ލައިފްސްޓައިލް

ގެދޮރުނެތް 150 މީހުން ސަލާމަތްކޮށްދިން އަންހެންކުއްޖާ

އެހެން މީހަކަށް އެހީތެރިކަމެއް ފޯރުކޮށްދޭން ޖެހިއްޖެނަމަ އަހަރުމެންގެ ތެރެއިން ގިނަ މީހުން ދެ ފަހަރަށް ނުވަތަ ތިން ވަނަ ފަހަރަށް ވެސް ވިސްނާފައި ނޫނީ އެކަމެއް ނުކޮށްދޭނެ އެވެ. ނަމަވެސް އެއްވެސް އަމިއްލަ އެދުމެއް ނެތި އެހެން މީހުންނަށް އެހީތެރިވާން އަބަދުވެސް ތައްޔާރަށް ތިބޭ މީހުން ވެސް ދުނިޔޭގައި އުޅެ އެވެ. ބޭނުމެއް ޖެހިފައިވާ މީހަކަށް އެމީހުން އެހީތެރިވަނީ މާތް މަގްސަދެއްގަ އެވެ. މީހުންނަށް ހެޔޮ އެދިގެންނެވެ.

މީހުންނަށް އެހިވުމުގައި ނަމޫނާ ދައްކާފައިވާ މީހުންގެ ތެރެއިން މިފަހަރު މި ގެނެސްދެނީ އިންޑިއާގެ ޓެމިލް ނާޑޫގެ ޒުވާން އަންހެންކުއްޖެއް ކަމަށްވާ ކޭ. މަނީޝާގެ ވާހަކަ އެވެ. މަނީޝާ އަކީ 22 އަހަރުގެ ޒުވާނެކެވެ. ނަންދާ ކޮލެޖް އޮފް ނާސިންގެ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރާ މަނީޝާ އަކީ ގެދޮރު ނެތުމުގެ ސަބަބުން މަގުމަތީގައި ދިރިއުޅޭ މީހުންނަށް އުޅޭނެ ތަންތަން ހޯދައިދޭ ޒުވާނެކެވެ.

މިހާތަނަށް މަނީޝާ ވަނީ މިފަދަ 150 މީހަކަށް އެހީތެރިވެދީފަ އެވެ. އޭގެ ތެރޭގައި ސަލާންޖަހާ މީހުންނާއި، ޑްރަގް ބޭނުންކުރާ މީހުން، އިންތިހާއަށް ފަގީރު މީހުން އަދި ނުރައްކާތެރި ބަލިތައް ޖެހިފައި ތިބި އަޅާލާނެ މީހަކު ނެތް މީހުން ހިމެނެ އެވެ.

އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި މަނީޝާ ބުނީ ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވުމަކީ ކުޑައިރުއްސުރެ އޭނާ ކުރަން ބޭނުންވާ ކަމެކެވެ. އެހެންވެ އޭނާއަށް ވަޒީފާއެއް ލިބި ފައިސާގެ ތަނަވަސްކަން ލިބުމުން ވަންނާނެ ތަނެއް ނެތި މަގުމަތިވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުވައިދީ އެމީހުންނަށް ބޯހިޔާވަހިކަން ހޯދައިދީ އަދި އެ ހާލަތުން އަރައި ގަނެވޭނެ ގޮތް ހޯދައިދޭން މަސައްކަތް ފެށީ އެވެ.

މަނީޝާގެ ބައްޕައަކީ މަސްކަނޑާ މީހެކެވެ. މަންމަ އަކީ ގެވެހި އަންބެކެވެ. އެހެންވެ މީހުން ރިހެބިލިޓޭޓް ކުރުމަކީ އޭނާއަށް މާ ފަސޭހަ ކަމަކަށް ނުވި އެވެ. ސަބަބަކީ މައިންބަފައިންގެ އެއްބާރުލުން އެހާ ބޮޑަށް އެކަމަށް ނުލިބޭތީ އެވެ. މަނީޝާގެ މައިންބަފައިން ބޭނުން ވަނީ އޭނާ ބޮޑަށް ކެރިއަރަށް ފޯކަސް ކުރާށެވެ.

ނާސިން ކިޔަވަމުންދިޔައިރު މަނީޝާއަށް ހޮސްޕިޓަލު ތަކުން ވެސް ވަރަށް ގިނަ ނިކަމެތި ފަގީރުންނާ ބައްދަލުވި އެވެ. އަދި އެމީހުންގެ ހާލަތު އެނގުމުން އެމީހުންނަށް އެހީތެރިވާން ބޭނުންވި އެވެ. ބޯހިޔާވަހިކަމެއްނެތި މަގުމަތީގައި ތިބޭ އަދި ފަގީރުކަމުން ބަނޑުފުރާނަ މުއްތި ނުކުރެވޭ މީހުންނަށް މަނީޝާ އެހީތެރިކަން ފޯރުކޮށްދޭން ފެށީ އެވެ.

މަނީޝާ ބުނި ގޮތުގައި ކެރިއަރަކަށް އޭނާ ބޭނުންވީ އިންޑިއާ އާމީންގެ ތެރެއަށް ވަންނާށެވެ. ނަމަވެސް ބައްޕަ ގަބޫލު ނުވުން އެކަން ވާގޮތް ނުވީ އެވެ. ދެން ބޭނުންވީ ޑޮކްޓަރަކަށް ވާށެވެ. ނަމަވެސް މާކްސް އެހާ ރަނގަޅު ނުވީމަ އެކަމެއް ވެސް ނުވި އެވެ. އެހެންވެ ނަރުސްކަން ކިޔެވީ އެވެ.

މަގުމަތީގައި ދިރިއުޅޭ ފަގީރުން ސަލާމަތްކޮށް އެމީހުން ރިހެބިލިޓޭޓްކުރުމުގެ މަސައްކަތް މަނީޝާ ފެށީ ޓްރިޗީގެ އިންދިރާ ކޮލެޖް އޮފް ނާސިންގައި ކިޔެވި ދުވަސްވަރު އެވެ. އެންމެ ފުރަތަމަ އޭނާ ސަލާމަތްކޮށް ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނީ ސަލާންޖަހާ މީހަކަށެވެ.

ވަގުތު ލިބޭ ވަރަކުން ދެން އޭނާ ނުކުންނަން ފެށީ މަގުމަތީގައި ތިބޭ މީހުން ހޯދާށެވެ. އެމީހުންނާ ބައްދަލުކޮށް ވާހަކަ ދައްކާ އެމީހުންނާ ރަނގަޅު ގުޅުމެއް ފުރަތަމަ އޭނާ އުފައްދަ އެވެ. އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ހުރި ރިހެބިލިޓޭޝަން ގެތަކާ ގުޅައިގެން ގެދޮރުނެތް ފަގީރުންނަށް އެ ގެ ތަކުން ޖާގަ ހޯދައިދިނުމަށް މަނީޝާ އިސް ނަގައިގެން މަސައްކަތް ކޮށްދެ އެވެ.

މި މަސައްކަތް މިއަށް ވުރެ ރަނގަޅަށް ކުރުމުގެ މަގްސަދުގައި މަނީޝާ ދެން އުފެއްދީ އެންޖީއޯ އެކެވެ. ޖީވިތަމް ފައުންޑޭޝަންގެ ނަން ދީފައިވާ މި އެންޖީއޯ ވުޖޫދަށް އައީ 2019ގެ ސެޕްޓެމްބަރު ގައެވެ. އޭގެ ކުރިން މަނީޝާ މަސައްކަތްކުރީ "ވޮލަންޓިއާ ޓު ނީޑީ ޕީޕަލް"ގެ ނަމުގަ އެވެ.

ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަނީޝާއަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރެ އެވެ. އަދި އެމަސައްކަތުގައި ފުލުހުންގެ އެހީތެރިކަމާއި ހުއްދަ ވެސް ހޯދަ އެވެ. އެގޮތުން މިހާތަނަށް މަގުމަތީގައި އުޅުނު 150 މީހުން އެކިއެކި ރިހެބިލިޓޭޝަން ގެ ތަކަށް ބަދަލުކޮށް އެމީހުންނަށް ދިރިއުޅެވޭނެ މަގު މަނީޝާ ވަނީ ހޯދައިދީފަ އެވެ.

މަނީޝާގެ އުންމީދަކީ އޭނާ މި ކުރާ މަސައްކަތަށް މައިންބަފައިންގެ އެހީތެރިކަން ލިބޭނެ ދުވަހެކެވެ. އޭނާގެ މައިންބަފައިން އަދިވެސް ގަބޫލުކުރާ ގޮތުގައި އޭނާ މިކުރަނީ ބޭކާރު ކަމެކެވެ. މިކަން ހުއްޓާލާފައި ކެރިއަރަށް ފޯކަސް ކުރިއްޔާ މާ ރަނގަޅުވާނެ އެވެ.