ހަބަރު

މަޖިލީހުގައި ބާކީވާ ކާނާއިން ގަސްކާނާ އުފައްދައިގެން ދަނޑުވެރިންނަށް ދެނީ

ރައްޔިތުންގެ މަޖިލީހުގައި ބާކީވާ ކާނާއިން ގަސްކާނާ އުފައްދައިގެން ދަނޑުވެރިންނަށް ދޫކުރުމަށް ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަމިއްލަ ފަރާތަކުން ވަނީ ބާކީވާ ކާނާއިން ގަސް ކާނާ އުފެއްދުމަށް އިކޮލޮޖިކަލް ފުޑް ރީސައިކަލް މެޝިނެއް ހަދިޔާ ކޮށްފަ އެވެ. އެ މެޝިން މަޖިލީހަށް ހަދިޔާ ކޮށްދިނީ ޕްލޭން ހޮޓެލް ހޮސްޕިޓެލިޓީ ގްރޫޕްގެ ފަރާތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މެޝިނުން 100 ކިލޯގެ ކާނާ އިން 36 ކިލޯގެ ގަސްކާނާ އުފެއްދޭ ކަމަށެވެ. މަޖިލީހުން އެ މެޝިނުން އުފައްދާ ކާނާގެ އަޖުމަ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ދަނޑުވެރިކަން ގިނައިން ކުރާ ދާއިރާތަކަށް އެ ތަކެތި ދޫކުރަން ވިސްނާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ތަނުގައި މާ ގިނައިން ގަސްކާނާ އުފައްދަމުންދާތީ އަޅުގަނޑުމެން ނިންމައިފިން ދަނޑުވެރިކަން ގިނައިން ކުރަމުންދާ ދާއިރާތަކަށް ގަސް ކާނާ ދިނުމަށް، ގަސްކާނާ ބޭނުންވާ ދާއިރާތަކުގެ މެންބަރުން މަޖިލީހުގެ އަމީންއާންމަށް އެންގުމުން އެ ކަން ހަމަޖެހިގެން ދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ އިދާރާއިން ކޮއްތު ހަމަޖައްސައިދެ އެވެ. މަޖިލީހުގެ ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވި ގޮތުގައި، ޖަލްސާ އޮންނަ ކޮންމެ ދުވަހަކު މަޖިލީހުގެ މެންބަރެއްގެ ކޮއްތަށް 159.87 ރުފިޔާ ޖހެ އެވެ. އެ އަދަދުން ބަލާނަމަ މަޖިލީހުގެ ހުރިހާ މެންބަރުންގެ ކޮއްތަށް 13،900 އަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ އެވެ.