ސްކްރީން ބަލަން މާގިނައިރު ކުޑަކުދިން ތިބޭނަމަ އޭގެން ލިބޭނެ ޖިސްމާނީ އަދި ނަފްސާނީ ގެއްލުން ވަރަށް ގިނަ މީހުންނަށް އެނގޭނެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިރުޝާދަކީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށް އެއްގޮތަކަށް ވެސް ސްކްރީން ނުދެއްކުމެވެ. ނޫންނަމަ ސްކްރީން ދައްކާ މިންވަރު ވީހާވެސް މަދުކުރުމެވެ.
ސްކްރީން ޓައިމް ގިނަވުމުން ކުއްޖާ ހެލިފެލިވެ އުޅުމުގެ ބަދަލުގައި ތަނެއްގައި އިށީނދެ ނުވަތަ އޮށޯވެ ގިނަ ވަގުތު ހޭދަ ކުރެވޭ ގޮތް ވެއެވެ. ނަތީޖާއަކަށް ވަނީ ފަލަބަލި ޖެހުމުގެ އިތުރުން ޅަފަތުގައި ކުދިންގެ ސިކުނޑި ތަރައްގީވާންވީ މިންވަރާ ގާތަށް ވެސް ތަރައްގީނުވެ އެ މަރުހަލާ ލަސްވުމެވެ. ނިދުން އުނދަގޫވުމާއި ލޮލަށް ގެއްލުންވުން އަދި ކިޔަވާ ދަސްކުރުން ފަދަ ސަމާލުކަން ދޭން އެންމެ މުހިއްމުވާ ކަންތައްތަކަށް ސަމާލުކަން ނުދެވުމާއި އަވަހަށް ރުޅިއައުމާއި އަވަސް އަރުވާލާފައި އުޅުން ފަދަ ކަންތައް ކުދިންނަށް ދިމާވެ އެވެ.
ކުދިންނަށް ފޯނާއި އައިޕެޑް ފަދަ ތަކެތި ދީގެން ގިނަ ވަގުތު އެކުދިން މަޑުމަޑުން ގޭގެ ކޮންމެވެސް އެއް ކަނެއްގައި އިނދެދާނެ އެވެ. ތަޖުރިބާކާރުންގެ ވާހަކަތައް ފަހަކަށް އައިސް ގިނަ މީހުން ގަބޫލުކުރަން ފަށައިފި އެވެ. ނަމަވެސް އެހާތަނުން ދެން އެމީހުންގެ ހިތުގައި އުފެދޭ ސުވާލަކީ ކުދިންނަށް ފޯނު ފަދަ އެއްޗެތި ނުދީ ގެންގުޅޭނީ ކިހިނެއް ހެއްޔެވެ؟
މިކަން ވިސްނޭތީ ވަރަށް ގިނަ ބެލެނިވެރިން މިހާރު ފޯނު ފަދަ އެއްޗެތި ކުދިންނަށް ދިނުން މުޅިން މަނާކުރެ އެވެ. އަދި ސްކްރީން ނޫން އެހެން ގޮތަކުން އެ ކުދިންނަށް މުނިފޫހި ފިލާނެ ގޮތްތައް ހޯދޭތޯ މައިންބަފައިން މިހާރު މަސައްކަތް ކުރާ ތަން ވެސް ފެނެ އެވެ. ނަމަވެސް މީގައި އެހެން މައްސަލައެއް ވެސް އެބަ ދިމާވެ އެވެ. ކުދިން ކައިރީގައި ސްކްރީނަށް ނުބަލާށޭ ފޯނާ ނުކުޅޭށޭ ކިޔާފައި އެ އެއްޗެތި އަތުލާފައި ބޮޑެތި މީހުން ކަންތައް ކުރަނީ ކިހިނެއް ހެއްޔެވެ؟ މި ގަވާއިދު ކުއްޖާގެ މައިންބަފައިން ނުވަތަ ގޭގައި އެނޫންވެސް ތިބޭ ބޮޑެތި މީހުންނަށް ލާޒިމުނުވަނީ ކީއްވެ ހެއްޔެވެ؟
ކުދިން ކައިރީގައި ސްކްރީނަށް ބަލާ ވަގުތު މަދުކުރާށޭ ބުނާއިރުވެސް އަހަރެމެން ބޮޑެތި މީހުން ތިބެނީ ފޯނަށް ވަދެ ހުސްވެގެންނެވެ. އަހަރެމެން ވެސް މިހާރު ހުރިހާ ކަމަކަށް ވެސް ފޯނާއި ލެޕްޓޮޕް ބޭނުންވެ އެވެ. މި އެއްޗެތި އަތުގައި ނެތިއްޔާ އެއްވެސް ކަމެއް ވާކަމަކަށް ނުވެ އެވެ. ކުދިން ކުރިމަތީގައި ބޮޑެތި މީހުން މިކަން މިގޮތަށް ކުރަމުން ދިއުމުން އެ އާދަ އެކުދިން އެ ދަސްކުރަނީ މައިންބަފައިންނާއި ގޭގައިއުޅޭ އެހެންވެސް ބޮޑެތި މީހުންގެ ކިބައިން ކަން ވިސްނާލީމު ހެއްޔެވެ؟
ކުޑަކުދިން ގިނަ ކަންތައްތައް ދަސްކުރަނީ އެހެން މީޙުން އެކަން ކުރާ ގޮތް ބަލާ ކޮޕީ ކޮށްގެންނެވެ. އެ ކުދިން އެންމެ ބޮޑަށް އޮބްޒާވް ކުރާނީ މައިންބަފައިން އުޅޭ ގޮތެވެ.
ސައިކޮލޮޖިކަލް ސައިންސްގައި 2019ގައި ޝާއިއުކުރި ލިޔުމެއް ބުނާ ގޮތުން ކުދިން ކޮޕީ ކުރާނީ އަދި އަމަލުކުރާނީ އެކުދިންގެ މައިންބަފައިން ދައްކާ ނަމޫނާ އަކާ އެއްގޮތަށެވެ. އެހެންކަމުން މަންމަ ނުވަތަ ބައްޕަ ގޭގައި ހުންނަ ވަގުތު ފޫހިވެއްޖެނަމަ ފޯނު ނަގައިގެން ފޯނުން ބްރައުޒް ކުރަމުންދާއިރު ކުދިން ބަލަން އިންނާނެ އެވެ. އަދި އެކުދިން ވެސް އެގޮތަށް ކަންތައް ކުރަން ހިތް އެދޭނެ އެވެ. ތަޖުރިބާކާރުން ބުނަނީ މިއީ ވެސް ކުދިންނަށް ވަރަށް ގެއްލުން ލިބޭ އަމަލެއް ކަމަށެވެ. މިއަށް ކިޔަނީ "ސެކަންޑް ހޭންޑް ސްކްރީން ޓައިމް" އެވެ.
ސެކަންޑް ހޭންޑް ސްކްރީން ޓައިމުން ކުރާ ނޭދެވޭ އަސަރު ބެލުމަށް ތަޖުރިބާކާރުން ބަލާފައިވަނީ ސެކަންޑް ހޭންޑް ސްމޯކިން އަށެވެ. މި ދެ ކަންތަކުގެ ވެސް އާޚިރު ނަތީޖާއަކީ އެޑިކްޝަން ނުވަތަ ދެވިހިފުމެވެ. އަދި ދެ ކަންތަކުން ވެސް ސިއްހަތަށް ގެއްލުން ލިބެ އެވެ.
ސިނގިރެޓް ބޯއިރު އޭގެ ދުން ޖެހޭ ހިސާބު ކައިރީގައި ތިބޭ މީހުންނަށް ވެސް އޭގެ ނޭދެވޭ އަސަރުކޮށް ކެންސަރާއި ހިތުގެ ބަލިތައް، ފުއްޕާމޭގެ ބަލިތައް އަދި އެނޫންވެސް ތަފާތު ބަލިތައް ޖެހެ އެވެ. ހަމަ އެގޮތަށް ސެކަންޑް ހޭންޑް ސްކްރީން ޓައިމްގެ ސަބަބުން ކުޑަކުދިންނަށް ނުރައްކާ ވެއެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މައިންބަފައިން އެކުދިން ގޮވައިގެން އުޅޭއިރު އިރުއިރުކޮޅަކާ ފޯނަށް ބަލާ އެ ނަގާ އެއިން އެކި ކަންކަން ކޮށް ހަދާތަން ފެނިފައި އެންމެ ތުއްތު ކުއްޖާގެ ހިތުގައި ވެސް ފޯނަށް ޝައުގުވެރިކަން އުފެދެ އެވެ. މަންމަ ނުވަތަ ބައްޕަ އިރުއިރުކޮޅަކާ އެ ނަގައިގެން ބަލާ ރީތި ކުލަ ކުލައިން ދިއްލޭ އަދި ރީތި އަޑުއަޑު އިވި ރީތި ފޮޓޯތަކާއި މަންޒަރުތައް ފެންނަ އެއްޗަކީ ހަމަ ގައިމުވެސް ޖާދޫއެއް ކަހަލަ އެއްޗަކަށް ވާނެކަމަށް އެންމެ ތުއްތު ކުއްޖާ ވެސް ދެނެގަނެ އެވެ.
އެފަދަ ހިތްގައިމު އެއްވެސް ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ މައްސަލައަކީ ތުއްތު އުމުރުގައި ފޯނަށް ހިތްކިޔައި އެ ބޭނުންވާން ފަށައިފިނަމަ ފަހުން އެ ކުއްޖާ ފޯނާ ވަކިކުރަން އުނދަގޫވާނެ އެވެ.
ކުޑަކުދިން ވަރަށް ޅަފަތުއްސުރެ މިހާރު ސްކްރީން ފެނުން އާދައަކަށް ވެއެވެ. މިޒަމާނުގައި ކުޑަ ކުއްޖެއްގެ އުމުރުން އަށެއްކަ އަހަރުވާއިރު އޭނާއަށް ވަރަށް ގިނަ ވަގުތު ސްކްރީން ފެނިފައި ހުންނާނެ އެވެ. ޚާއްސަކޮށް އަލަށް މަންމައަކަށްވާ މީހެއްގެ ދަރިއަކު ނަމަ ނުވަތަ ގޭން ބޭރުގައި ގިނަ ވަގުތު މަސައްކަތުގައި އުޅޭ މަންމައެއްގެ ދަރިން ނަމަ އެވެ.
ސެކަންޑްހޭންޑް ސްކްރީން ޓައިމްގެ އޮތް އަނެއް ގެއްލުމަކީ ކުއްޖާއަށް ނުފެންނަންވާ ކަހަލަ ފޮޓޯތަކާއި މަންޒަރުތައް ފެންނަ ގޮތް ވުމެވެ. ބައެއް ފަހަރަށް ހަމައެކަނި ބޮޑެތި މީހުން ބަލާ ކަހަލަ ބައެއް އެއްޗެތި މައިންބަފައިން ފޯނުން ބަލާއިރު ކުއްޖާ ކައިރީގައި އެނބުރި އެނބުރި އުޅެ އެވެ. ކުއްޖާގެ ސަމާލުކަން ފޯނަށް ނުދޭކަމަށް ހީވިޔަސް އެ ބަލާ އެއްޗެއް ކުއްޖާއަށް ފެނުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އަދި މީގެ ނޭދެވޭ އަސަރު ކުއްޖާއަށް ކުރުމަކީ ވެސް ވަރަށް ކައިރީގައި އޮންނާނެ ކަމެކެވެ.
ސްކްރީނަށް ބަލަން އިނުމުން ލިބޭ ގެއްލުން ކުޑަކުދިންނަކަށް ނުވިސްނޭނެ އެވެ. އެހެންކަމުން ކުދިން މިކަމުން ދުރުހެލިކޮށް އެކުދިން ވީހާ ވެސް ސްކްރީނާ ދުރުގައި ގެންގުޅުމަކީ މައިންބަފައިންގެ ޒިންމާ އެކެވެ. އަދި ކުދިން ތިބޭ ގަޑީގައި މައިންބަފައިން ވެސް ވީވަރަކުން ފޯން ނުވަތަ ލެޕްޓޮޕް ފަދަ ތަކެތި ބޭނުން ނުކުރުން ރަނގަޅެވެ. ސެކަންޑް ހޭންޑް ސްކްރީން ޓައިމް އަކީ ވެސް ސްކްރީނަށް ބެލުމުން ލިބޭހާ ގެއްލުން ލިބޭ ކަމަކަށް ވާތީ އެވެ.