އެލައިޑް އިންޝުއަރެންސް

އެލައިޑްގެ ޗެއާމަންގެ މަގާމުން ހިޔަލީ އިސްތިއުފާ ދެއްވައިފި

އެލައިޑް އިންޝުއަރެންސްގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު ރަަޝީދު (ހިޔަލީ) އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސަރުކާރުގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެލައިޑްގެ ޗެއާމަންގެ މަގާމުން ހިޔަލީ އިސްތިއުފާ ދެއްވާފައިވާކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެލައިޑްއިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ އެ ކުންފުނީގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު ރަަޝީދު މިއަދު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ހަ އަހަރު ދުވަހު ކުންފުނީގެ ޗެއާމަންގެ މަގާމުގައި ހުންނަވައިގެން އޭނާ ކޮށްދެއްވި ހިދުމަތްތަކަށް އެލައިޑުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ހިޔަލީގެ ހިދުމަތްތަކަކީ އަގު ނުކުރެވޭނެ ހިދުމަތްތަކެއް ކަމަށް ވަނީ ބުނެފައެވެ.

ކުރިން ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ހިޔަލީ 2018ގެ ރިޔާސީ އިންތިހާބުގެ ކެންޕެއިންގެ އެންމެ ފޯރިގަދަ ދުވަސްވަރު ރައީސް ޔާމީނާ ފެއަށް ޖެހިވަަޑައިގެން އޭރުގެ އިދިކޮޅު ކެންޑިޑޭޓަށް ތާއީދު ކުރާކަން ވަނީ ހާމަކޮށްފައެވެ.

އޭރު ހިޔަލީ ވިދާޅުވީ އިދިކޮޅާ ގުޅުމުގެ ހަމައެކަނި ބޭނުމަކީ އޭރު ޖަލުގައި ހުންނެވީ ކުރީގެ ރައީސް މައުމޫން މިނިވަން ކުރެއްވުން ކަމަށެވެ. ނަމަވެސް އޭގެ ފަހުން ނޮވެންބަރު 8، 2018 ގައި ހިޔަލީ ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.

ހިޔަލީއަކީ ކުޅިވަރުގެ ދަނޑުގައިވެސް ހާއްސަ ނަމެކެވެ. ބައެއް ކުލަބްތައް ވަރަށް ދިގު މުއްދަތަކަށް އޭނާގެ ބެއްލެވުމުގެ ދަށުން ހިންގެވިއެވެ.