ވީއޭއާރްގެ ބޮޑެތި ނިންމުންތަކަކާއެކު، މެންޗެސްޓާ ޔުނައިޓަޑް އަތުން 2-0 ން ބަލިވެގެން ދިޔަ ގޮތް އޭނާއަށް ގަބޫލު ނުކުރެވޭ ކަމަށް ޗެލްސީގެ ކޯޗް ފްރޭންކް ލަމްޕާޑް ބުނެފި އެވެ.
ވީއޭއާރް މެދުވެރިކޮށް ނިންމި ނިންމުންތަކާމެދު ލަމްޕާޑް ހުރީ ހިތްހަމަ ނުޖެހިފަ އެވެ. އޭނާގެ އެންމެ ބޮޑު ހިތްހަމަނުޖެހުމެއް ކުރިމަތިވި އެއްކަމަކީ، ޔުނައިޓަޑްގެ ޑިފެންޑަރު ހެރީ މެގްއާރ ގެ ފައިން، ޗެލްސީގެ މިޝީ ބައްޝުއާއީގެ ކުރިމަތި ފަރާތުގައި ޖެހި މައްސަލައަށެވެ.
މެގްއާރ ވެއްޓެމުން ދިޔައިރު އޭނާ އާ ދިމާލަށް ވެއްޓެން ދިޔަ ބައްޝުއާއީގެ ކުރިމަތި ފަރާތުގައި މެގްއާގެ ފައިން ޖެހުނެވެ. ވީއޭއާރް މެދުވެރިކޮށް ބެލުމަށް ފަހު ވެސް ރެފްރީ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
"މެގްއާރ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލަން ޖެހޭނެ،" ލަމްޕާޑް ބުންޏެވެ. "އެއީ ހަމަ ވަރަށް ރަނގަޅަށް އެނގޭ ކަމެއް އެކަމުގެ ސަބަބުން މެޗަށް ބަދަލު އައި، ކާޑު ނުދެއްކުމަކީ ނިންމި ގޯސް ނިންމިނިންމުމެއް، އަހަރެން ވާހަކަ ދެއްކި އެންމެން ބުނަނީ ހަމަ އެހެން.
"ވީއޭއާރް ހުރެމެ އެކަހަލަ ނިންމުމެއް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، ވީއޭއާރްގެ ބޭނުމަކީ އެއް އޭންގަލަކަށް ވުރެ ގިނަ އޭންގަލުން ހާލަތު ދެނެގަތުން، އަހަންނަކަށް ނޭންގެ ދެ ވަނަ ފަހަރަށް ނުބަލަންވީ ސަބަބެއް."
މެޗަށް ފަހު މެގްއާރ ބުނީ އޭނާ ފައި ދިއްކުރީ ބަޝުއާއީ އޭނާގެ ގައި މައްޗަށް ވެއްޓެން ދިއުމުން އެކަމުން ސަލާމަތް ވުމަށެވެ.
ވީއޭއާރުން ނިންމި އަނެއް ނިންމުމަކީ، ޗެލްސީން މެޗުގެ ނަތީޖާ އެއްވަރު ކުރި ލަނޑު ބަލައި ނުގަތުމެވެ. ޗެލްސީން ނެގި ކޯނަރެއްގައި ޒޫމާ ބޮލުން ފޮނުވާލި ބޯޅަ ވީއޭއާރުން ގަބޫލު ނުކުރީ ބޯޅަ ފޮނުވާލުމުގެ ކުރިން އޭނާ ޔުނައިޓަޑްގެ ކުޅުންތެރިޔަކު ކޮށްޕާލަފައި ވުމުންނެވެ.
ޔުނައިޓެޑްގެ ފުރަތަމަ ލަނޑު 45 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެންތޮނީ މާޝިއަލް އެވެ. އާރޮން ވެން ބިސާކާ ނަގައިދިން ހުރަސް މާޝިއަލް ކާޟިޔާބު ކުރީ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ޔުނައިޓަޑްގެ ކޯޗް އޮލޭގަނާ ސޮލްޝަޔާ ބުނީ، ލަނޑު ޖެހުނު ނަމަވެސް އޭނާގެ ޓީމުގެ ފަރާތުން ދެއްކި ކުޅުމާމެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފަރާތުން ސްލޯ ޕާސިން ގޭމެއް ފެނުމުން ސޮލްޝަޔާ ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. ޔުނައިޓެޑްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ބުރުނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުން މެގްއާ އެވެ.