ހަބަރު

ޓީއެމްއޭއަށް ގޮތެއް ނުހޯދިއްޖެ ނަމަ ބަދަލު ދިނުން ގާތް: ނަޝީދު

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި ސަރުކާރާ ދެމެދު އެއްބަސްވުމަކަށް އައުން މުހިންމު ކަމަށާއި އެކަމަށް ގޮތެއް ނުހޯދިއްޖެ ނަމަ އެ ކުންފުންޏަށް ބަދަލު ދޭން ޖެހުން ވަރަށް ގާތް ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއޭސީއެލް އާއި ޓީއެމްއޭގެ މުއާމަލާތްތައް ހިންގާފައި ހުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށެވެ. އެ މައްސަލައަށް ގޮތެއް ނުހޯދިއްޖެ ނަމަ ރަންވޭ ހުޅުވުން ލަސްވުމުގެ އިތުރުން ޓީއެމްއޭއަށް ބަދަލު ދޭން ޖެހިދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރާއި ޓީއެމްއޭއަށް ވެސް ފައިދާ ހުރި އެއްބަސްވުމަކަށް އައުން ވަރަށް ބޭނުންތެރި ކަމަށާއި ގޯސް ހެދި މީހުންނަށް އަވަސް ތަހުގީގެއް ފަށަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓް

މި މައްސަލާގައި އެމަނިކުފާނު ރޭ ވެސް ޓުވީޓެއް ކުރެއްވި އެވެ. އެގޮތުން ޓީއެމްއޭއާއި ސަރުކާރާ އެއްބަސްވެވޭ ގޮތައް ވީހާވެސް އަވަހަށް ގޮތެއް ނިންމަން ޖެހޭ ކަމަށާއި ގޯސް ކަމެއް ހިނގާފައިވާ ނަމަ އެކަން ކުރި މީހަކު ނުވަތަ ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރި އަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލް އިން ބޮޑު ޖާގައެއް ދޭން ނިންމާފަ އެވެ.

ނަމަވެސް އިއްޔެ މާލިއްޔަތު ކޮމެޓީގައި އެ ކުންފުނީގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން 19،000 އަކަމީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އެހެން ކަމުން އެގޮތަށް އަމަލުކޮށް ދިނުމަށެވެ. އެއީ މާލިއްޔަތުގެ ގަވާއިދާ ހިލާފު ކަމެއް ކަމަށް ބުނެ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މަޖިލީސް މެންބަރުންނާއި، ސިޔާސީ ބައެއް ބޭފުޅުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.