ހަބަރު

ސިފައިންގެ ތަމްރީންގެ ފައިނަލް އެކްސަސައިޒް ބާއްވައިފި

އެމްއެންޑީއެފުން ހިންގާ "ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިން އެޑްވާންސް ކޯސް" ގެ ފައިނަލް އެކްސްސައިޒްތައް ބާއްވައިފި އެވެ.

މިމަހު ނުވަޔަކުން 15 ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އެކްސަސައިޒްތައް ކުރިއަށްދަނީ މާލެ، ހުޅުލެ އަދި ހުޅުމާލޭގެ އެކަމަށް ކަނޑައެޅިފައިވާ ވަކި ސަރަހައްދުތަކެއްގައެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ކުރިއަށްދިޔަ މި ކޯހުގެ އެކްސަސައިޒްތައް ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ ހުޅުމާލެއަށް ޒިޔާރަތް ކުރައްވާފައެވެ، ޗީފް އޮފް ޑިފެންސް ފޯސްގެ މި ޒިޔާރަތުގައި ކޯސް ކުރިއަށްދާ ގޮތާބެހޭ ގޮތުން މައުލޫމާތު އޮޅުންފިލުއްވައި ކޯހުގެ މުދައްރިބުންނާވެސް ވަނީ ބައްދަލު ކުރައްވާފައެވެ.

އެމްއެންޑީއެފް އަދި ސްރީލަންކާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށްގެންދާ ބޮމްބް އެންޑް އައިއީޑީ ޑިސްޕޯސަލް އެޑްވާންސް ކޯހަކީ ސިފައިންގެ ހުނަރާއި އޮޕަރޭޝަނަލް ގާބިލުކަން އިތުރު ކުރުމުގެ ގޮތުން ސިފައިންގެ ތެރޭގައި އަލަށް އެކުލަވާލި "އެމްއެންޑީއެފް ކެޕްސްޓޯން ޑޮކްޓްރީން" ގެ ދަށުން ކުރިއަށްގެންދާ ކޯހެކެވެ. މި ކޯސް ފަށާފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހު އެވެ.