ފިލިޕީންސަކީ މޮޅު ޓީމެއް ނަމަވެސް ކުޅުންތެރިން މަސައްކަތްކޮށްފިނަމަ މިއަދު ހަވީރު އެ ގައުމާދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކުރެވޭނެ ކަމަށް ރާއްޖޭގެ ވައިސް ކެޕްޓަން އަކުރަމް އަބުދުލްގަނީ ބުނެފި އެވެ.
ރާއްޖެ ގަޑިން ހަވީރު ފަހެއް ޖަހާއިރު ފަށާ މެޗުގެ ކުރިން ދެ ޓީމުން ބޭއްވި ޕްރެސް ކޮންފަރެންސްފައި ވާހަކަ ދައްކަމުން ވެލެންސިއާގެ މިޑްފީލްޑަރު ބުނީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ޗެލެންޖް ކަޕުގެ ސެމީ ފައިނަލްގައި ފިލިޕީންސް އަތުން ރާއްޖެ ބަލިވިކަން ހަނދާން އެބަހުރި ކަމަށެވެ.
"އަހަރުމެންގެ މައިގަނޑު އަމާޒަކީ ޕިލިޕީންސާދެކޮޅަށް ރަނގަޅު ނަތީޖާއެއްނެރުން. އަހަރުމެން އެންމެނަށް ވެސް އެނގޭ އެމީހުން ޗެލެންޖްކަޕުގައި ރާއްޖޭގައި އަހަރުމެން ބަލިކުރިކަން. އެމީހުންނަކީ ރަނގަޅު ޓީމެއް. އެކަމަކު އަހަރުމެންނަށް ޔަގީންކަން އެބައޮތް އަހަރުމެން ގަދައަށް މަސައްކަތްކޮށްފިއްޔާ އަހަރުމެންނަށް ރަނގަޅު ނަތީޖާއެއް އެމީހުންނާ ދެކޮޅަށް ނެރެވޭނެކަން،" މިދިޔަމަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ކެޕްޓަންކަން ކުރި އަކުރަމް ބުންޏެވެ.
މި މެޗަކީ އަންނަ އަންގާރަ ދުވަހު ވޯލްޑް ކަޕް ކޮލިފައިންގައި ކުޅެންޖެހޭތީވެ އެކަމަށް ތައްޔާރުވުމަށް ދެ ގައުމުން ވެސް ކުޅޭ މެޗެކެވެ. އެ ދުވަހު ރާއްޖެ ކުޅޭނީ ޗައިނާއާ އެވެ. ފިލިޕީންސް ކުޅޭނީ އުޒުބަކިސްތާނާ ދެކޮޅަށެވެ.
ރާއްޖޭގެ ޓީމުގެ ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ބުނީ މި މެޗާއެކު ޗައިނާ މެޗަށް ނުކުންނައިރު ކުޅުންތެރިންގެ އިތުބާރު ބޮޑުވާނެ ކަމަށެވެ.
"ޗައިނާ މެޗުގެ ކުރިން އަހަރުމެންނަށް އިތުބާރުލިބި ކުޅުންތެރިން އިތުރަށް ކުރިއަރަން މި މެޗު އެހީއެކަށްވާނެ،" ގައުމީ ކޯޗުކަމުން ބަލްގޭރިޔާގެ ވެލީޒާ ޕޮޕޯފް ވަކިކުރުމުން ޓީމާ ހަވާލުވެހުރި އިންމަ ބުންޏެވެ.
މި މެޗަށް ނުކުންނައިރު ފިލިޕީންސް ޓީމުން ވަނީ މެޗުގައި ރާއްޖެއާ ދެކޮޅަށް އެ ގައުމުގެ މުހިންމު އަށް ކުޅުންތެރިއަކަށް ނުކުޅެވޭނެ ކަމަށް ބުނެފަ އެވެ. އެއީ ގައުމުން ބޭރުގެ ކުލަބުތަކަށް ކުޅޭ ކުޅުންތެރިންނަށް ގައުމީ ޓީމާ ގުޅެން އާދެވޭލެއް ލަސްވުމާއި ފިލިޕީންސް ލީގުގެ ފައިނަލް މެޗުގައި ކުޅުނު ދެ ކާޔާ އެފްސީ އާއި ސެރެސްގައި ހިމެނޭ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ރެސްޓް ދީފައިވާތީ އެވެ.
މި މެޗަށް ރާއްޖެ ނުކުންނައިރު އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވަނީ މީގެ ފަހުން ގައުމީ ޓީމު މޮޅުވާ ކޮންމެ މެޗަކަށް ކޮންމެ ކުޅުންތެރިއަކަށް 10000ރ. ބޯނަސްއެއް ދޭނެ ކަމަށް ވިދާޅުވެފަ އެވެ.