ދަތުރު ފަތުރުގެ ނިޒާމު ފަށަން ހައި ސްޕީޑް 14 އުޅަނދެއް ބަނދެ ފޯރުކޮށްދޭން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ އެދުމުގެ މަތިން 14 ހައި ސްޕީޑް ވެސަލް މެނުފެކްޗާކޮށް، ޓެސްޓްކޮށް އަދި ޑެލިވަރީ ކޮށްދޭން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަން ވާނެ ކަމަށެވެ. އަދި މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދެވޭނެ ކަމަށެވެ.
ހދ. ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން ދާދިފަހުން ކުރިއަށް ގެންދިޔަ "ތިލަދުންމަތި އިރުވައި ކޮންފެރެންސް" ގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މި އަހަރުގެ ތެރޭގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި އޮތް ދަތުރުފަތުރުގެ ނިޒާމުގެ ހިދުމަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ހެދި ނިމިފައިވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ ޕްލޭންގައި ރާވާފައިވާ ގޮތަށް ދަތުރުފަތުރުގެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭތޯ ބެލުމަށް އެ ހިދުމަތް އެންމެ ފުރަތަމަ ފަށާނީ އެންމެ އުތުރުގެ ތިން އަތޮޅު ކަމުގައިވާ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅުގައި ކަމަށެވެ. އަދި ވިދާޅުވީ ޕްލޭންގައި ލަފާ ކޮށްފައިވާ ގޮތަށް ކާމިޔާބު ކަމާއެކު ކުރިއަށްދޭތޯ ފުރަތަމަ ހަ މަސް ދުވަހު ބެލުމަށް ފަހު، އިސްލާހު ކުރަންޖެހޭ ކަންކަން ފަހުން ކުރާނެ ކަމަށެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ލަހުން ދަތުރު ކުރާ ކަނޑުގެ އުޅަނދުފަހަރު ބޭނުން ނުކުރާނެ ކަމަށާއި ބޭނުން ކުރާނީ ހަލުވި ދުވެލީގައި ދަތުރު ކުރެވޭނެ ހައި ސްޕީޑް ލޯންޗު ފަހަރު ކަމަށެވެ. އެ ގޮތުން ބޭނުން ކުރާނީ ގާތްގަނޑަށް 30 މީހުން ޖާގަ ހުންނަ އަދި އެންމެ ދަށްވެގެން ވެސް ގަޑިއަކު 30 ނޯޓިކަލް މޭލަށް ދަތުރުކުރާ އުޅަނދުތައް ކަމަށެވެ.
"އަޅުގަނޑުމެން ނިންމިން ހައި ސްޕީޑް ފްރެކިއުންޓީ ފެރީ ސާވިސްއެއް ގެންނަން. ދެ އިންޖީނުލީ އުޅަނދެއްގައި ޕަޓަޕަޓާގައި ދިވެހިން ދަތުރު ކުރާކަށް ބޭނުމެއް ނުވޭ. އެއަށްވުރެ މާ ހަލުއިކޮށް އުޅެނީ. އެހެންވީމާ އެއަށްވުރެ މާ ހައި ސްޕީޑް ސާވިސްއަށް ވާން ޖެހޭ. އަޅުގަނޑުމެންގެ މިނިމަމް ސްޕީޑަކީ ގަޑިއަކަށް 30 ނޮޓިކަލް މޭލު."
މިނިސްޓަރު އަސްލަމް ކޮންފެރެންސްގައި ހުށަހެޅުއްވި ދަތުރުފަތުރުގެ ނިޒާމުގެ ޕްލޭންގައިވާ ގޮތުން، ތިން ލިންކަކަށް އެ ނިޒާމުގެ ފެރީގެ ދަތުރުގެ ހިދުމަތް ދެވިގެން ދާނެ އެވެ. ފުރަތަމަ ލިންކަކީ އަތޮޅުގައި ހިދުމަތްތައް ހޯދުމަށް ކޮންމެހެން ދަތުރު ކުރަން ޖެހޭ ރަށްރަށަށް ދެވޭ ގޮތަށް އޮންނަ ލިންކެކެވެ. އެ ލިންކްގައި އެ ރަށުން އަނެއްް ރަށަށް އެންމެ ދިގުވެގެން ހޭދަވާނެ ކަމަށް ޕްލޭންގައި ބަލާފައި ވަނީ އެއް ގަޑިއިރު ކަމަށެވެ. ދެން އާންމު ގޮތެއްގައި ހިދުމަތް ހޯދަން ދަތުރު ކުރަން ނުޖެހޭ ރަށްރަށަށް ވެސް ދަތުރު ކުރެވޭ ގޮތަށް ލިންކެއް ގާއިމު ކުރަން ވިސްނާފައިވެ އެވެ. އެ ލިންކްގައި ރަށްރަށަށް ދަތުރުކުރާއިރު އެއް ދުވަހަށް ރަށެއްގައި މަޑުކުރަން ޖެހިދާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެ ލިންކްގައި އެ ރަށުން އަނެއް ރަށަށް ދަތުރު ކުރާން އެންމެ ދިގުވެގެން ހޭދަވާނެ ކަމަށް ބަލާފައި ވަނީ ގަޑިއިރަކާއި 15 މިނެޓް ކަމަށެވެ.