ވިޔަފާރި

ވިލިމާލޭގެ ދެ ސަރަހައްދެއް 24 ގަޑިއިރު ވިޔަފާރިއަށް

Feb 13, 2020

މާލޭ ސިޓީގެ ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ސަރަހައްދުތަކެއް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ސައި ހޮޓަލާއި ރެސްޓޯރަންޓް ހިންގުމުގެ ގަވައިދާއި ކެންޓީނާބެހޭ ގަވާއިދު އަދި އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވާއިދުގެ ދަށުން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް ވިލިމާލޭގައި އެދެވޭނީ ވިލިމާލެ ފެރީ ޓާމިނަލް ހިމެނޭ ސަރަހައްދާއި އެ ރަށު ވާރުހިނގުމުގައި ހުންނަ ވިޔަފާރި ތަކަށެވެ.

ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން، އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރާ ތަންތަނުގައި ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެއްޗެވެ. އަދި 24 ގަޑިއިރު ވިޔަފާރިކުމުގެ ހުއްދަ ދޫކުރެވޭނީ، ހުއްދައަށް އެދޭ ތަނުގައި ފުރިހަމަ ވާން ޖެހޭ ކަންކަން ފުރިހަމަވެފައި ވޭތޯ ބަލައި ޗެކް ކުރުމަށް ފަހު އެވެ.

ސައުވީސް ގަޑިއިރު ވިޔަފާރި ކުރާ ފަރާތް ތަކުން، ނަމާދު ވަގުތު ތަކަށް ތަން ބަންދު ކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި ވިޔަފާރި ކުރަން ދާ ފަރާތް ތަކަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަން ޖެހެ އެވެ.

ސައުވީސް ގަޑިއިރު ވިޔަފާރި ކުރުމުގެ މި ސަރުކާރުން ދީފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. މިހާރު
މާލޭގައި އާއި ހުޅުމާލޭގައި ވެސް މިފަދަ ގިނަ ވިޔަފާރިތަކެއް ހުރެ އެވެ.

ސައުވީ ގަޑިއިރު ހުޅުވައިގެން ވިޔަފާރި ކުރަން ހުއްދަ ދޭ ތަންތަން ހުންނަން ޖެހޭ މިންގަނޑު ތަކެއް ހުރެ އެވެ. އެއާ ހިލާފުވާ ފުރަތަމަ ފަހަރު ހަ މަހަށް ހުއްދަ ހިފަހައްޓަ އެވެ. ތަކުރާރުކޮށް ކުރާނަމަ ހުއްދަ ބާތިލް ކުރެ އެވެ.