އިންޑިޔާގެ ކަރްނާޓަކާއަށް ނިސްބަތްވާ މީހަކު 13.62 ސިކުންތު ތެރޭ 142.5 މީޓަރު ދުވެގެން ދުނިޔެ ހައިރާން ކޮށްލައިފި އެވެ.
ސްރީނިވާސާ ގައުޑާ ނަމަކަށް ކިޔާ މި މީހާ ދުވީ ޓްރެޑިޝަނަލް ބަފަލޯ ރޭސް ކަމްބާލާ ރޭހުގަ އެވެ. މި މީހާ ދުވިލެއް ބާރު ކަމުން ގިނަ ބަޔަކު އޭނާ އާއި ޖަމައިކާގެ ދުވުންތެރިޔާ އުސެއިން ބޯލްޓް އާ އެއްވަރު ކޮށްފައި ވެއެވެ.
މުޑްބިޑްރީ ޓައުނަށް ނިސްބަތްވާ ގައުޑާ އަށް ފިރިހެންގެރިތަކާ އެކި ދުވަން ޖެހުނީ ހަނޑޫދަނޑުތަކުގެ ތެރެއިންނެވެ.
ގައުޑާ ބުނި ގޮތުގައި މީހުން އޭނާއާ އުސެއިން ބޯލްޓާ އެއްވަރު ކުރާއިރު އުސެއިން އަކީ ދުނިޔޭގެ ޗެމްޕިއަނެކެވެ. އަނެއްކޮޅުން އޭނަ ދުވެފައި ވަނީ ވެސް ހަނޑޫހައްދާފައިވާ ޗަކަ ބިމެއްގަ އެވެ.
ގައުޑާގެ މި ކާމިޔާބު ބައްލަވާފައި ޔުނިއަން ސްޕޯޓްސް އެންޑް ޔޫތު އެފެއާޒް މިނިސްޓަރު ކިރެން ރާޖީޖޫ ވިދާޅުވީ ސްޕޯޓްސް އޮތޯރިޓީ އޮފް އިންޑިޔާގެ ޓްރައަލްތަކަށް ގައުޑާ އަށް ދައުވަތު ދީގެން ގެންދާނެ ކަމަށެވެ. އަދި ދުނިޔޭގެ މުބާރަތްތަކުގައި ބައިވެރިވުމަށް އޭނާއަށް ތަމްރީނާއި ފުރުސަތުތައް ހޯދައިދޭނެ ކަމަށެވެ.
ހުނަރުހުރި އެއްވެސް އިންޑިޔާ މީހަކު ޓެސްޓްކޮށް އެމީހަކަށް ފުރުސަތު ހޯދައިނުދީ ނުބަހައްޓާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.