ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގަމަށް ބަދަލުވުމަކީ އެންމެ އުނދަގޫ ނިންމުން ކަމަށާއި އެހެން ނަމަވެސް އެކަމުގެ ފައިދާ ރާއްޖޭގެ އެހެން ކުޅުންތެރިންނާއި ގްރީން ސްޓްރީގެ ކުޅުންތެރިންނަށް ވެސް ލިބޭނެ ކަމަށް ގައުމީ ޓީމުގެ އާ އެސިސްޓެންޓް ކޯޗް އަލީ ސުޒޭން ބުނެފި އެވެ.
ގްރީންގެ ކޯޗް ކަމުގައި ދެ އަހަރު ހޭދަ ކުރުމަށް ފަހު އޭނާ އެ ކުލަބު ދޫކޮށްލުމުން، އޭނާއަށް ހާއްސަކޮށް ބޭއްވި ފެއާވެލް ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ، ކުޅުންތެރިންގެ އިހްތިރާމާއި އިތުބާރު އޭނާ އަށް ލިބުމަކީ، ތަށިތަކެއް ހޯދުމަށްވުރެ މާ ބޮޑު ޝަރަފެއް ކަމަށެވެ.
"ގްރީން ސްޓްރީޓްގައި ވެސް އަދި އެހެން ކުލަބުތަކުގައި ވެސް އަޅުގަނޑު ކުރެވުނު ތަޖުރިބާއަކީ، ރާއްޖޭގެ ކުޅުންތެރިންގެ އިތުބާރާއި އިހްތިރާމް ހޯދުމުގައި ގައިމުވެސް އަޅުގަނޑު ކުޅުންތެރިންނާ މެދު ކަންތައް ކުރިގޮތް އެއީ ސަބަބަކަށް ވާނެ،" ގްރީންގެ ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިން ވެސް ބައިވެރިވި ހަފުލާގައި ވާހަކަ ދައްކަމުން ސުޒޭން ބުންޏެވެ. "ހަމަ ގްރީން ސްޓްރީޓްގައި ވެސް އެކަން ކާމިޔާބު، އަޅުގަނޑު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ބަދަލުވުމުގައި ވެސް އޭގެތެރޭގައި ބައިވަރު [މިކަހަލަ] ބައިވަރު ކަންކަން ހިމެނިގެން އެދިޔައީ މިހުރިހާ ބަދަލެއް އައިސްގެން."
އޭނާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ބަދަލުވުމުގެ މަރުހަލާގައި އެ ކުލަބުގެ މެނޭޖުމެންޓާއި ކުޅުންތެރިން ދިން އެއްބާރުލުން އޭނާ ފާހަގަ ކުރި އެވެ.
"އެއީ ހަމަގައިމު ވެސް އެހާ ފަސޭހަ ކަމެއް ނޫން، އަޅުގަނޑަށް ވެސް ނިންމަން އެންމެ އުނދަގޫ ނިންމުން،" ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗްގެ މަގަމަށް ހަމަޖެއްސުމުގެ މަރުހަލާއަށް އިޝާރާތްކޮށް ސުޒޭން ވާހަކަ ދެއްކި އެވެ. "އެކަމަކު މިވަގުތު ދިވެހިރާއްޖޭގެ ފުޓްބޯޅައަށް، ހާއްސަކޮށް ގްރީން ސްޓްރީޓްގެ ކުޅުންތެރިންނަށްވެސް އަޅުގަނޑުގެ އެ ނިންމުން މުހިންމު އަޅުގަނޑުގެ އަމިއްލަ އިމޯޝަނަލް ޖަޒުބާތީ ނިންމުންތަކަށް ވުރެ."
ގްރީން ސްޓްރީޓްގައި މަސައްކަތް ކުރިއިރު ކުލަބަށް ދިމާވި މާލީ ގޮންޖެހުންތަކުގެ ތެރެއިންވެސް ކުޅުންތެރިން ދައްކާފައިވަނީ ޕްރޮފިޝަނަލިޒަމް ކަން ސުޒޭން ފާހަގަ ކުރި އެވެ.
ސުޒޭން، ވަނީ ކޯޗެއްގެ ގޮތުގައި 11 ތަށި ހޯދާފަ އެވެ. އެއީ މިވަގުތު އެކްޓިކޮށް މަސައްކަތް ކުރާ ކޯޗުންގެ ރެކޯޑެކެވެ. ސުޒޭން ކޯޗެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ ޒޯން ޗެމްޕިއަންސް ލީގުގަ އެވެ. އޭނާ ވަނީ އެ މުބާރަތުގައި ބައެއް ޓީމުތަކަށް ކޯޗުކޮށްދީ ކާމިޔަބު ހޯދައިދީފަ އެވެ. ނަަމަވެސް ސުޒޭންގެ ފުޓްބޯޅައިގައި ކުޅުންތެރިޔެއްގެ ގޮތުގައި އަދި ކޯޗިންގައިވެސް އެންމެ ގިނަ ކާމިޔާބު ހޯދައިދިނީ މިހާރު އަޑިއަޅާލާފައިވާ ވިކްޓްރީ އަށެވެ.
ވިކްޓަރީއަށް އޭނާ ހަ ތަށި ހޯދައިދިނެވެ. އެއީ ޕްރެޒިޑެންޓް ކަޕް ތިން ފަހަރު، މާލޭ ލީގް އެއް ފަހަރު އަދި އެފްއޭ ކަޕް ދެ ފަހަރު އެވެ. އަދި މާޒިޔާއަށް ފަސް ތަށި ހޯދައިިދިނެވެ. އެއީ ދިވެހި ޕްރިމިއާ ލީގް، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓް ކަޕް ކޮންމެ މުބާރާތެއް އެއްފަހަރު އެވެ. އަދި މާޒިޔާ އާއެކު ޗެރިޓީ ޝީލްޑް ދެ ފަހަރު ހޯދި އެވެ.
"އަސްލުގައި ތައްޓަށްވުރެ ވުރެ މާބޮޑު ކާމިޔާބެއް ރަނގަޅު ކުލަބެއްގައި ރަނގަޅު ކުޅުންތެރިންތަކަކާއެކު ރަނގަޅު ބައެއްގެ ތެރޭ މަސައްކަތް ކޮށްލަން ލިބުން،" ސުޒޭން ވާހަކަ ދެއްކި އެވެ. "އެއީ ތައްޓެއް ހޯދިދާނެ ރަނގަޅަށް އޮތް ޓީމެއްގެ ތެރޭގައި މަސައްކަތް ކޮށްލީމަ، އެކަމަކު ކުޅުންތެރިންގެ އިތުބާރު ހޯދުމަކީ ހަމަގައިމުވެސް ފަސޭހަ ކަމެއް ނޫން، ދިވެހިރާއްޖޭގެ ކުޅިވަރުގައި ހަމަގައިމުވެސް އަޅުގަނޑަށް ހޯދުނު އެއްޗަކީ ދިވެހިރާއްޖޭގެ ކުޅުންތެރިންގެ އިތުބާރާއި އިހްތިރާމް."
އޭނާ ބުނީ، ގްރީންގެ ކޯޗް ކަމާ އަލަށް ހަވާލުވި އަލީ ނީޝްތާރު މުހައްމަދަކީ ޒުވާން ކޯޗެއް ކަމަށާއި އެ ޓީމުންގެ ކުޅުންތެރިންގެ އިހްތިރާމާއި އިތުބާރު ނިޝްތާރަށް އޮންނާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.