ހަބަރު

އިސް ސިޔާސަތަކީ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުން: ރައީސް

Feb 17, 2020
7

މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ސިފައިންގެ ކޮމާންޑަާސް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސިފައިންނާ މުހާތަބު ކުރައްވާ މިއަދު ހެނދުނު ރައީސް ސޯލިހު ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް ސިފައިންނަކީ، އެ ގައުމެއްގެ ދިފާއީ އައްޑަނަ ކަމަށާއި އެ ގައުމެއްގެ މިނިވަންކަން ހިމާޔަތްކުރާ އެންމެ ވަރުގަދަ ކިއްލާ ކަމަށެވެ. މި ހުރިހާ ގޮތްގޮތަށް ސިފައިންނަށް ނިސްބަތް ކުރެވެނީ، ގައުމަށްޓަކައި، ގައުމުގެ ރައްޔިތުންނަށްޓަކައި، ސިފައިން ވަމުންދާ ގުރުބާނީގެ ސަބަބުން ކަމަށެވެ.

"ނަމަވެސް ސިފައިންގެ ހިދުމަތަކީ، އިނާމަކުން ނުވަތަ ތައުރީފުގެ ބަސްތަކަކުން، އޭގެ އަގު ވަޒަންކުރެވޭނެ ކަންކަމެއް ނޫން، މުދަލާއި ފައިސާއިން އޭގެ ބަދަލު ދެވޭނެ ކަންކަމެއްވެސް ނޫން، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ރާއްޖޭގައި ހިނގައިދިޔަ ބައެއް ހާދިސާތަކަށް އެކަނި ބެއްޔަސް، ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރި ކުރުމުގައި، ސިފައިން ވެފައިވާ ގުރްބާނީގެ މަތިވެރިކަން ސާބިތުވެގެންދޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަސްކަރިއްޔާގެ ކޮންމެ ކަމަކީ، ވަރަށް ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ކުރަމުން އަންނަ އަދި ކުރަންޖެހޭނެ ކަންކަން ކަމަށާއި ގައުމުގެ ދިފާއީ ބާރުގެ ހައިސިއްޔަތުން، ޒަމާނީ ގޮންޖެހުންތަކަށާއި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ބަދަލުތަކާ ފައިހަމަކުރެވޭނެފަދަ އިންތިޒާމުތައް ހަމަޖެއްސޭނީ، ދިވެހި ސިފައިންނަކީ ހޭލުންތެރި އިލްމީ ބަޔަކަށް ވެގެންކަން ގަބޫލުކުރައްވާ ކަމަށެވެ.

"ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުން، އެކަމުގައި އަޅުގަނޑުމެން ގެންގުޅޭ ސިޔާސަތަކީ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހައިގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުން، ވަކިން ހާއްސަކޮށް، އިންޑިޔާ ކަނޑުގެ ސުލްހަޔާއި ހަމަޖެހުމަށް ލޮޅުމެއް އެރިޔަ ނުދިނުމަށްޓަކައި، ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައުގެ ބައިވެރިއެއްގެ ހައިސިއްޔަތުން، ދިވެހި ގައުމު މިއަދު ކުރިމަތިލާން ޖެހިފައިވާ ނުރައްކާތަކާއި ގޮންޖެހުންތައް ކުޑައެއް ނޫން ކަމަށާއި އެއްފަރާތުން ބައިނަލްއަގުވާމީ ޓެރަރިޒަމާއި އަނެއް ފަރާތުން ހަރުކަށި ފިކުރުތަކާއި އެހެނިހެން ފިކުރީ އޮއިވަރުތައް ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް، ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި އިދާރާތައް ގުޅިގެން، މިހާރު ވަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާފައި ކަމަށާއި މި މަސައްކަތުގެ އެންމެ މުހިންމު ބައިވެރިޔަކީ، އެމްއެންޑީއެފް ކަމަށެވެ. އެހެންކަމުން، މި މަސައްކަތް ކާމިޔާބުކުރުމަށްޓަކައި، ގުޅިފައިވާ އަމަލީ ފަލްސަފާއެއްގެ ތެރެއިން، މިކަންކަން ލީޑްކުރުމުގެ ޒިންމާ އެމްއެންޑީއެފުން އަދާކުރާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.