ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ކާރުކޮޅަށް ފެންޖެހި މައްސަލަ ބަލަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކާރުކޮޅުގެ މައްޗަށް ގެއަކުން ފެން އެއްޗެއް ބަންޑުން ކޮށްލި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކާރުކޮޅުގެ މައްޗަށް ގެއަކުން ފެން އެއްޗެއް ބަންޑުން ކޮށްލީ ހެންވޭރުގައި ހުރި އިމާރާތެއްގެ އެޕާޓްމަންޓަކުން ކަމަށެވެ. މި ހާދިސާގައި ހިނގި ވަގުތު ކާރުކޮޅުގައި ރައީސް ނެތް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މިއީ މީހަކު ނުވަތަ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.

އެކަމުގެ ތަފްސީލް ނުދީ ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.