ލައިފްސްޓައިލް

މާބަނޑުއިރު ދަރިފުޅަށް އޭޑީއެޗްޑީ ޖެހިދާނެ!

ބަލިވެ އިނދެ ކުއްޖަކު ވިހެއުމުގެ މަރުހަލާ އަކަށް އެއްގޮތަކަށް ވެސް ފަސޭހަ ދުވަސްތަކެއް ނޫނެވެ. އަމިއްލަ ނަފްސަށް އިތުރަށް އަޅާލަން ޖެހެ އެވެ. ހަމަ އެގޮތަށް ބަނޑުގައި އޮވެ ހެދިބޮޑުވަމުން އަންނަ ތުއްތު ފުރާނައަށް ވެސް ވިސްނަން ޖެހެ އެވެ. މާ ބޮޑަށް ވަރުބަލިވެ ގޮތްގޮތް ވީ ނަމަވެސް މާބަނޑުއިރު ހުރިހާ ހަށިގަނޑަށް ފައިދާހުރި ބެލެންސް ޑައިޓެއް ނެގުމުގެ މުހިއްމުކަން ވަރަށް ބޮޑެވެ. ސަބަބަކީ އެއްވެސް ވިޓަމިނެއް އެއްޗެއް މަދުވެއްޖެނަމަ ހީނުކުރާ ކަހަލަ މައްސަލަތައް ބަނޑުހައި އޮންނަ ދަރިފުޅު ވިހެއުމަށް ފަހު ވެސް ކުރިމަތިވުމުގެ ފުރުސަތު އޮންނާތީ އެވެ.

ފަހުގެ ހޯދުމަކުން ދައްކާ ގޮތުގައި މާބަނޑު ދުވަސްވަރު ހަށިގަނޑުގައި ހުންނަންވާ ވަރަށް ވިޓަމިން ޑީ ނެތުމަކީ ލިބޭ ދަރިފުޅަށް އޭޑީއެޗްޑީގެ މައްސަލަތައް ދިމާވެދާނެ ސަބަބެކެވެ. އޭޑީއެޗްޑީ އަކީ ކުޑަކުދިންނަށް މިހާރު ވަރަށް އާއްމުކޮށް ދިމާވާ މައްސަލަ އެކެވެ. މި މައްސަލަ ދިމާވާ ކުދިންނަށް ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުމާއި، އަމިއްލަ ނަފްސު ކޮންޓްރޯލްކުރުން އަދި އެއްތަނެއްގައި މަޑުން އިންނަން އުނދަގޫ ވުން ކަހަލަ ކަންތައްތައް ކުރިމަތިވެ އެވެ.

ފިންލެންޑްގެ ޔުނިވަސިޓީ އަކާއި އެމެރިކާގެ ކޮލަމްބިއާ ޔުނިވަސިޓީން ކުރި މިފަހަރުގެ ރިސާޗްއަށް ފަންޑުކޮށްފައިވަނީ އެކަޑެމީ އޮފް ފިންލެންޑް އިންނާއި އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް މެންޓަލް ހެލްތު އިންނެވެ.
މި ދިރާސާގެ މަގްސަދަކަށް ވެފައި އޮތީ ބަލިވެ އިންނަތާ އެންމެ ކުރީކޮޅުގަޔާއި މެދެއްހާ ހިސާބުގައި މައިމީހާގެ ހަށިގަނޑުގައި ވިޓަމިން ޑީ ލެވެލް ދަށްވުމާއި އެމީހުން ވިހާ ދަރިންނަށް އެޓެންޝަން-ޑެފިސިޓް/ހައިޕައެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) މައްސަލަތައް ކުރިމަތިވުމާ ގުޅުން އޮތް ވަރެއް ބެލުމެވެ.

މި ދިރާސާގައި މަސައްކަތްކުރެއްވި ޕްރޮފެސާ އެންޑްރޭ ސައުރަންޑޭ ވިދާޅުވި ގޮތުގައި ވިޓަމިން ޑީ ބޭނުންވަނީ ދުވާލަކަށް އެންމެ 10 މައިކްރޯގްރާމްސްގެ މިންވަރު ނަމަވެސް ވިޓަމިން ޑީ ޑެފިޝިއަންސީ އަކީ މިހާރު މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ މައްސަލަ އެކެވެ. ފިންލެންޑްގެ މަންމައިންގެ ހަށިގަނޑުގައި ވެސް އެކަށީގެންވާ މިންވަރަށް ވިޓަމިން ޑީ ނުހުންނަކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އޭނާގެ އިރުޝާދަކީ ހަށިގަނޑަށް ބޭނުންވާ ހުރިހާ ވައްތަރެއްގެ ނިއުޓްރިއަންޓްސް އެއް ލިބޭ ގޮތަށް ކެއުން ބެހެއްޓުމަށެވެ. ޚާއްސަކޮށް މާބަނޑު ދުވަސްވަރު އިތުރަށް މިކަމަށް ފަރުވާތެރިވުމަށެވެ. ބަނޑުގައިވާ ދަރިފުޅު ސިއްހީ މައްސަލަތަކުން ސަލާމަތް ކުރެވޭނެ ގޮތަކީ މިއީ ކަމަށް އޭނާ ވިދާޅުވި އެވެ.