ލައިފްސްޓައިލް

އިންޑޮނީޝިޔާގެ ސްޕައިޑާމޭން މަގުތަކާއި ބީޗްތައް ސާފުކުރުމުގައި

އިންޑޮނޭޝިޔާގެ ރައްޔިތެއް ކަމަށްވާ ރޫޑީ ހާޓާނޯ އަކީ ކެފޭއެއްގައި މަސައްކަތްކުރާ ޒުވާނެކެވެ. އޭނާ ދިރި އުޅެނީ ޕަރޭޕަރޭ ކިޔާ ގޮނޑުދޮށުގައި އޮންނަ ރަށެއްގަ އެވެ. އެހިސާބުގަނޑުގައި ދިރިއުޅޭ މީހުން މަގުމައްޗަށާއި ގޮނޑުދޮށަށް ކުނި އަޅާތީ އެކަން ހުއްޓުވޭތޯ ހާޓާނޯ ވަރަށް މަސައްކަތް ކުރެ އެވެ.

އަދި މަގުތަކާއި ކުނިދޮށުގައި ހުންނަ ކުނި އަމިއްލައަށް ނަގާ ސާފުކޮށްގެން އެހެން މީހުންނަށް މިސާލު ދެއްކޭތޯ ވެސް އޭނާ ގަދައަޅާ މަސައްކަތް ކުރެ އެވެ. ނަމަވެސް އެ ހިސާބުގައި ދިރިއުޅޭ މީހުން ހާޓާނޯ އަކަށް މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. އެހެންވެ މީހުންގެ ސަމާލުކަން ހޯދުމަށް ހާޓާނޯ މޮޅު ގޮތެއް ވިސްނާލި އެވެ. ސްޕައިޑާމޭން އެއްގެ ކޮސްޓިއުމެއް އަޅައިގެން ކުނި ނަގަން ނުކުތެވެ.

"އެންމެ ފުރަތަމަ އަހަރެން ކުނި ނެގުމުގެ މަސައްކަތް ކުރީ ހަމަ އާދައިގެ ހެދުމުގައި ހުރެގެން. އޭރަކު އާއްމުންގެ ސަމާލުކަމެއް އަހަންނަކަށް އެއްގޮތަކަށް ވެސް ނުލިބޭ. އަދި އެއްވެސް މީހަކު އަހަންނާއެކު ކުނި ނެގުމުގައި ބައިވެރިވާކަށް ބޭނުމެއް ނުވޭ. އެހެންވެ އެހެން މީހުންގެ އެހީތެރިކަން ހޯދުމަށް އަހަރެން ސްޕައިޑަމޭން ކޮސްޓިއުމެއް އަޅައިގެން ނުކުތީ،" ހާޓާނޯ، 36، ބުންޏެވެ.

ސްޕައިޑާމޭންގެ ހެދުމުގައި ހާޓާނޯ މަގުމައްޗަށް ނުކުތުމާއެކު ގިނަ ބަޔެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. އަދި ހީވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް އޭނާގެ މަސައްކަތަށް ވެސް ލިބުނެވެ.

އިންޑޮނީޝިޔާގެ ބައެއް ހިސާބުތަކުގައި ކުނީގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އަދި މަގުތަކަށާއި ގޮނޑުދޮށަށް ކުނި އެޅުމުގެ ސަބަބުން އެ ތަކެތި މޫދަށާއި ކަނޑަށް ދެއެވެ. އިންޑޮނީޝިޔާއަކީ ދުނިޔޭގެ ހަތަރު ވަނައަށް އެންމެ އާބާދީ ބޮޑު ގައުމެވެ. އެ ގައުމުގައި އަހަރަކު 3.2 މިލިއަން ޓަނުގެ ކުނި އުފެދެ އެވެ. މީގެ ތެރެއިން ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި ދަނީ ކަނޑަށް ކަމަށް 2015 ގައި ނެރުނު ޖާނަލް ސައިންސް ދިރާސާގައި ބުނެފައި ވެއެވެ.

ހާޓާނޯ ސްޕައިޑަމޭން ހެދުމުގައި ކުނި ނެގުމުގެ މަސައްކަތް އާއްމުކޮށް ކުރަނީ އިރުއޮއްސި 7.00 ގައި އޭނާގެ ކެފޭގެ ޑިއުޓީ ފެށުމުގެ ކުރިންނެވެ. އަދި މިހާރު އޭނާ މި ކުރާ މަސައްކަތަށް ގައުމީ ފެންވަރެއްގައި ސަމާލުކަން ލިބިފައި ވެއެވެ. ވަރަށް ގިނަ ނޫސްތަކަށް އިންޓަވިއު ދީ އަދި ޓީވީ ޝޯތަކަށް ވެސް ހާޓާނޯ މިހާރު އަރަ އެވެ. މި ޝޯތަކުގައި ވެސް އޭނާ ބައިވެރިވަނީ ސްޕައިޑަމޭން ހެދުމުގަ އެވެ.

ހާޓާނޯ ބުނި ގޮތުގައި އޭނާ އެންމެ ފުރަތަމަ ސުޕައިޑަމޭން ހެދުން ގަތީ އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖަކަށް ހިތްހަމަޖައްސައިދޭން ވެގެންނެވެ. ނަމަވެސް މި ހެދުމުގެ ސަބަބުން އޭނާއަށް މިހާރު މުޅި ގައުމުގެ ސަމާލުކަން ލިބޭ ގޮތް ވީއެވެ. އޭނާގެ އުންމީދަކީ ކުނި ނައްތާލުމަށް ސަރުކާރުން ދޭ ސަމާލުކަން މިހާރަށް ވުރެ އިތުރު ވުމެވެ. ޚާއްސަކޮށް ޕްލާސްޓިކް ކުނި ނައްތާލެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެހިގެން ދިއުމެވެ. ސަބަބަކީ ޕްލާސްޓިކް ހަލާކުވެ ގިނަ ދުވަހު ހުރުމާއި ކަނޑަށް އުކާލެވޭ ޕްލާސްޓިކްގެ ސަބަބުން މަސްމަހާމެއްސަށް ނުރައްކާ ވެފައި ވާތީ އެވެ.