ލައިފްސްޓައިލް

ތަށި ދޮންނަ ސައިބޯނިން ސިއްހަތަށް ގެއްލުންވޭ!

މިޒަމާނުގައި ބަދިގެއެއްގައި ވިއްޔާ ތަށި، ތެލި ދޮންނަ ސައިބޯނި ހުންނާނެ އެވެ. ކުރިން މިކަމަށް ބޭނުންކުރީ ހަރު ސައިބޯނި ނަމަވެސް މިހާރު ހުރިހާ ބަދިގެއެއްގައި ވެސް ހުންނަނީ ދިޔާ ސައިބޯންޏެވެ. ފިއްތާލާއިރަށް އަތަށް ތިކި ޖަހާ ވައްތަރުގެ ފުޅިފުޅީގައި ހުންނަ ސައިބޯންޏެވެ. ތަށިދޮންނަން ބޭނުންކުރާ އެއްޗެތި ހުންނަ ގޮތަށާއި ސިފަޔަށް ބޮޑު ބަދަލެއް އައި ނަމަވެސް ކުރިން ބޭނުންކުރި ހަރު ސައިބޯނިން ކުރާ ވަރުގެ ނޭދެވޭ އަސަރު މިހާޜު ހުންނަ ދިޔާ ސައިބޯނިން ވެސް ކުރެ އެވެ. ބަދަލުވީ ހަމައެކަނި ސިފަޔާއި ހުންނަ ގޮތެވެ. ލިބޭ ގެއްލުމެއް ބަދަލެއް ނުވެ އެވެ.

ގިނަ މީހުންނަށް ހީވެފައި އޮންނަނީ ދަށިދޮންނަން ބޭނުންކުރާ ލިކުއިޑް ސޯޕްގައި ވިނެގާ އާއި ލުނބޯހުތް ހުންނާތީ މި އެއްޗެތިން ސިއްހަތަށް ގެއްލުމެއް ނުވާނެ ކަމަށެވެ. ނަމަވެސް ތަޖުރިބާކާރުން ބުނަނީ ތަށިދޮންނަ ދިޔާ ސައިބޯނީގައި ހަމަލޮލަށް ނުފެންނަ ކެމިކަލްސް ހުންނަ ކަމަށާއި އެއީ އިންސާނުންގެ ހަށިގަނޑަށް ގެއްލުންދޭ އެއްޗެއް ކަމަށެވެ.

ތަށި ދޮންނަ ސައިބޯނި ބޭނުންކުރުމުން ސިއްހަތަށް ގެއްލުންވަނީ ކިހިނެއް ހެއްޔެވެ؟ ތަށި ދޮންނަ ދިޔާ ސައިބޯނީގެ ތެރެއިން ވަރަށް ގިނަ ބްރޭންޑްތަކުގެ ސައިބޯނީގައި ޓްރައިކްލޯސަން ކިޔާ އެކްޓިވް އިންގްރިޑިއަންޓް އެއް ބޭނުންކޮށްފައި ހުރެ އެވެ. އެއީ އެންޓި-ބެކްޓީރިއަލް އަދި އެންޓި-ފަންގަލް އެޖެންޓެކެވެ. މި ކެމިކަލުން މައިޓޯކޮންޑްރިއަން އަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރެ އެވެ. މައިޓޯކޮންޑްރިއަން އަކީ އަހަރެމެންގެ ހަށިގަނޑުގައިވާ ސެލްތަކުގެ ޕަވާހައުސް އެވެ.

ތަށިދޮންނަ ދިޔާ ސައިބޯނީގެ ވަރަށް ގިނަ ވައްތަރުތަކުގަޔާއި ފާޚާނާ ސާފުކުރަން ތައްޔާރުކޮށްފައި ހުންނަ ދިޔާ ތަކެތީގައި ސޯޑިއަމް ލައުރެތު ސަލްފޭޓް (އެސްއެލްއީއެސް) ކިޔާ ކެމިކަލް އެއް ބޭނުންކޮށްފައި ހުރެ އެވެ. މިއީ ތަށި ތެލި ފަދަ ތަކެތި ދޮންނައިރު ފޮނުއަރުވަން ބޭނުންކުރާ ކެމިކަލް އެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މި ކެމިކަލް ހަމުގެ ސެލްތަކުގެ ތެރެއަށް ވަދެގެން ދިއުމުން ބިހި ނަގާ އެލާޖީ މައްސަލަތައް ކުރިމަތިވެ އެވެ.

އަދި މިފަދަ ތަކެތީގައި ބޭނުންކުރާ އަނެއް ކެމިކަލް އަކީ ފޮސްފޭޓްސް އެވެ. މިއީ ތަށިދޮންނަ ޖެލް ސައިބޯނީގައި ވަރަށް ގިނައިން ބޭނުންކޮށްފައި ހުންނަ ކެމިކަލް އެކެވެ. މި ސައިބޯނި ފެނާއެކުވެގެން ސިންކުގެ ހޮޅިން ލާފައި މޫދަށް ދިއުމުން އަލްގީ އުފެދި އޭގެ ސަބަބުން ވަށައިގެންވާ މާހައުލަށް ގެއްލުން ވެއެވެ.

މި އެއްޗެތީގެ ނުރައްކާތެރިކަން ހުރި މިންވަރު މިހާތަނަށް ލިޔެވިފައި ނެތަސް ތަޖުރިބާކާރުން ބުނާ ގޮތުގައި މި ކެމިކަލްތަކަކީ އިންސާނުންނަށާއި ދިރިއުޅޭ މާހައުލަށް ވަރަށް ނުރައްކާ ކުރުވާނެ އެއްޗިއްސެވެ. ޚާއްސަކޮށް އެކި އެކި މީރުވަސް ދުއްވާފައި ހުންނަ ތަށިދޮންނަ ސައިބޯންޏާއި ކުލަ ކުލަ ޖައްސާފައި ހުންނަ ސައިބޯނި، އެ ތަކެތީގައި ހުންނަ ސޯޑިއަމް ސޯލްޓާއި ޕްރިޒަވޭޓިވްސް އަކީ ވެސް އިންސާނާއަށް ގެއްލުން ލިބޭނެ އެއްޗިއްސެވެ.

ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އިސްކުރުން ފެން އޮހޮރައިގެން ތަށި ދޮވުނަސް އެ ތަކެތި ސާފުކުރަން ބޭނުންކުރާ ދިޔާ ސައިބޯނީގެ އަސަރު ތަށި، ތެލި، ސަމުސާ ފަދަ ތަކެތީގައި ހުންނާނެ އެވެ. އަދި ގިނަ ދުވަސް ތަކަކަށް މި ފަދަ އެއްޗެތީގައި ކައްކާ ކައި ހެދުމުން ސިއްހަތަށް އޭގެ ގެއްލުން ވާނެ އެވެ.

ތަށިދޮންނަ ދިޔާ ސައިބޯނިން މިހާ ބޮޑު ގެއްލުމެއް ލިބޭނަމަ އޭގެ ބަދަލުގައި ތަށި/ތެލި ސާފުކުރަން ބޭނުންކުރާނީ ކޯޗެއް ހެއްޔެވެ؟ މިޒަމާނަށް ބަލާއިރު ވިނެގާ އާއި ލުނބޯ ފަދަ ތަކެތި ތަށި ތެލި ދޮންނަން ބޭނުން ކުރުން ރަނގަޅުވާނެކަމަށް ވެސް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.