ލައިފްސްޓައިލް

އެންމެ ގިނައިން ކާންވީ ހިކަނދިފަތް!

ހިކަނދިފަތަކީ ކެއުމަށް ބޭނުންކުރާ ފަތްތަކުގެ ތެރެއިން އެންމެ ފައިދާހުރި އެއް ފަތެވެ. މި ފަތަށް "މެޖިކަލް ހާބް" ގެ ނަމުން ނަން ދެވިފައި ވަނީ މިފަތުގެ ފައިދާ ބޮޑު ކަމުންނެވެ. ހިކަނދިފަތަކީ ރިހަ ފަދަ ތަކެތި ކެއްކުމުގައި ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. ހިކަނދިފަތް ބޭނުން ކުރަނީ ކާ އެއްޗެތީގައި މީރު ރަހަ ލެއްވުމަށް ކަމަށް ވިޔަސް މީގެ ފައިދާ އެނގޭނަމަ ރިހައިގައި ހުންނަ ހިކަދިފަތްކޮޅު ނަގާ ތަށި ކައިރީގައި އެއްލާލާކަށް ނުބޭއްވީހެވެ.

ހިކަނދިފަތުގެ ސިއްހީ ފައިދާ ގިނަކަމުން އަޔުރްވެޑިން މެޑިސިން ތައްޔާރު ކުރުމުގައި ވެސް މި ފަތް ވަރަށް ގިނައިން ބޭނުންކުރެ އެވެ.

ހިކަނދިފަތަކީ ހަށިގަނޑަށް ފައިދާހުރި ތަފާތު މާއްދާތަކުން ފުރިފައިވާ އެއްޗެކެވެ. ވިޓަމިން އޭ، ބީ، ސީ އަދި ބީ12 އިން މުއްސަނދި ވެފައިވާ މި ފަތަކީ އަޔަން އާއި ކެލްސިއަމް ލިބުމުގެ ވަސީލަތެއް ވެސް މެއެވެ. މީގެ އިތުރުން ކޮންމެ ދުވަހެއްގެ ކެއުމުގައި މި ފަތް ބޭނުން ކުރާނަމަ ހަށިގަނޑަށް ބޭނުންވާ މުހިއްމު ވިޓަމިންސްތައް މަދުވެގެން ދިމާވާ މައްސަލަތައް ދިމާވުން ދުރުވާނެ އެވެ. އަދި މީހާގެ ދިފާއު ގުދުރަތީ ގޮތުން ވަރުގަދަ ވާނެ އެވެ.

ފިޓްނަސް އަށް ލޯބިކުރާ މީހުންނަށް ވެސް ފަހަކަށް އައިސް ހިކަނދިފަތުގެ ފައިދާ ވިސްނިއްޖެ އެވެ. މި ފަތަކީ ސަރުބީތައް ނައްތާލަން ވަރަށް ފައްކާ އެއްޗެއްކަން ދެނެގަނެވިއްޖެ އެވެ. މި ފަތް ކެއުމުން ގުދުރަތީ ގޮތުން މީހާގެ ބަރުދަން ލުއިކޮށްލަ އެވެ. ހިކަނދިފަތުގައި ކާބަޒޯލް އަލްކަލޮއިޑްސް ކިޔާ ކޮމްޕޯނަންޓެއް ހުރެ އެވެ. މީގެ ސަބަބުން ކޮލެސްޓްރޯލް ލެވެލް ދަށްކުރުމަށް އެހީތެރިވެދެ އެވެ.

މި ފަތް ކެއުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އަވިން ހިއްކައިގެން ނުވަތަ ރޮލާ ސެލެޑް ހަދައިގެންނެވެ. މި ފަތް ކާން އެންމެ ރަނގަޅު ގަޑިއަކީ ހެނދުނު ހެނދުނާ އެވެ. މީގެ އިތުރުން ތައްޔާރުކުރާ ކާ އެއްޗެތީގައި ވީވަރަކުން މި ފަތް ބޭނުންކޮށްގެން މީގެ ފައިދާތައް ހަށިގަނޑަށް ހޯދައިދެވިދާނެ އެވެ.

ބަނޑާ ގުޅިފައިވާ ތަފާތު ބަލިތަކަށް ވެސް ހިކަނދިފަތް ބޭނުންކުރުމުން ފަރުވާ އަކަށް ވެއެވެ. ބޭރަށް ހިންގުން، ބަނޑުހިކުން، ހޮޑުލެވުން ފަދަ މައްސަލަ ޖެހިއްޖެނަމަ ކެއުމުގައި ހިކަނދިފަތް ހިމަނާށެވެ. ވަރަށް ފަސޭހައިން މައްސަލަ ހައްލުވާނެ އެވެ. ބަނޑުގެ ބަލިތަކަށް ހިކަނދިފަތް ބޭނުންކުރުން ރަނގަޅުވުމުގެ އިތުރުން މެޓަބޮލިޒަމް އަށް ވެސް މި ފަތް ރަނގަޅެވެ. މެޓަބޮލިޒަމް ރަނގަޅުވުމުން ސަރުބީ ވިރޭލެއް ހަލުވި ވާނެ އެވެ.

ބަނޑުގެ ތަފާތު މައްސަލަތަކަށް ހިކަނދިފަތް ބޭނުން ކުރެވިދާނެ ގޮތްތަކެއް ހުރެ އެވެ. އަވިން ހިއްކާފައި މުގުރާލައިގެން ބަޓަމިލްކް ނުވަތަ ކާޑް / ޔޯގަޓް އާ އެއްކޮށްގެން ބުއިން މިއީ އެއްގޮތެވެ. ހެނދުނު ހުސްބަނޑާ ހުރެ ހިކަނދިފަތްކޮޅެއް ހަފާލައިގެން ކެއުމަކީ ވެސް ގޮތެކެވެ.

މާބަނޑުމީހުންނަށް ހެނދުނު ހޭލާ ވަގުތު ހޮޑުލެވޭނަމަ ވެސް ހިކަނދިފަތްކޮޅެއް ކާލައިގެން އެ މައްސަލަ ހައްލު ކުރެވިދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތް ރަނގަޅުވުމުން މޭނުބައިކުރާލެއް ކުޑަވެ އެވެ.
ފިހޭ ތަންތަނަށާއި ޒަޚަމްތަކަށް ވެސް ހިކަނދިފަތް ބޭނުން ކުރެވިދާނެ އެވެ. ހިކަނދިފަތް ފުނޑާފައި ހަމުގެ އިންފެކްޝަންތަކަށާއި ފިހޭ ތަންތަނުގައި އެޅުމުން ފަސޭހަވާ ކަމަށް ވެއެވެ. ހިކަނދިފަތުން ފަސޭހަކުރެވެނީ އޭގައި އެކުލެވޭ ކާބަޒޯލް އަލްކަލޮއިޑްގެ ސަބަބުންނެވެ.

ހަނދާން ވަރުގަދަ ކުރުމަށާއި ވިސްނުމުގެ ބަރު ގަދަކުރުމަށް ވެސް މި ފަތުގެ ފައިދާ ކުރެ އެވެ. އަދި އަލްޒައިމާ ކަހަލަ ހަނދާން ނެތުމުގެ މައްސަލަތަކަށް ވެސް ހިކަނދިފަތުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އިސްތަށިގަނޑު ވަރުގަދަ ކުރުމަށް ވެސް ހިކަނދިފަތް ވަރެއް ނެތެވެ. އިސްތަށި ފައިބާނަމަ މި ފަތް ކެއުމުގައި ބޭނުންކުރުމުން އިސްތަށީތަކުގެ ބުޑު ވަރުގަދަވެ އިސްތަށިތަކުގެ ސިއްހަތު ރަނގަޅުވެ އެވެ. ޅަ އުމުރުގައި ނުރަ ޖެހުމަށް ވެސް ހިކަނދިފަތް ބޭނުންކުރެ އެވެ. އަދި ޑޭންޑްރަފް އާއި މިފަދަ އިތުރު މައްސަލަތަކަށް ވެސް މި ފަތް ބޭނުންކުރެވިދާނެ އެވެ.

ހިކަނދިފަތަކީ ވިޓަމިން އޭ އިން މުއްސަނދިވެފައިވާ ފަތެކެވެ. އެހެންކަމުން ލޮލުގެ ފެނުން ރަނގަޅުކުރުމަށް މި ފަތް ކެއުން ފައިދާ ބޮޑެވެ.