ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައާއި ގުޅިގެން ހަތްވަނަ މީހަކު ހައްޔަރުކޮށްފި އެވެ.
މިމަހުގެ ހަަތަރުވަނަ ދުވަހު ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރިން ހަމަލާދީފައި ވަނީ ޗައިނާ ދެ ފަތުރުވެރިޔަކަށާއި އޮސްޓްރޭލިއާގެ ފަތުރުވެރިއަކަށެވެ. އެ ހަމަލާއާއި ގުޅިގެން މީގެ ކުރިން ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފައެވެ.
ފުުލުހުން މިއަދު ބުނީ ފަތުރުވެރިންތަކަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައާއި ގުޅިގެން ހަތްވަނަ މީހަކު ހައްޔަރުކޮށްފައިވަނީ އިއްޔެ ކަމަށެވެ. އެއީ 22 އަހަރުގެ މީހެއް ކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.
މި އަމަލު ހިންގި ކަމުގެ ޒިންމާ ނަގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމު ކުރުމާއެކު ވީޑިއޯގެ ސައްހަކަންވެސް ބަލަމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ޝެއާ ކުރަމުން ދާއިރު ޝެއާ ކުރުމަކީ ގާނޫނީ ކުށެއް ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.
އިތުރަށް ފުލުހުން ބުނީ ރާއްޖޭގައި މަސައްކަތް ކުރާ ތުރުކީ މީހަކަށް މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ދިން ވަޅީގެ ހަމަލާ އާއި އަންގާރަ ދުވަހު ރޭ ދިން ހަމަލައާ ގުޅުން ހުރީ ކިހާ މިންވަރަކަށްތޯ ވެސް ބަލަމުންދާ ކަމަށެވެ.