ލައިފްސްޓައިލް

ލޯބީގެ ހިތްދަތި ހަނދާންތައް ބޭސް ގުޅައަކުން ފުހެލަނީ؟

Feb 15, 2020

ލޯބީގެ ގުޅުމަކަށް ހިތި ނިމުމެއް ތަޖުރިބާކުރަންނުޖެހޭ މީހަކު މަދުވާނެ އެވެ. އެ ހިތި ހަނދާންތައް މުޅި އުމުރު، ލަކުނެއްގެ ސިފައިގައި ސިކުނޑިއާއި ހިތުން ނުފިލައި ހުރެ އެވެ.

އެހެނަސް، ކެނެޑާގެ ރީސާޗަރަކު ބުނާ ގޮތުގައި ތެރަޕީ އާއި ޕްރެޝަރު ދަށްކުރަން ބޭނުންކުރާ އާދައިގެ ބީޓާ ބްލޮކާއެއްގެ އެހީގައި، އެފަދަ ހިތި ހަނދާންތައް "އެޑިޓް" ކޮށްލެވިދާނެ އެވެ.

ޑރ. އެލެއިން ބްރުނެޓް ފާއިތުވި 15 ވަަރަކަށް އަހަރު ހޭދަ ކޮށްފައި ވަނީ ޕީޓީއެސްޑީ ދިރާސާ ކުރުމަށެވެ. އެގޮތުން، އޭނާ ވަނީ ހަނގުރާމަތަކުން އެނބުރި އަންނަ ސިފައިންނާއި، ބޮޑެތި ހާދިސާތައް ކުރިމަތިވެފައިވާ މީހުނާއެކު މަސައްކަތް ކުރަމުންނެވެ.

އޭނާގެ ދިރާސާތައް މައިގަނޑު ގޮތެއްގައި ބިނާ ކޮށްފައި އޮތީ، އޭނާ އީޖާދުކުރި "ރީކޮންސޮލިޑޭޝަން ތެރަޕީ" އަށެވެ. ކޮންމެވެސް ހާދިސާއަކާ ގުޅިގެން މީހެއްގެ ހަނދާނުން އެ ބިރުވެރި ނޫނީ ހިތި ހާދިސާ ފުހެލެވޭ ތެރަޕީއެއްކަމަށް އޭނާ ބުނެ އެވެ.

އޭނާގެ ޕޭޝަންޓުންނަށް ތެރަޕީ ސެޝަނެއް ފެށުމުގެ އެއް ގަޑިއިރު ކުރިން، އާންމުކޮށް ހައިޕާ ޓެންޝަނާއި މައިގްރޭނަށްދޭ "ޕްރޮޕްރެނޮލޯލް" ނަމަކަށް ކިޔާ ބީޓާ ބްލޮކާއެއްދެ އެވެ. އޭގެ ފަހުން ޕޭޝަންޓުން ޖެހެނީ އެމީހަކަށް ދިމާވި ބިރުވެރި ހާދިސާއެއް ތަފްސީލުކޮށް ގަނޑެއްގައި ލިޔުމަށްފަހު، އެ ބާރަށް ކިޔުމަށެވެ.

"އާންމު ގޮތެއްގައި ކަމެއް ހަނދާނަށް ގެންނައިރު، އޭގެން އާ ކަމެއް ދަސްވާނަމަ، އެ ހަނދާނެއް ހުޅުވި، އަޕްޑޭޓުކޮށް އަދި އަލުން ރައްކާކުރުމުގެ ފުރުސަތު ލިބޭނެ،" ޑރ. ބްރުނެޓް ވިދާޅުވެ އެވެ.

އެ ޕްރޯސެސްގެ ތެރެއިން އެ ހަނދާނެއްގެ އެންމެ ހިތި ނޫނީ ބިރުވެރި ބައި ޓާގެޓް ކުރުމުގެ ފުރުސަތެއްލިބޭކަމަށް އޭނާ ވިދާޅުވެ އެވެ.

އޭނާގެ ތެރަޕީ މަސައްކަތްކުރާގޮތް، ހޮލީވުޑް ފިލްމު "އެޓާނަލް ސަންޝައިން އޮފް ދަ ސްޕޮޓްލެސް މައިންޑް" ބެލި މީހަކަށް ކޮންމެވެސް ވަރަކަށް ފަހުމް ކުރެވޭނެ އެވެ. ޖިމް ކެރީ އަދި ކޭޓް ވިންސްލެޓް ލީޑު ރޯލް ކުޅެފައިވާ އެ ފިލްމުގައި، ދެ ލޯބިވެރިން މައްސަލަޖެހިގެން ވަކިވުމަށްފަހު އެ ދެ މީހުން އެކުގައި ހޭދަކުރި ދުވަސްތައް ދެމީހުންގެ ހަނދާނުން ފުހެލަނީ އެވެ.

އެހެނަސް، ޑރ. ބްރުނެޓް ފާހަގަ ކުރައްވާ ގޮތުގައި، އެ ފިލްމާއި ހިލާފަށް އޭނާގެ ތެރަޕީން އެއްވެސް ހަނދާނެއް ފުހެވިގެން ނުދާނެ އެވެ. އެ ތެރަޕީން ފުހެލަނީ ނޫނީ ބަދަލުކޮށްލަނީ އެ ހަނދާނެއްގައި ހިމެނޭ ހިތްދަތިކަން ނޫނީ ބިރުވެރި ކަމެވެ.

ޑރ. ބްރުނެޓް އޭނާގެ ތެރަޕީ ސިފަ ކޮށްދެނީ މިގޮތަށެވެ. މީހަކު ހިތްދަތި ނޫނީ ބިރުވެރި ހާދިސާއެއް އަލުން ހަނދާނެއް ގެންނައިރު، އޭގައި ހިމެނޭ ނަފްސާނީ ބައި ލުއި ކޮށްދެނީ ޕްރޮޕްރެނޮލޯލް އިންނެވެ. އެ ހަނދާން އަޕްޑޭޓްވެ، އަލުން ސިކުނޑީގައި ރައްކާކޮށްލެވެނީ އެ ބޭހުގެ ސަބަބުން، އެ ހަނދާނެއްގައި ހިމެނޭ ވޭން ފިލުވުމަށްފަހު އެވެ.

ހާވަޑް ޔުނިވާސިޓީގެ ރީސާޗަރުންނާއެކު މިކަމުގެ ދިރާސާ ކުރައްވަމުން ގެންދަވާ ޑރ. ބްރުނެޓް ވިދާޅުވާ ގޮތުގައި، އޭނާގެ ޕޭޝަންޓުންގެ ތެރެއިން 70 ޕަސަންޓް ޕޭޝަންޓުންނަށް ދެތިން ސެޝަނެއްގެ ތެރޭގައި ލުއި ލިބޭ ކަމަށެވެ.

ޑރ. ބްރުނެޓްގެ ވަނީ ފްރާންސްގެ ޕެރިހާއި ނީސްގައި ދިން ޓެރަރިސްޓް ހަމަލާތަކުގެ އަސަރުކޮށްފައިވާ 400 އަށް ވުރެ ގިނަ މީހުނަށް ޕްރޮގްރާމެއް ހިންގައިފަ އެވެ. އޭގެ ތެރޭގައި މަރުވި މީހުންގެ އާއިލާގެ މެންބަރުންނާއި، ޒަހަމްވި މީހުންގެ އިތުރުން އެ މަންޒަރުތައް ފެނުނު މީހުން ވެސް ހިމެނެ އެވެ.

ބްރޭކަޕްވުމަށްފަހު، ބައެއް މީހުންގެ މުޅި ދިރިއުޅުމަށްކުރާ އަސަރު ކުޑަކުރުމަށް ޑރ. ބްރުނެޓްގެ ވިސްނުން އަނބުރާލެއްވީ ޕީޓީއެސްޑީ ކޭސްތަކުގެ ކާމިޔާބީއަށްފަހު އެވެ.

މިހާރު ޑރ. ބްރުނެޓް އަމާޒުހިފާފައިވަނީ، އޭނާގެ ތެރަޕީ ޕްރޮގްރާމް، އެކި ބާވަތުގެ އެޑިކްޝަންތަކާއި ފޯބިއާތަކަށް ފަރުވާ ދިނުމަށެވެ.