ހަބަރު

އެންމެ ވަރުގަދަ ޕާސްޕޯޓް ލިސްޓުން ރާއްޖެ އެއް ދަރަޖަ ކުރިއަށް

Feb 17, 2020
1

މިއަހަރަށް ދުނިޔޭގެ އެންމެ ވަރުގަދަ ޕާސްޕޯޓުތަކުގެ ލިސްޓުގައި ރާއްޖެ އެއް ދަރަޖަ ކުރިއަށް ޖެހިލައިފި އެވެ.

"ހެންލީ ޕާސްޕޯޓް އިންޑެކްސް" އިން މި ލިސްޓު ތައްޔާރުކޮށްފައިވާއިރު، ޕާސްޕޯޓް ހިފައިގެން ވިސާ އާ ނުލާ ދެވޭ ގައުމުތަކާއި ވިސާ އޮން އެރައިވަލް އަށް ބަލައި ވަނީ އެކި ގައުމުތައް ރޭންކޮށްފަ އެވެ. މިދިޔަ އަހަރު ރާއްޖެ ހިމެނުނީ އެ ލިސްޓުގެ 62 ވަނައިގަ އެވެ.

ނަމަވެސް، މިއަހަރު ދިވެހި ޕާސްޕޯޓް ވަނީ އެއް ދަރަޖަ ކުރިއަށް ޖެހިލައި، ލިސްޓުގެ 61 ވަނަ އަށް ޖެހިލައިފަ އެވެ. އެ ސްޓެޓަސްގައި ރާއްޖެ އޮތީ 85 ޕޮއިންޓާއެކު އެވެ. ޕޮއިންޓު ދީފައިވަނީ ވިސާ ނުލާ ދެވޭ ގައުމުތަކަށް ބަލައިގެނެވެ.

ޖަޕާނާއި ސިންގަޕޫރު މި ލިސްޓުގެ އެންމެ ކުރި ހޯދާފައިވާއިރު ރާއްޖެ ހިމެނޭ ސަރަހައްދުގައި މިއަހަރުވެސް އެންމެ ރަނގަޅު ދަރަޖައެއް ލިބިފައިވާ ޕާސްޕޯޓަކީ ދިވެހި ޕާސްޕޯޓެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޔޫއޭއީ، ރަޝިޔާ، މޮރޮކޯ އަދި ތާއިލަންޑަށްވެސް ވިސާ ނެތި ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ. އަދި މިދިޔަ ހަފްތާގައި، ވިސާއާ ނުލާ ދިވެހިންނަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރެވޭގޮތް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ އަހަރާ އަޅާ ބަލާއިރު، ރާއްޖޭގެ އަވަށްޓެރި ގައުމުތަކުންވެސް ވަނީ އެ ލިސްޓުން ކުރިއެރުން ހޯދައިފަ އެވެ. އެގޮތުން، ސްރީލަންކާ ލިސްޓްގައި ދަރަޖަކޮށްފައި އޮތީ 97 ވަނައިގަ އެވެ. އަދި އިންޑިއާ 84 ވަނައިގައި އޮތް އިރު ބޫޓާން ހިމެނުނީ 89 ވަނައިގަ އެވެ. ޕާކިސްތާނަށް ލިބުނީ ފުލުން ފަސް ވަަނަ އެވެ. އެ ލިސްޓުގައި ރާއްޖެ އުޅެނީ 72 ވަނާގައި އޮތް ދުނިޔޭގެ އެންމެ ބޮޑު އިގްތިސޯދު އަދި އެންމެ ބައިބޯ ޗައިނާއަށް ވުރެ ވެސް ކުރީގައި އެވެ.

އެންމެ ވަރުގަދަ ޕާސްޕޯޓުތަކުގެ ލިސްޓުގެ އެންމެ ފުލުގައި މިއަހަރުވެސް އޮތީ، އަފްޣާނިސްތާން އެވެ. އެ ގައުމުގެ ޕާސްޕޯޓާއެކު ވިސާއާ ނުލާ ދެވެނީ 26 ގައުމަށެވެ.

ރާއްޖޭގައި ކުރިން ބޭނުން ކުރި ޕާސްޕޯޓް ބަދަލުކޮށް އާ ޑިޒައިނަކަށް ޕާސްޕޯޓް ނެރެފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު އެވެ. އަދި، އިމިގްރޭޝަން ރީބްރޭންޑްކޮށް ނެރުނު ޕާސްޕޯޓަކީ ސަލާމަތީ ގޮތުން މިހާތަނަށް ހެދި އެންމެ ވަރުގަދަ ޕާސްޕޯޓު ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.