕްޓަން އާމިރާ ވޭލް ސަބްމެރިން މޯލްޑިވްސްގައި މަސައްކަތްކުރާތާ 17 އަހަރުވަނީ ވެފަ އެވެ. އަދި ލައިސަސް ހޯދައިގެން ޕައިލެޓެއްގެ ގޮތުގައި މަސައްކަތްކުރާތާ މިވީ 10 އަހަރެވެ.

މިިދިޔަ 10 އަހަރުގެ ތެރޭގައި ކޮންމެ ދުވަހަކީވެސް އާމިރާއަށް ބުރަ ދުވަހެކެވެ. ހާއްސަކޮށް ފަތުރުވެރިކަމުގެ ސީޒަންތެރޭގައެވެ. ސަބްމެރިންގެ ހިދުމަތް ހޯދާ 99 އިންސައްތައަކީ ފަތުރުވެރިން ކަމުގައިވާއިރު، ސީޒަންތެރޭގައި ކޮންމެ ދުވަހަކީ އެންމެ މަދުންވެސް ހަތަރު ދަތުރު ކަނޑުގެ އަޑިއަށް ކުރެއެވެ. ބައެއް ދުވަސްތަކުގައި ހަ ޑައިވްސްވެސް ކުރެއެވެ.

"މިއީ ވަރަށް އުފާވެރި ވަޒީފާއެއް، ބުރަ އެހެނަސް ހިތްހަމަޖެހުން ބޮޑު ވަޒީފާއެއް. ކޮންމެ ދުވަހަކީވެސް ކަނޑު އަޑީގެ ތަފާތު މަންޒަރުތައް ބަލައިލުމުގެ ފުރުސަތު ލިބޭ ދުވަހެއް. ބައެއް ދުވަސްވަރު ހައިރާންވާފަދަ މަންޒަރުތައް ފެނޭ. ހާއްސަކޮށް އެކްސްޓްރާ އޯޑިނަރީ އެއްޗެހި ފެންނަން ދުވަސްތައް އެއީ ވަރަށް ފާހަގަކޮށްލެވޭ ދުވަސްތަކެއް." މިހާތަނަށް ކުރެވުނު 3000 ޑައިވްއާ ގުޅޭގޮތުން އަވަސްއާ ވާހަކަދައްކަމުން އާމިރާ ވިދާޅުވިއެވެ.

"ޑީޕް ސީ ރެސްޓޯރަންޓް" ގެ ޚިދުމަތް ފެށުމަށް ބޭއްވި ޑިނާގައި ބައިވެރިވުމަށް އަވަސްގެ ނޫސްވެރިން ކުރި ތަޖްރިބާއާއި ގުޅޭގޮތުން މީގެ ކުރިން ތައްޔާރުކޮށްފައިވާ ވީޑިއޯއެއް --

އެންމެ ގިނައިން ސަބްމެރިން ޑައިވްކުރި އަންހެން ކެޕްޓަންގެ ޝަރަފް އާމިރާއަށް ލިބުމަކީ ކުޑަ ކަމެއް ނޫނެވެ. ހާއްސަކޮށް މިފަދަ ދާއިރާއަކުން ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އަންހެނަކަށް އާމިރާވުމަކީ އަދި އެއަށްވުރެ ބޮޑު ޝަރަފެކެވެ.

އާމިރާގެ ފަރާތުން އަންހެނުންނަށް އޮތީ ހާއްސަ މެސެޖެކެވެ. އޭނާގެ ނަޒަރުގައި ކުރިއަށް ދިއުމާއި، ކާމިޔާބަކީ ވަކި ޖިންސަކަށް އޮތް ކަމެއް ނޫނެވެ. ކާމިޔާބަކީ ހިތްވަރާ، ހިތްމަތާއެކު މަސައްކަތްކުރާ މީހުންގެ ހައްގެކެވެ. އެއީ އެ ދެ ސިފަ ކުރި ކޮންމެ މީހަަކަށްވެސް ހާސިލްކުރެވޭނެ އެއްޗެކެވެ. އެހެން ކަމުން ވަޒީފާގެ ބާޒާރުގައި ވަކި ޖިންސަކަށްވީތީ ފަހަތަށް ނުޖެހުމަށް އާމިރާ ހުރިހާ އަންހެނުންގެ ކިބައިން އެދެއެވެ.

"ހިތްވަރެއް ހުރިއްޔާ ކޮންމެ ކުއްޖަކަށްވެސް މިދާއިރާއިން ކުރިއަށްދެވޭނެ. އަޅުގަނޑުވެސް ވަރަށް ހިތްވަރާއެކު ކުރި މަސައްކަތުން މިހާ ހިސާބަށް މި އާދެވުނީ. އެހެންވީމަ އަންހެނަކަށްވީތީ ވަކި ނުކުރެވޭނެ ކަމެއް ނޯންނާނެ. ބޭނުންވަނީ ހިތްވަރާއެކު ކުރިއަށްދިއުން. މިއީ ވަކި ޖިންސަކަށް ހާއްސަ ކަމެއް ނޫން. އަޅުގަނޑު ދެކެނީ ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ފިރިހެނުންވެސް ފަހަނައަޅާ ދެވޭނެ."

ހިތްވަރެއް ހުރިއްޔާ ކޮންމެ ކުއްޖަކަށްވެސް މިދާއިރާއިން ކުރިއަށްދެވޭނެ. އަޅުގަނޑުވެސް ވަރަށް ހިތްވަރާއެކު ކުރި މަސައްކަތުން މިހާ ހިސާބަށް މި އާދެވުނީ. އެހެންވީމަ އަންހެނަކަށްވީތީ ވަކި ނުކުރެވޭނެ ކަމެއް ނޯންނާނެ. ބޭނުންވަނީ ހިތްވަރާއެކު ކުރިއަށްދިއުން. މިއީ ވަކި ޖިންސަކަށް ހާއްސަ ކަމެއް ނޫން. އަޅުގަނޑު ދެކެނީ ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ފިރިހެނުންވެސް ފަހަނައަޅާ ދެވޭނެ
ކެޕްޓަން އައިޝަތު އާމިރާ | ވޭލް ސަބްމެރިންގެ ޗީފް ޕައިލެޓް

ކަނޑުގެ 50 މީޓަރު އަދި 100 މީޓަރާއި 120 މީޓަރުގެ އަޑިއަށް ކޮންމެ ދުވަހަކު އާމިރާ އެތައް ބަޔަކު ގޮވައިގެން ދަތުރުކުރަމުންދަނީ ފަރިތަކަމާއެކުގައެވެ. މަސައްކަތަށް އޮތް ލޯބި ދައްކަމުންނެެވެ.

އަވަސްއާ ވާހަކަދައްކަމުން ވޭލް ސަބްމެރިންގެ ވެރިޔާ އުމަރު ނަސީރު ވިދާޅުވީ ކެޕްޓަން އާމިރާއަކީ މަސައްކަތުގައި ނަމޫނާ އަންހެނެއް ކަމަށެވެ. އަދި 3،000 ޑައިވްއާއެކު ދުނިޔޭގެ ރެކޯޑް ފޮތުން އޭނާއަށް ޖާގައެއް ލިބިގެންދިއުމަކީ މުޅި ކުންފުންޏަށްވެސް ލިބޭނެ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

އުމަރު ފާހަގަކުރައްވާ ގޮތުގައި އާމިރާގެ އެންމެ ހާއްސަ ދެ ސިފައަކީ މުރާލި ކަމާއި އަޒުމް ވަރުގަދަ ކަމެވެ. އަދި ކަނޑުގެ ގަދަ އޮޔަށް ހާސްކަމެއްނެތި ފުރިހަމަ އިތުބާރާއެކު މިދިޔަ 10 އަހަރުގެ ތެރޭގައި އާމިރާ ކޮށްފައިވަނީ ތައުރީފު ހައްގު އަދި ދިވެހި އަންހެނުންނަށް ނަމޫނާ މަސައްކަތެކެވެ.

"ވަރަށް މުރާލި، އަޒުމް ވަރުގަދަ ސްޓާފެއް އެއީ. ކަނޑު އަޑީގެ ގަދަ އޮއިވަރާ ބައްދަލުވާ ފަހަރުތަކުގައިވެސް ހާސް ކަމެއްނެތި ޔަގީން ކަމާއެކު ސަބްމެރިންގެ ރޫޓުން ކައްސާލިއަކަށް ނުދީ ހިފަހައްޓާނެ. އެވަރުގެ އިތުބާރު ހުރި ސްޓާފެއް." ކެޕްޓަން އާމިރާއާ ގުޅޭގޮތުން އުމަރު ވިދާޅުވިއެވެ.

ވަރަށް މުރާލި، އަޒުމް ވަރުގަދަ ސްޓާފެއް ކެޕްޓަން އާމިރާއަކީ. ކަނޑު އަޑީގެ ގަދަ އޮއިވަރާ ބައްދަލުވާ ފަހަރުތަކުގައިވެސް ހާސް ކަމެއްނެތި ޔަގީން ކަމާއެކު ސަބްމެރިންގެ ރޫޓުން ކައްސާލިއަކަށް ނުދީ ހިފަހައްޓާނެ. އެވަރުގެ އިތުބާރު ހުރި ސްޓާފެއް
އުމަރު ނަސީރު | ވޭލް ސަބްމެރިންގެ ވެރިޔާ

ކެޕްޓަން އާމިރާގެ މި ކާމިޔާބީ ވޭލް ސަބްމެރިން މޯލްޑިވްސްއިން ފާހަގަކުރަނީ އުފަލާއެކުގައެވެ. އަދި މިއީ ދިވެހި އަންހެނުންނަށް ލިބިދިން މުހިންމު މެސެޖެއްގެ ގޮތުގައި އެ ކުންފުނިން ދެކެއެވެ.

3،000 ޑައިވްއާއެކު އާމިރާ ހުރީ އަދިވެސް މި ދާއިރާއިން ކުރިއަށް ދިއުމުގެ ވިސްނުމުގައެވެ. ލިބުނު ތައުލީމާއި ތަމްރީންގެ އެހީގައި ރާއްޖޭގެ ކަނޑު، ފަރުތަކުގެ ރީތިކަން ދޭސީންނާއި ބިދޭސީނަށް ދައްކާލާނެ ކެޕްޓަނެއްގެ ގޮތުގައެވެ.