ދިވެހި ރައްޔިތުންނަށް ސިފައިން މެދުވެރިކޮށް ދޭންޖެހޭ ހުރިހާ ހިދުމަތެއްވެސް ހަމަޖެހިފައިވާ ނިޒާމުގެ ތެރެއިން މިހާރު ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސިފައިންގެ ކޮމާންޑާސް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ރައްޔިތުންނަށް ފޯރުކޮށްދޭ ބައެއް ހިދުމަތްތައް ލިބެނީ މިނިސްޓަރަށް ދަންނަވައިގެން، މިނިސްޓަރުގެ "ހެޔޮފުޅު" ކަމުން ކަމަށެވެ. ނަމަވެސް މިނިސްޓަރު ކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި ކަމަކީ އެ އުސޫލު ބަދަލު ކުރެއްވުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"އާންމު ރައްޔިތުމީހާ ކޮންމެ ތާކު ހުއްޓަސް، އެއްވެސް ލަހެއް ފަހެއްނެތި، އޭނާއަށް ސިފައިންގެ ފަރާތުން ލިބެންޖެހޭ ހިދުމަތެއްވެއްޖިއްޔާ ސީދާ މިނިސްޓަރާ ގުޅައިގެން އެކަން ކުރުމުގެ ބަދަލުގައި އެކަމެއް ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން އޮޓޮމެޓިކްކޮށް އެ ހިދުމަތެއް ވަގުތުން ލިބޭނެ ގޮތް ހަމަޖައްސާފައިވާނެ." މިނިސްޓަރު ވިދާޅުވިއެވެ.
އާންމު ރައްޔިތުމީހާ ކޮންމެ ތާކު ހުއްޓަސް، އެއްވެސް ލަހެއް ފަހެއްނެތި، އޭނާއަށް ސިފައިންގެ ފަރާތުން ލިބެންޖެހޭ ހިދުމަތެއްވެއްޖިއްޔާ ސީދާ މިނިސްޓަރާ ގުޅައިގެން އެކަން ކުރުމުގެ ބަދަލުގައި އެކަމެއް ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން އޮޓޮމެޓިކްކޮށް އެ ހިދުމަތެއް ވަގުތުން ލިބޭނެ ގޮތް ހަމަޖައްސާފައިވާނެމާރިޔާ އަހުމަދު ދީދީ | މިނިސްޓަރު އޮފް ޑިފެންސް
މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސިފައިންގެ އަސްކަރީ ގާބިލްކަން އިތުރުކޮށް، އުޅަނދުތަކާއި، ވަސީލަތްތައް އިތުރުކުރުމަށް ގިނަ މަސައްކަތްތައް ކުރެވިފައިވާ ކަމަށެވެ. އަދި އެކަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްވެސް ދެއްވާ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭރުގެ ގިނަ ގައުމުތަކެއްގެ އެހީތެރިކަން ލިބިގެންދިޔަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ގައުމީ ސަލާމަތަށް އޮތް ނުރައްކާތަކުން ސަލާމަތްވުމަށް ކުރަންޖެހޭ ދިރާސާތައްކޮށް އެކަށޭނަ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ކުރުރާސްތާ، އަދި ދިގުރާސްތާ ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަ ކުރެއްވިއެވެ.
އުދައެރިއަސް، ހާލުގައި ޖެހުނަސް، ވާރޭވެހުނު ނަމަވެސް، ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރި ބަލި މީހުން ބަލަން ޖެހުނަސް ސިފައިން ތިބެނީ ތައްޔާރީ ހާލުގައި ކަމަށާ އެހެން ކަމުން ސިފައިންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި، ސިއްހީ ފަރުވާ އަދި އެނޫންވެސް ކަންކަން ރަނގަޅު އިންތިޒާމެއްގެ ތެރެއިން ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.