ވާހަކަ

ތަޖުރިބާގެ ހަދިޔާ (ފަހު ބައި)

"މަންމަގެ މޫނު ބަލަން ދާން ތައްޔާރުވޭ،" ހަސީނާ އަހަރެންގެ ބޮލުގައި ފިރުމައިލިއެވެ. "އަހަރެން ވެސް ދާނަން. ޒާރާ ވާނެ އަހަރެން ބުނާ ގޮތަށް ކަންތައް ކުރަން."

ހަސީނާ އެތައް ވާހަކައެއް ދެއްކުމުން އޭނާއާއެކު ދާން އެއްބަސްވީމެވެ. ހިތައި ދެކޮޅަށް ނަމަވެސް ހަގީގަތާ ކުރިމަތިލާން ޖެހޭނެކަން ގަބޫލުކޮށްގެންނެވެ. ވިހެއުމުގެ ތެރޭގައި މަންމަގެ ފުރާނަ ދިޔަ ޚަބަރަކީ އަހަންނަށް ބަރުދާސްތުކުރަން ދަތި ކަމެއް ނަމަވެސް، އެކަމާ ވެސް ކުރިމަތިލާން ޖެހޭނެކަން ވިސްނޭތީއެވެ. ނުސީދާކޮށް ނަމަވެސް އެ ވާހަކަތައް އެތައް ފަހަރު މަންމަގެ ދުލުން އޮތީ ބުނެދީފައެވެ. އަހަރެންގެ ޅަ ސިކުނޑިއަށް އެ ކަން ވިސްނައި ގަންނަން އުނދަގޫވީއެވެ.

މަންމަގެ ޖަނާޒާގެ ހުރިހާ ކަމެއް ނިމުމުން ކުރިމަތިލާން ޖެހުނީ ދެވަނަ އިމްތިހާނާއެވެ. އެއީ ކޮއްކޮގެ ޒިންމާއެވެ. ޅަފުރާނައަކާ ހަވާލުވުމެވެ. އަހަރުމެންގެ އާއިލާއަކީ ކުޑަކުޑަ އާއިލާއެކެވެ. މަންމަ ފަރާތުގައި ވެސް ބައްޕަ ފަރާތުގައި ވެސް އިތުރު ބަޔަކު ނެތެވެ. އެހީތެރިކަން ލިބޭނެ ގޮތެއް ނެތެވެ. ބައްޕައަކީ މަސްވެރިއެކެވެ. ގިނަވަގުތު ބައްޕަ އުޅޭނީ ކަނޑުމަތީގައެވެ. އާއިލާގެ ހުރިހާ ޒިންމާއަކާ ހަވާލުވާން ޖެހުނީ އަހަންނަށެވެ. މަންމަގެ ހަނދާންތައް ދުވަހަކު ވެސް ފިލައިގެން ނުދާނެ ހަދިޔާއަކަށްވީ އެ މައުސޫމު ލޯބިލޯބި ކޮއްކޮއެވެ.

ތުއްތު ކުއްޖަކު ގެންގުޅަމަކީ އަހަންނަށް މުޅީން އާ ކަމެކެވެ. ކުޑަމިނުން ކުއްޖާގެ ގައިގައި އަތްލާނެ ގޮތް ވެސް އަހަންނަކަށް ނޭނގެއެވެ. ރޯން ފެށުމުގެ މާނައެއް ނުވިސްނެއެވެ. ނެޕީ ޖަހައިކަށް، ސާފުކުރާކަށް ނޭނގެއެވެ. ބަނޑުހައިވީމަ ދެނެގަންނާނެ ގޮތެއް ނުވިސްނެއެވެ. އެ ހުރިހާ ކަމެއް ދަސްކުރާން ޖެހުނީ ސުމަކުން ފަށައިގެންނެވެ. އެންމެ ބޮޑު ކަމަކަށްވީ ބަނޑުހައި ވުމުން މަސަލަސް ކުރުވުމެވެ. ބުއްފުޅި ހެދުމެވެ. އެކަން ކުރަންވީ ތަރުތީބެވެ. ނަސީބު ކިތައްމެހާ ވެސް ރަނގަޅެވެ. އެ ހުރިހާ ކަމެއްގައި އަހަންނަށް އެހީތެރިވީ ހަސީނާއެވެ. އަހަންނަށް ކަންކަން ދަސްވަންދެން އޭނާ އެހީތެރިވަމުން ދިޔައެވެ. ކަންކަން ކުރާންވީ ގޮތްތައް ބުނެދެމުން ދިޔައެވެ. އެއީ ހެޔޮ މީހެކެވެ. އޯގާތެރި މިތުރެކެވެ.

ދެ ހަފުތާވަންދެން މާލޭގައި ތިބުމަށްފަހު އެނބުރި ރަށަށް އައީ ޒިންމާތަކެއް ބޮލު އަޅައިގެންނެވެ. މަންމަގެ ހަނދާންތަކުން ސިކުނޑި ބަރާކޮށްގެންނެވެ. ގެއަށް އައިސް ވަނުމާއެކު މަންމަގެ ހަނދާންތައް ވަށައިލިއެވެ. މަންމަގެ އިހްސާންތެރި ކަމެވެ. ލޮބުވެތި ފިރުމުންތަކެވެ. ނިޔަނެތި ބަސްތަކެވެ. ގޭގެ ކޮންމެ ތަނަކުން ވެސް ފެންނަނީ މަންމައެވެ. އިވެނީ މަންމަގެ އަޑެވެ. ދުވަނީ މަންމަގެ މީރު ވަހެވެ. ބަދިގެއަށް ވަނަސް މަންމަ އުޅޭހެން ހީވެއެވެ. ކޮޓަރިއަށް ވަންނައިރަށް ގޮވާލާ ހެން ހީވެއެވެ. އަހަންނަށް މަންމަގެ އެނދުގައި އިށީނދެ އެތައް އިރަކު އިނދެވެއެވެ. ފެންކަޅިވެ ބަލާށެވެ. މަންމަ އުޅޭހެން ހީވާތީއެވެ. އެ އިހްސާސް ކުރެވޭތީއެވެ. އެ ހަނދާންތަކުގައި ފީނުން ނޫން ގޮތެއް ނެތެވެ.

ކިރިޔާ ވަގުތެއް ލިބޭ އިރަށް އެ ހަނދާންތައް އާވެ އާލާވެއެވެ. ކޮއްކޮގެ ކަންކަމާ އުޅެން ޖެހޭތީ ސިކުނޑި ވަނީ ބަރާވެފައެވެ. މީހާ ހުންނަނީ ވަރުބަލި ވެފައެވެ. ގުނބުހިލޭ ގޮތް ވެފައެވެ. ތަނެއްގައި އޮށޯވެލާއިރަށް ލޮލަށް ނިދި ސަވާރުވެއެވެ. ވާނީ ވެސް އެހެންތާއެވެ! ރޭނގަނޑު ހަތަރު ދަމު ކޮއްކޮގެ ކަންކަމާ ހުރެ ނިދޭ ގޮތެއް ނުވެއެވެ. ނިދޭ އިރަށް ކޮއްކޮ ރޯން ފަށާނެއެވެ. އަނެއްކާ ޖެހެނީ ތެދުވާށެވެ. އިރުއިރުކޮޅާ ބުއްފުޅި ހަނދަން ޖެހެއެވެ. ބުއްފުޅި ޖައްސަން ޖެހެއެވެ. އެއީ ފަރުވާ ކުޑަކޮށްލެވޭނެ ކަންކަމެއް ނޫނެވެ. ދުވާލު ހަތަރުދަމު އޮންނަނީ ކޮއްކޮގެ ކަންކަން ނިމޭ އިރަށް ގޭތެރޭގެ ކަންކަން ކުރާން ޖެހިފައެވެ. ނިންދަވާފައި ބާއްވާ އިރަށް ރޯންފަށާނެއެވެ. އެހައި ހިސާބުން ކުރަން ހުންނަ ކަންތަކުން އަތްދޫކޮށްލާން ޖެހޭނެއެވެ. އަބަދު އުޅެން ޖެހޭނީ ބުއްފުޅިއެއް ތައްޔާރު ކުރުމުގައެވެ. އެ ނުބޮއިގެންނެވެ. މަސަލަސް ކުރުވުމުގައެވެ. މުޅި ގޭތެރެއިން އިވޭނީ އަހަރެންގެ އަޑެވެ. ނާނާގެ އަޑެވެ.

މައިން އެވަނީ ހާދަ މަތިވެރި ގުރުބާނެކޭ ހިތަށް އަރައެވެ. މި އުޅެނީ އެންމެ ކުއްޖެއްގެ ކަންކަން ތަރުތީބު ނުކުރެވިގެންނެވެ. ތިން ހަތަރު ދަރީން ގޮވައިގެން އުޅޭ މައިން ކުރަން ޖެހޭ ކަންކަން ގިނަވާނެތާއެވެ! ވިސްނަން ޖެހޭ ވިސްނުން ގިނަވާނެތާއެވެ! އެފަދަ މައިން ހާދަ ކުޅަދާނައޭ ހިތައިހިތައި ކިޔައިލެވުނެވެ. ވަޒީފާއަށްދާ މައިން އެވަނީ އެއަށް ވުރެ މާ މަތިވެރި ގުރުބާނެކޭ ހިތްބުނެލިއެވެ. ވަޒީފާގެ ޒިންމާތަކަށް އިހްތިރާމު ކުރަމުން ގޭތެރެ ބެލެހެއްޓުން އެއީ ކުޑަކަމެއް ނޫނެވެ. ސުވަރުގެ ވަނީ މައިމީހާގެ ފައިތިލަ ދަށުގައޭ ބުނެވެނީ މިހެން ވީމަތާއެވެ! އެއީ އަންހެނަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ. އުފަލެވެ.

ކުއްލިއަކަށް ކުރިމަތިލާން ޖެހުނީ ހުވަފެނުން ވެސް ނުފެންނަ ކަހަލަ ހިތްދަތި ދިރިއުޅުމަކާއެވެ. ދެމަސް ވަންދެން ބައްޕަ ވެސް ރަށުގައި މަޑުކުރިއެވެ. އަތްމަތި ދަތިވާން ފެށުމުން ބައްޕައަށް މަޖުބޫރުވީ މަސްވެރިކަމަށް ދާށެވެ. ބައްޕަމެން ކުރަމުން ދިޔައީ ބޮޑު ކަންނެލީގެ މަސްވެރިކަމެވެ. އެއީ ގިނަވަގުތު ކަނޑުމަތީގައި އުޅެމުން ކުރާ ދިގުރާސްތާ މަސްވެރިކަމެކެވެ. މަސްވެރިކަމުގައި އެތައް ދުވަހަކު ކަނޑުމަތީގައި އުޅެން ޖެހިދާނެއެވެ. ރޭންޖު ނުލިބޭ ހިސާބެއްގައި އެތައް ދުވަހެއް ހޭދަވެދާނެއެވެ. ކަމެއްދަމެއް ބޮޑުވުމުން ގުޅައިލަން ވެސް ހުންނަނީ ބައްޕައެވެ. އެނޫން މީހަކު އަހަރެންގެ ނެތެވެ.

ބައްޕަ ފުރުމުގެ ކުރީން މަންމަގެ ގާތް އެކުވެރިއެއް ކަމަށްވާ ހަބީބާ ގެނައެވެ. އަހަންނަށް އެހީވުމަށާއި ހާލު އަހުވާލު ބަލައިލުމަށް އެދުނެވެ. ދުވާލުގެ ގިނަވަގުތު ހަބީބާ އުޅެނީ އަހަންނާއެކު ގޭގައެވެ. ހަބީބާއަކީ ޒާތެއްގެ މީހެކެވެ. އޭނާގެ މިޒާޖު ދެނެގަންނަން ފަސޭހައެއް ނޫނެވެ. އޭނާއަށް އޮންނަނީ ހިތަށް އެރުމެވެ. ބައެއް ދުވަސްދުވަހު ފެންނާނީ ރަނގަޅު ހަބީބާއެވެ. އަނެއްބައި ދުވަސް ދުވަހު ފެންނާނީ އެހެން ހަބީބާއެކެވެ. ވާހަކަދައްކާނީ ރަނގަޅު ހަބީބާގެ މޫނު ފެންނަ ދުވަހަކުއެވެ. އެ ފަދަ ދުވަހެއްގައި ހީވާނީ މަންމަ އުޅޭހެންނެވެ. ގޭތެރޭގެ ކަންކަން ހިންގައިލާނެއެވެ. ތަރުތީބު ކުރުމާއި ފޮޅާ ސާފުކުރުމުގައި އެވަރެއް ނުހުންނާނެއެވެ. އަހަންނަށް އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ.

އެކަމަކު އަނެއްބައި ދުވަސްދުވަހު އެއާ މުޅީން ތަފާތުވެއެވެ. ގެއަށް އައިސް ވަނަސް އިންނާނީ ހެއްލާ އުނދޯލީގައެވެ. އަނގައަކުން ނުބުނާނެއެވެ. އިސް އުފުލާ ބަލައި ވެސް ނުލާނެއެވެ. ކޮއްކޮ އުރައިލުން ފިޔަވާ އިތުރު ކަމެއް ނުކުރާނެއެވެ. އެއީ ދެން ހަބީބާގެ މިޒާޖެވެ. އޭނާގެ ގޮތެވެ. ހަބީބާވަންތަ ކަމެވެ. އަހަރެން ވިސްނުން ބަދަލުކުރީ އެގޮތަށެވެ. މީހުންނާއެކު އުޅެވޭނީ މީހުން ދަސްކޮށްގެންނެވެ. ކޮންމެ މީހަކީ ތިމާ ބޭނުންހާ ގޮތަކަށް އުޅޭނެ މީހެއް ނޫނެވެ. ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. މީހުންނާ ގުޅިގެން އުޅެން އެނގުމަކީ އެމީހެއްގެ މިޒާޖަށް އިހުތިރާމުކޮށްގެން އުޅެން އެނގުމެވެ.

އެގޮތަށް ވިސްނުން ބަދަލު ކުރިފަހުން ހަބީބާއާއެކު އުޅުން އެއީ އުނދަގޫ ކަމަކަށް ނުވިއެވެ. މަޑުމަޑުން އޭނާގެ ކަންކަން ވެސް ހިއްސާކުރާން ފެށިއެވެ. ބައްޕަ ރަށަށް އަންނަ ކޮންމެ ފަހަރަކު ހަބީބާއަށް އުޖޫރަދެއެވެ. އޭނާގެ ކަންކަމާ މެދު އަހަންނާ ސުވާލުކުރެއެވެ. އަހަރެން ދެމުން ދިޔައީ އީޖާބީ ޖަވާބުތަކެކެވެ. ދައްކަމުން ދިޔައީ ރަނގަޅު ހަބީބާގެ ވާހަކަތަކެވެ.

ދުވަސްތައް މާޒީއާ އެކުވަމުން ދިޔައެވެ. ކޮއްކޮގެ އުމުރުން ތިން އަހަރު ފުރި ހަތަރުވަނަ އަހަރަށް އެޅުނެވެ. މަޑުމަޑުން ނެގިމަޑުވެފައި އިން ޒަޔާންގެ އުޅުން ހަލަނި ވަމުން ދިޔައެވެ. އަހަރެންގެ ވިސްނުން މުޅީން އޭނާގެ ކަންކަމަށް ހުއްޓައިލާން ޖެހުނެވެ. އެ އުމުރުގެ ކުއްޖަކު ކުރާނެ ކަންކަމެއް އަހަންނަކަށް ނުވިސްނެއެވެ. ޖެހުނީ އެކަންކަން ހޯދާށެވެ. ގޫގުލް މެދުވެރިކޮށް ދިރާސާކުރާށެވެ. އެއިން ފެންނަމުން ދިޔައީ ބިދޭސީ ކުދީންގެ އުޅުމާއި ސުލޫކުގެ ވާހަކަތަކެވެ. ދިވެހިކުދީންގެ ހަރަކާތްތަކާއި އުޅުމަށް އަންނަ ބަދަލުތަކުގެ ވާހަކަތަކެއް ހޯދާ ހޯދާ ވެސް ނުފެނުނެވެ.

ސުލޫކަށް އަންނަ ބަދަލަކީ ވަކި ރަށަކަށް ވަކި ގައުމަކަށް ނިސްބަތްވީތީ އަންނަ ބަދަލެއް ހެއްޔެވެ؟ ކުދީން ގެންގުޅެވޭ ގޮތުން ކުދީންގެ ދިރިއުޅުމާއި ވިސްނާ ގޮތަށް ބަދަލު އަތުވެދާނެ ހެއްޔެވެ؟ ޖަވާބު ލިބުނެވެ. ހީވެސް ނުކުރާ ގޮތަށެވެ. ކުދީންނަށް ކާންދެވޭ ކާނާގެ ސަބަބުން ވެސް ކުދީންގެ އުޅުމަށް ބަދަލު އާދެއެވެ. އާދަޔާ ޚިލާފަށް ހަލަނިވެއެވެ. ތައްޔާރީ ކާނާތަކާއި ބަންދުކުރި ބުއިންތަކަށް ކުދީން ދޯޅުވެއްޖެ ނަމަ އެކަން ފެންނާނީ ކުއްޖާގެ ހަރަކާތްތަކުންނެވެ. އެވަރުން ފުދުނީއެއް ނޫނެވެ. ކުއްޖާ ބަލާ ތަކެއްޗާއި ކުއްޖާއަށް މިނިވަންކަން ދެވިފައި އޮންނަ މިންވަރެއްގެ ސަބަބުން ވެސް ކުއްޖާގެ އުޅުމާއި ސުލޫކަށް ބަދަލު އާދެއެވެ. ދުވަހީ ހަރަކާތްތައް ވަކި ތަރުތީބަކުން ރާވާލުމުން ކުއްޖާއަށް އެކަމުން ވެސް ފައިދާ ކުރާ ކަމަށްވެއެވެ. ކުއްޖާ ބަލާ ތަކެއްޗާއި ކުޅެން ގެންގުޅެވޭ ތަކެތީގެ ސަބަބުން ވެސް ކުއްޖާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށް ވެއެވެ. ވިސްނުން ކޮށިވެއެވެ. ވިސްނުން ތޫނުވެއެވެ.
ޒަޔާންގެ އުޅުމުން މިފެންނަނީ ކޮން ކަންތައް ތަކެއް ހެއްޔެވެ؟ ތައްޔާރީ ބުއިންތަކާއި ބަންދުކުރި ކާނާތައް މާގިނައިން ދެވެނީ ހެއްޔެވެ؟ ހަކުރުގެ ބާވަތްތައް މާގިނައިން ދެވެނީ ހެއްޔެވެ؟ ނޫނެކެވެ. އަހަރެން މުޅީން ވެސް މިދެނީ ގޭގައި ތައްޔާރު ކުރާ ކާނާގެ ބާވަތްތަކެވެ. ފުންކޮށް ވިސްނައިލަން މަޖުބޫރުވިއެވެ. ޒަޔާން ބަލާ ތަކެއްޗާ މެދުގައެވެ. ވެދާނެއެވެ. އަހަންނަށް މާގިނައިން އޭނާއަށް ފޯނު ދެވެއެވެ. ގޭތެރޭގެ މަސައްކަތްތައް ކުރާން އިސްކަން ދެވެނީ ޒަޔާނަށް ފޯނު ދީފައެވެ. އޭނާ ބަލާނީ ޔޫޓިއުބުގައި ހުންނަ ވީޑިއޯތަކެވެ. އަހަރެން އަޅުވާ ވީޑިއޯ ނިމޭއިރަށް ފެންނަން އިންނަ ވީޑިއޯ ބަލަމުން ބަލަމުން ދަނީއެވެ. އެގޮތުގައި އެތައް ގަޑިއިރެއް އޭނާ ހޭދަކުރާނެއެވެ. ބައެއް ފަހަރު ވީޑިއޯ ބަލަން އިންނަ ކުއްޖާގެ އަޑެއް ބަޑެއް ނީވުމުން ބަލައިލާ އިރު އޮންނާނީ ނިދިފައެވެ. ފޯނު އޮންނާނީ ގައި ދަށުގައެވެ. ފޯނަށް މާ ބޮޑަށް ދޯޅުވުމަކީ ކުއްޖާއަށް ގެއްލުމެއް ލިބިދާނެ ކަމެއް ހެއްޔެވެ؟ އެކަމުގެ ސަބަބުން ކުއްޖާގެ ސުލޫކަށް ނޭދެވޭ އަސަރެއް ކޮށްފާނެ ހެއްޔެވެ؟

އަހަރެން ސިކުނޑީގައި އެތައް ސުވާލެއް އެނބުރިގަތެވެ. ޒަޔާންގެ މިޒާޖަށް އަންނަމުން ދިޔަ ބަދަލުތަކުގެ ސަބަބުންނެވެ. އޭނާގެ ފަރާތުން ފެންނަމުން ދިޔަ ކަންތައްތަކުގެ ސަބަބުންނެވެ. މަޝްވަރާކޮށްލާނެ މީހަކު ވެސް ނެތުމުން އެހީތެރިކަމަށް އެދެން ޖެހުނީ ހަބީބާގެ ގާތުންނެވެ.

"އެވަރު ކުދިން އުޅޭނީ އެހެންނޭ. އެކަމާ މާ ބޮޑަށް އަޅައިނުލާ." ހަބީބާގެ ޖަވާބު ސާދާވެފައި ސީދަލެވެ.

އަހަންނަށް އެ ގޮތް ކަމަކު ނުދިޔައެވެ. ސްކޫލުގައި އުޅުނު އިރު ފެނުނު މަންޒަރާއި މުދައްރިސުން ދެއްކި ވާހަކަތަކުގެ ސަބަބުންނެވެ. ޝައްކުވާން ފެށީއެވެ. ބޭނުންވީ ޔަގީންކުރާށެވެ. އެހީތެރިކަމަށް އެދި އާދޭސްކޮށްލެވުނީ ގޫގުލްގައެވެ. އެތައް ހާސް ޖަވާބެއް ލިބުނެވެ. ގޫގަލް އިން ލިބޭ ހުރިހާ ޖަވާބަކީ އެންމެ ސައްހަ މައުލޫމާތަށް ވެދާނެ ހެއްޔެވެ؟ އިންޓަރނެޓުގައި ހުންނަނީ މުޅީން ތެދު މައުލޫމާތު ހެއްޔެވެ؟ ނޫނެކެވެ. ބޭނުންވީ ދިރާސާވެރިންނާއި ޢިލްމީ މުފައްކިރުންގެ ވާހަކަތައް ކިޔައިލާށެވެ.

އަހަންނަށް ލިބުނީ ހައިރާން ކަމެވެ. މީހާ ދާހިއްލަންމުން ދިޔައެވެ. ތުއްތު އިރު ކުދީންނަށް ފޯނުދިނުން ނުވަތަ ސްކުރީން ކުއްޖާގެ އަތަށް ދިނުމަކީ މަސްތުވާ ތަކެތި ދިނުން ފަދަ ކަމެއް ކަމަށް ބައެއް ލިޔުންތަކުން ފެންނަމުން ދިޔުމުންނެވެ. ކުއްޖާއަށް ޅަ އުމުރުގައި ސްކުރީން ހިމެނޭ އާލަތްތައްދީ އެކުދިން ސްކުރީނަށް ބަރޯސާވާ މިންވަރު އިތުރުވުމުން ކުއްޖާއަށް އެތައް ގެއްލުމެއް ލިބޭކަން އެނގުމުންނެވެ. ކުއްޖާގެ ސިކުނޑި ހެދި ބޮޑުވުމަށް އެކަމުން އަސަރު ކުރުމާއި، ވިސްނުން ކޮށިވުމާއި އާދަޔާ ޚިލާފަށް ރުޅި ގަދަވުމާއި އަވަސް އަވަހަށް މޫޑު ބަދަލުވުން ފަދަ އެތައް ކަމެއް ކުރިމަތިވާކަމަށް އެނގުމުންނެވެ.

އަހަންނަށް ވިސްނައި ލެވުނެވެ. ޒަޔާންނަށް އެ އަންނަނީ އެކަހަލަ ބަދަލުތަކެއް ހެއްޔެވެ؟ އޭނާގެ މޫޑު ބަދަލު ވަނީ ހެއްޔެވެ؟ ރުޅި ގަދަވަނީ ހެއްޔެވެ؟

"ފިރިހެން ކުދީން ރުޅި ވެސް ގަދަވާނެ. އެ ކުދިން ވިސްނާނީ އަހަރުމެން ވިސްނާހެންނެއް ނޫން. މަގޯތި އިބްރާހިމް ވެސް ކުޑައިރު ވަރަށް ރުޅި ގަދަ. ތަންތަނަށް އަރައި ފުމެ އުޅޭނީ. މަ އެކަމާ އަޅައެއް ނުލަން. މިހާރު ބަލައިބަލަ، ކިހައި މަޑުމައިތިރި." ހަބީބާގެ ތަޖުރިބާގެ އަލީގައި އޭނާގެ ވާހަކަ ބައްޓަންކުރިއެވެ.

"އެކަމަކު ހަބިއްތާ. ޒަޔާން އުޅެނީ އެހެންނެއް ނޫނެއްނު. އޭނާ ރުޅި ގަދަ ވެގެން ގޮސް އެއްޗެހި ހަލާކުކޮށް، އަނިޔާކޮށް އަމިއްލަ ނަފުސަށް ގެއްލުންދީ، އަހަންނަށް އަނިޔާކޮށް އެ ހަދަނީ ކޮންމެ ވެސް ކަމެއް ވީމައެއްނު." ހަބީބާގެ ވާހަކައާ އެއްބަސް ނުވެވުނެވެ.
"އެ ދެން މާ ބޮޑު މައްސަލައަކަށް ނަހަދާ." ހަބީބާ ލަފާދިނެވެ.

"އަހަރެން ބޭނުންވަނީ އޭނާ ޑޮކުޓަރަކަށް ދައްކަން މާލެދާން." ފުށް މޮޑެ ނިންމައިލަމުން ނިތްކުރީގައި ހުރި ދާތައް އަތުގެ ނުފުށުން ފޮހެލީމެވެ. "ބައްޕަ އައީމަ ދެވޭނީ ވެސް. މާލެގޮސް އުޅެން ވެސް އަހަރެން މިހާރު ވަރަށް އާ ވާނެ. އަނެއްކާ ޒަޔާން ގޮވައިގެން ގޮސް އެކަނި ނުވެސް އުޅެވޭނެ. އޭނާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ."

ޖެހިގެން އާ ހަފުތާގައި ބައްޕަ ރަށަށް އައެވެ. ބައްޕަ ގެއަށް އައިސް ވަން އިރަށް ޒަޔާން ފިލީއެވެ. ކޮޓަރިއަށް ވަދެ ދޮރު ތަންޑު އެޅީއެވެ. ދޮރުގައި ތަޅައިތަޅައި ވެސް ދޮރެއް ނުހުޅުވިއެވެ. ކޮޓަރި ތެރޭގައި ހުރި އެއްޗެއް ތަޅާ ފުނޑުފުނޑުކުރާ އަޑު ބޭރަށް އިވެމުން ދިޔައެވެ. އެންމެ ފަހުން މަޖުބޫރުވީ ދޮރުގެ ތަޅު ހަލާކުކޮށްލާށެވެ.

އަހަންނަށް ލިބުނީ ހައިރާންކަމެވެ. ބައްޕަ ވެސް ދުއްވާގަތެވެ. ޒަޔާން އޮތީ މުށިގަނޑު މަތީގައެވެ. އޭނާގެ މުޅި ގައިގައި ހުރީ ލެޔެވެ. ގަމީހުގައި ވެސް ލެޔެވެ. އަތުގައި އޮތީ ބިއްލޫރި ގަނޑެކެވެ. ދުވެފައި ކަހަލަ ގޮތަކަށް ބައްޕަ ގޮސް ޒަޔާނަށް ގޮވަން ފެށިއެވެ. އަހަރެން ވެސް ބައްޕަގެ ފަހަތުން ދިޔައީމެވެ. ޒަޔާންގެ ވަށައިގެންވަނީ ފުނޑުފުނޑު ކުދިކުދިވެފައިވާ ބިއްލޫރިތަކެވެ.

"ޒަޔާން، ދަރިފުޅާ ދަރިފުޅާ." ދެތިން ފަހަރަކު ބައްޕަ ގޮވައިލިއެވެ.

"ކޮއްކޯ! ކޮއްކޯ!" ޒަޔާންގެ ކޮލުގައި ޖަހައިލަމުން ދެތިން ފަހަރަށް ގޮވައިލީމެވެ.

"ހިނގާ ބޭރަށް ގެންދަމާ! މަރުކަޒަށް ގެންދަންވީ ކަން ނޭނގެ." ބައްޕަ ބަލައިލީ އަހަރެން މޫނަށެވެ. "މިއޮތީ އަތް ވެސް ކަނޑައިގެން ގޮސް."

ކުއްލިއަކަށް ޒަޔާން ލޯ ހުޅުވާލިއެވެ. އޭނާ ހިފީ އަހަރެންގެ އަތުގައެވެ. އަތުގައި އޮތް ބިއްލޫރި ގަނޑު ހަރައިލީ އަހަރެން އަތަށެވެ. ދުނި ޖަހައިލައިފައި ލޭތައް ބުރައިގެން ދިޔައެވެ. ޒަޔާންގެ މޫނަށް ވެސް ލޭ އެޅުނެވެ. އަހަންނަށް ބާރަށް ހަޅޭއްލަވާ ގަނެވުނެވެ. އަހަރެންގެ އަތުގައި ބައްޕަ ހިފިއެވެ. ތަންވަޅު ބަލައިފަ ޒަޔާން ތެދުވިއެވެ. އޭނާ ދުއްވާގަތީއެވެ. ކޮޓަރިން ބޭރަށެވެ.

"ބައްޕާ އެ މިހާރު ޒަޔާންގެ އުޅުން ހުންނަ ގޮތަކީ." އަހަރެން ބައްޕައަށް އޮޅުން ފިލުވައިދިނީމެވެ.

"ކިހިނެއްބާ މިވީ؟" ބައްޕަ ވެސް ހާސްވެ ކަންބޮޑުވަމުން ދިޔައެވެ.

އަހަންނާއި ބައްޕަ ތިބީ ކާ ކޮޓަރީގައެވެ. ބައްޕަގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ހާސްވުމުގެ އަސަރުތަކެވެ. ކަންބޮޑުވުމެވެ.

"މިހެން އުޅެންޏާ ސުކޫލަށް ކިހިނެއް ފޮނުވާނީ؟" ބައްޕަ ބުނެލިއެވެ.

"އިއްޔެ ވެސް ކުލާސް ދެ ކުދިން ގަޔަށް ފަންސޫރު ހަރައިލި،" އަހަރެން އޮޅުން ފިލުވައިދިނީމެވެ. "ސްކޫލުން ބުނީ އޭނާގެ އެސެސްމަންޓެއް ހަދަމުންދާކަމަށް. ކުދިންނަށް އެގޮތަށް އަނިޔާ ކުރާ ކަމަށްވާނަމަ ކުދިންނާ އެކަހެރިކޮށްގެން ކިޔަވައިދޭން ޖެހިދާނެ ކަމަށް."

"ދެން ކިހިނެއް ހަދާނީ؟" ބައްޕަ ކަންބޮޑުވިއެވެ.

"ނަފުސާނީ މީހަކަށް ދައްކަންވީނު." އަހަރެން ބުނެލީމެވެ.

"ނަފުސާނީ ކަމެއްތަ މި؟" ބައްޕައަށް ގަބޫލު ނުކުރެވުނެވެ.

"އާން! ހީވަނީ އެހެން."

"ކުރިން އެހެންނެއް ނޫޅެއެއްނު،" ބައްޕައަށް ގަބޫލުކުރަން ދަތިވިއެވެ. "ކުޑަކުދިންނަށް ނަފުސާނީ މައްސަލަ ދިމާވޭތަ؟"

"ދިމާ ނުވިޔަސް މައްސަލައެއް ހުރިއްޔާ ދެނެގަނެވޭނެއްނު. މި ބުނީ ފަހަރެއްގަ އެ ވެދާނެ ކޮންމެ ވެސް ބައްޔެއް ހުންނާތީ ދިމާވާ ކަމެއް ކަމަށް،" އަހަރެން އޮޅުން ފިލުވައިދިނީމެވެ. "ޒަޔާން އަބަދަކު އެހެންނެއް ވެސް ނޫޅެ. އޭނާ ހިތްހަމަ ނުޖެހޭ ކަމެއް ވީމަ ގިނަ ފަހަރަށް އެގޮތަށް ކަންތައް ކުރަނީ ވެސް."

ލައްކަ ވާހަކައަށްފަހު ބައްޕަ އަހަރެންގެ ބަސް ގަބޫލުކުރިއެވެ. މާލެ ދިޔުމުގެ ތައްޔާރީތައް ވާން ފެށުނެވެ.

ކުއްލިއަކަށް ފާޚާނާގެ ދޮރުފަތުގައި މީހަކު ތަޅައިގަތެވެ. ސިހިފައި އަހަންނަށް ތެދުވެވުނެވެ. މާޒީގެ ހަނދާންތަކުން ނުކުމެވުނެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ދޮރުގައި ތަޅައިގަތީ ޒަޔާން ކަން އެނގުނެވެ. އަހަރެން ވެސް ދޮރުފަތުގައި ތަޅައި ގަތީމެވެ. ބާރުބާރަށް ހަޅޭއްލަވަމުންނެވެ. ޒަޔާނަށް އިވޭ ކަމަކަށް ނުހެދިއެވެ.

މުޅި ތަން ހިމޭންވިއެވެ. ބިއްލޫރި ތަށްޓެއް މުށިގަނޑު މައްޗަށް ވެއްޓުމުން އިވޭ ކަހަލަ އަޑެއް ކޮޓަރި ތެރެއިން އިވެމުން ދިޔައެވެ. އަހަންނަށް ތިރިވެވުނެވެ. ފާޚާނާގެ ދޮރު ދަށުން ކޮޓަރި ތެރެ ފެނޭތޯއެވެ. ދޮރާއި މުށިގަނޑާ ދެމެދުން ފެންނަމުން ދިޔައީ ޒަޔާންގެ ފައިތިލައެވެ. މުށިގަނޑުމަތީގައި ހުރީ ފުނޑުފުނޑުވެފައިވާ ބިއްލޫރިއެވެ. އަހަރެން ބާރުބާރަށް ގޮވާލީމެވެ. ޒަޔާން އިވޭކަމަށް ވެސް ނުހަދައެވެ. ކުއްލިއަކަށް ބާރު އަޑުފަށް ގަނޑެއް އިވުނެވެ.

އަހަންނަށް ބަލަން އޮވެވުނީއެވެ. ލޮލުން ހޯސްލައިފައި ކަރުނަތައް އޮހެމުން ދިޔައެވެ. މުށިގަނޑުމަތި ފޯވަމުން ދިޔައެވެ. މޭ ހީވަނީ ނަގައި ޖެހޭހެންނެވެ. ވިންދުތައް ހުރީ އަވަސްވެފައެވެ. މީހާ ވަނީ ދާ ހިއްލާ ފޯވެފައެވެ.

"ބައްޕާ އަވަސްކޮށްބަލަ. ޒަޔާން ކޮޓަރީގަ ހުރިހާ އެއްޗެއް ފުނޑުފުނޑު ކުރަނީ. އަހަރެން މިހުރީ ފާޚާނާގަ، ބޭރުން ދޮރު ހުރީ ތަންޑު އަޅައިފަ. އޭނާ އިވޭ ކަމަށް ވެސް ނުހަދާ." ބައްޕަ ގުޅުމުން އަހަރެން އަމުނައިލީމެވެ.

"ދަރިފުޅާ މި އަރަނީ. މާ ގިނައިރެއް ނުވާނެ ދެން. އިހަށް ކެތްތެރިވޭ."

ބައްޕަ އައިސް ދޮރު ހުޅުވާލިއެވެ. މޭގައި އަތް އަޅައިލަމުން ހިންދިރުވާލެވުނެވެ. ޒަޔާން ހުރީ ރުޅި ގަދަވެފައެވެ. އޭނާގެ ދެ ބުމަ ހުރީ ކައިރިކޮށްލެވިފައެވެ. މުޅި ކޮޓަރީގައި ވަނީ ބިއްލޫރިއެވެ. ކުދިކުދިވެފައިވާ ތަށިތަކެވެ. ފުޅިތޮށްޓެވެ. އަވަސްއަވަހަށް ކޮޓަރި ތެރެ ސާފުކޮށްލީމެވެ.

"ދޭއް ޖަހާއިރަށް އެޕޮއިންޓްމަންޓް ލިބުނީ." ބައްޕަ ދިއްކޮށްލީ ޑޮކުޓަރަށް ދައްކަން ހަދައިފައި އޮތް މެމޯއެވެ.

އަހަންނަށް ބަލައިލެވުނީ ޒަޔާންގެ މޫނަށެވެ. އޭރު ވެސް އޭނާ ހުރީއެވެ. ރުޅި ގަދަވެފައެވެ. އޭނާ އަހަންނާ ހަތަރު ކަޅި ހަމަ ކޮށްލިއެވެ. ލުއި ގޮތަކަށް އަހަރެން ހީލީމެވެ. ޒަޔާން ދުވެފައި އައިސް އަހަރެންގެ ދެ ފައިގައި އޮޅުލައި ގަތެވެ. އަހަރެން ތިރިވެ ޒަޔާންގެ ގައިގައި ބައްދައިގަތީމެވެ. އޭނާ ރޯންފެށިއެވެ. ގިސްލަ ގިސްލާފައި ރޮމުން ދިޔައެވެ.

އަހަންނަށް ވިސްނައިލެވުނެވެ. މިއަދު ވެސް ޒަޔާން ރުޅި ގަދަވީ އޭނާއަށް ފޯނު ނުދިނުމުންނެވެ. އޭނާ މާގިނައިން ފޯނާ ކުޅޭތީ އަހަރެން ފާޚާނާ ސާފުކުރަން ވަނީ ފޯނު ހިފައިގެންނެވެ. އެހެންވެ އޭނާ އެކަމުގެ ރުޅި ބޭލީއެވެ. ޒަޔާން ހީކުރީ އަހަރެން އޭނާ ދެކެ ރުޅި އަންނާނެ ކަމަށެވެ. އަހަރެން ރުޅި ނައިސް ހިނިތުންވެލުމުން އޭނާއަށް ވިސްނުނީ ކަން ނޭނގެއެވެ.

"އަވަހަށް އުޅޭ ޑޮކުޓަރަށް ދައްކަންދާން ތައްޔާރުވާން. މިހާރު އެކެއް ޖަހަނީއެ." ބައްޕަ ފުން ނޭވާއެއް ދޫކޮށްލަމުން ސޯފާގައި އިށީނެވެ.
"އަހަރެން މިހުރީ ތައްޔާރު ވެގެން. ކޮއްކޮ ރީތިކޮށްލީމަ ނިމުނީ."

"ދަރިފުޅާ ކިހިނެއް މިހެން އުޅޭނީ؟ މާލެ އައިސް އަދި މިވީ ފަސް ގަޑީއިރު ތެރޭގައި ވެސް މިހުރީ ދަރިފުޅަށް ކޮށްލިވަރު." ބައްޕަ ވާހަކަފެށިއެވެ.

"ދެން އިހަށް ތިވާހަކަ ނުދައްކާ."

"ވާހަކަދައްކާ ނަމަ ވަރަށް ފަސޭހަވާނެ." ޑޮކުޓަރު ވާހަކަދެއްކީ އަހަރެންގެ މޫނަށް ބަލައިގެން އިނދެއެވެ. "ރުޅި އަންނަނީ ކީއްވެތޯ ސުވާލު ކުރެވުނުލެއް މަދުވީ ކަމަށް ވެދާނެ. އަދިވެސް އޯގާތެރިކަމާއެކު ވާހަކަދައްކާ މިންވަރު އިތުރުކުރޭ."

"މިއީ ނަފުސާނީ ކަމެއްތޯ؟" ބައްޕައަށް ކެތެއް ނުކުރެވުނުވެ.

"އެހެން ބުނަންދަތި. ޖެހޭނީ ޓެސްޓުތަކެއް ހަދައިލަން. މި ދޭ ޓެސްޓްތައް ނިންމައިލުމަށްފަހު މާދަމާ އާދޭ،" ޑޮކުޓަރު ހިނިތުންވެލިއެވެ. "ކިޔައިދިން ކަންތައްތަކުން ކޮންމެ ވެސް ވަރަކަށް ޝައްކުކުރެވޭ ބައެއް ކަންކަން އެބަހުރި. އެކަމަކު އެއްޗެކޭ ބުނަން އެނގޭނީ ޔަގީންކޮށްލުމަށްފަހު."

އެދުވަސް ނިމިގެން ދިޔައީ ޒަޔާންގެ ޓެސްޓުތައް ހެދުމުގައެވެ. ނަތީޖާތައް ލިބުނީ އެރެއެވެ.

"އެއްވެސް ވަރަކަށް މީހުންދައްކާ ވާހަކައަށް ރައްދުދީ އުޅޭތަ؟" ޑޮކުޓަރު ހައިރާން ކަމާއެކު ސުވާލުކުރިއެވެ.

"ވަރަށް ނުދޭ." ބައްޕަ ބަލައިލި ގޮތުން އަހަރެން އިސްނެގީމެވެ. "ކިތައްމެ ވަރަށް ވާހަކަ ދެއްކިޔަސް އިވޭކަމަށް ނަހަދާ ވެސް ހުރޭ."
"ފަހަތުން ގޮވައިލުމުން ޖަވާބު ދޭތަ؟" އަނެއްކާ ވެސް ޑޮކުޓަރު ބަލައިލިއެވެ.

"ނޫން."

"ވާހަކަދައްކާ އިރު އަނގަޔަށް ބަލައިފަ ޖަވާބުދޭތަ؟ އެކަނި އިނދެގެން ވާހަކަދައްކާތަ؟ ވާހަކަދައްކާއިރު ބާރަށް ވާހަކަދައްކާތަ؟" ޑޮކުޓަރު ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔައެވެ.

"އަނެއްކާ ޒަޔާންއަށް އަޑު ނީވެނީތަ؟" ބައްޕައަށް ކެތެއް ނުކުރެވުނެވެ.

"އާދެ، އަޑު އިވުމުގައި މައްސަލަ ހުރިކަމަށް ފާހަގަ ކުރެވެނީ. އެއީ އެއް ކަމަކަށް ފާހަގަކުރެވޭ ކަމަކީ. އަނެއް ކަމަކީ ވަރަށް ބޮޑަށް އޭޑީއެޗްޑީ އެބަހުރި. ހަލަނި ވުމާ ގުޅުން ހުރި ކަމަކީ އެއީ. ވަކި އުމުރަކަށް ދިޔުމުން އެކަން ރަނގަޅު ވެދާނެ. މި ކަހަލަ ކުދީންނަކީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ބައެއް. އެމީހުން ސަމާލުކަން ހޯދުމަށް އެކި ކަހަލަ ކަންކަން ކުރާނެ. ބައެއް ފަހަރު މީހުން ހިތްހަމަ ނުޖެހޭ ކަންކަން ވެސް ކުރާނެ. ޒަޔާންގެ މި ވެދަނައިގައި މި ފާހަގަކުރެވެނީ ދެ ކަމެއް އެއީ އަޑު އިވޭ ވަރު ދަށްވީމަ އަހަރުމެން ދައްކާ ވާހަކަ އޭނާއަށް ނޭނގުން. ދެން އޭނާ އެ ދެނެގަންނަނީ ތުންފަތާއި ހަރަކާތްތަކުގެ އެހީގަ އެހެން މީހުން ދައްކާ ވާހަކަ. އަނެއް ކަމަކީ އޭނާ ސަމާލުކަން އެ ހޯދަނީ އެއްޗެހި ހަލާކުކޮށްގެން." ޑޮކުޓަރު އޮޅުންފިލުވާދިނެވެ.

"ދެން ކިހިނެއްތޯ؟" ބައްޕަ ހުއްޓައިލީ ޑޮކުޓަރު ފެށުމުންނެވެ.

"ޚާއްޞަ ޑޮކުޓަރަކަށް ދައްކާ. އޭޑީއެޗްޑީގެ ކަންތަކާ އުޅޭނީ އޭގެ ފަހުން. ބޮޑަށް ގަބޫލު ކުރެވެނީ އަޑުއިވެން ފެށުމުން ބަދަލުތަކެއް އަންނާނެ ކަމަށް. މީހުންދައްކާ ވާހަކަތައް އިވި އެއަށް ޖަވާބު ދޭން ފެށީމަ އެހެން ކަންކަމަށް ބަދަލު އަންނާނެ." ޑޮކުޓަރު ހިނިތުންވެލިއެވެ.

ޑޮކުޓަރު ކޮޓަރިން ބޭރަށް ނުކުމެ ފުން ނޭވާއެއް ދޫކޮށްލީމެވެ. މިހުރިހާ ދުވަހު ވިސްނެމުން ދިޔައީ ގޯސްކޮށްނޭ ހިތައިހިތައި ކިޔައިލެވުނެވެ. ކޮއްކޮއާ މެދު ނުނިޔަތް ލެވުނު އިރު ކޮއްކޮގެ ހާލަތު ވަޒަން ނުކުރެވުނީތީ ދެރަވިއެވެ. ކޮންމެ ސުލޫކެއްގެ ފަހަތުގައި ކޮންމެވެސް އެހެން ކަމެއް އޮންނާނޭ ބުނަނީ ރަނގަޅަށެވެ. ކޮންމެ އިހުމާލެއްގެ ފަހަތުގައި ވެސް ޒިންމާ ނަގަން ޖެހޭ ފަރާތްތަކެއް ވެސްވާނެއެވެ. އަހަރެންގެ އިހުމާލުން ބައެއް ކަންކަން ހިނގިކަން ގަބޫލުކުރެވުނެވެ. ކޮއްކޮއަށް ދޭންވީ ސަމާލުކަން ނުދެވުމެވެ. ސްކުރީނަށް ބަރޯސާވުމަށް ދޫކޮށްލެވުމެވެ. ކޮއްކޮއަކީ ހުރިހާ ހިއްސެއް ބަރާބަރު ކުއްޖެއްތޯ ދެނެ ނުގަނެވުމެވެ. ކުރާނެ ކަމެއް ނެތެވެ. މިއީ އަލަށް ކުރަން ޖެހުނު ކަންކަމެވެ. އަލަށް ލިބުނު ތަޖުރިބާތަކެކެވެ. ކުއްޖަކު ތަރުބިއްޔަތު ކުރަން ތައްޔާރު ނުވެ ހުއްޓާ ލިބުނު ހަދިޔާއެކެވެ. މިއީ އަހަރެން ބޭނުންވި ހަދިޔާއެވެ. މަންމަގެ ފަރާތުން ލިބުނު ހަދިޔާއެވެ. ދެން އެނގޭނެއެވެ. ވިސްނޭނެއެވެ. މިއީ ތަޖުރިބާގެ ހަދިޔާއެވެ. (ނިމުނީ)