ލައިފްސްޓައިލް

"ހެރީ ޕޮޓާ" އާ ފޮތުގެ މައި ކެރެކްޓާއަކީ އިންޑިޔާ މީހެއް

ޖޭކޭ ރޯލިންގްސް އޭ ބުނީމަ ނޭނގޭނެ ޒުވާނެއް ވަރަށް މަދުވާނެ އެވެ. ސަބަބަކީ މިހާރުގެ ގިނަ ޒުވާނުން ބޮޑެތިވެފައި ތިބޭނީ އޭނާގެ ފެންޓަސީ ވޯލްޑްގައި "ހެރީ ޕޮޓާ" ފޮތްތަކުގެ ތެރޭގައި ކަމަށް ވާތީ އެވެ. "ހެރީ ޕޮޓާ" ގެ އާ ފޮތެއް ނުކުމޭތޯ ކެތްތެރިކަމެއް ނެތި ގިނަ ބަޔަކު އަބަދުވެސް އިންތިޒާރު ކުރެ އެވެ. ހެރީ ޕޮޓާ ފްރެންޗައިސް ފުޅާވެ ފޮތްތަކުން ފިލްމުތަކަށާއި ސްޓޭޖްމަތީގައި ހުށަހަޅައިދޭ ތަމްސީލުތަކުގެ ގޮތުގައި ވެސް ދަނީ ފެންނަމުންނެވެ.

ޖޭކޭ ރޯލިންގްސް ކުރިން ލިޔުނު ބައެއް ފޮތްތައް ލިޔެފައިވަނީ ރޮބަޓް ގަލްބްރިއަތުގެ ނަމުގަ އެވެ. މި ނަމުގައި އޭނާ ލިޔުނު ފޮތްތައް ވެސް ގިނަ ބަޔެއްގެ މަގްބޫލުކަން ހޯދާފައި ވެއެވެ.

ޖޭކޭ ރޯލިންގްސްގެ ލިޔުންތެރިކަމުގެ ކުޅަދާނަކަމުން އޭނާގެ ވާހަކަތަކުގެ ޖާދޫގައި ގިނަ ބަޔަކު ޖެހިފައިވާއިރު އޭނާގެ ވާހަކައެއްގެ އެންމެ މުހިއްމު ކެރެކްޓާއަކަށް ވާން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ މި ފުރުސަތު އިންޑިޔާގެ ބެންގާލްގެ މީހަކަށް މިހާރު ވަނީ ލިބިފަ އެވެ.

އިންޑިޔާގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފުރުސަތު ލިބިފައިވަނީ ގްރޭޑް 10 ވެސް ނުނިންމާ ސްކޫލުން ވަކިވި ނެޓްރާ ޕްރަސާދު ޝަރުމާ ކިޔާ ޒުވާނަކަށެވެ. އޭނާއަކީ ވެސްޓް ބެންގާލްގެ ބުޒާ ޓައިގާ ރިޒާވް ފޮރެސްޓްގައި މަސައްކަތްކުރާ މީހެކެވެ. ރިޒާވް ފޮރެސްޓް ޒޯންގައި ޝަރުމާ މަސައްކަތް ކުރަނީ ޓުއާ ގައިޑެއްގެ ގޮތުގަ އެވެ.

ރޯލިންގްސް ވަނީ ޝަރުމާ އަށް ގުޅައި އޭނާ އަލަށް ލިޔަން ފަށާ ވާޙަކައިގެ އެންމެ މުހިއްމު ކެރެކްޓާއަކަށް އޭނާ ލިޔުމަށް ގަސްތުކުރާ ކަމަށް ބުނެފަ އެވެ.

ޝަރުމާ އަށް މިހާޜު ވަނީ ރޯލިންގްސް ލިޔާ ވާހަކައިގެ 272 ސަފުހާގެ ޑްރާފްޓް އާއި ރޯލިންގްސް އާ ބައްދަލުކުރަން ކެލިފޯނިއާ އަށް ދިއުމުގެ ދައުވަތު ވެސް ލިބިފަ އެވެ.

ޝަރުމާ ބުނި ގޮތުގައި އޭނާގެ ޕާސްޕޯޓް ހައްދައި ވިސާ އެޕްލިކޭޝަން ކަންތަކުގައި ވެސް އެހީތެރިވީ ރޯލިންގްސް އެވެ. އަދި ރޯލިންގްސް އާ ބައްދަލު ކުރުމަށް އަންނަ ޖުލައި މަހު އޭނާ ކެލިފޯނިއާ އަށް ދާން ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށް ވެސް ޝަރުމާ ބުންޏެވެ.

ނެޓްރާޕްރަސާދު ޝަރުމާގެ ވާހަކަ ލިޔަން ރޯލިންގްސް ޝައުގުވެރިވީ ކީއްވެ ހެއްޔެވެ؟ މިއީ ވަރަށް ގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުވާލެކެވެ.

ޝަރުމާ މަސައްކަތްކުރާ ޓައިގާ ރިޒާވް އަށް މީގެ އަހަރެއްހާ ދުވަސްކުރިން އެމެރިކާގެ ކިޔަވާ ކުދިންތަކެއް ޒިޔާރަތްކުރި އެވެ. ވައިލްޑްލައިފް އާ ބެހޭ ގޮތުން ޝަރުމާގެ މައުލޫމާތު މުއްސަނދި ކަމުން އެ ކުދިން ވަރަށް އަޖައިބުވެ ޝަރުމާގެ މޮޅުކަމަށް ތައުރީފުކޮށް ހަދާފައި ވެއެވެ. ޚާއްސަކޮށް ވަލު ޖަނަވާރު އުޅޭނެ ތަންތަން ދެނެގަންނަން އޭނާގެ ސިކުނޑި މަސައްކަތް ކުރާ ގޮތް އެކުދިންނަށް ވަރަށް ކަމުދިޔަ އެވެ.

އެކުދިންނާއެކު ގައިޑަކަށް މަސައްކަތްކުރީ ޝަރުމާ ކަމުން ދަތުރު ނިންމާފައި ދަމުން އެކުދިން ޝަރުމާ އާ ވަކިން އިންޓަވިއު ކުރި އެވެ. ފައިސާގެ ދަތިކަމާހެދި 10 ވަނަ ގްރޭޑްގައި އުޅެފައިވާ ކިޔެވުން ދޫކޮށްލަން ޖެހުނު ގޮތާއި ވައިލްޑް ލައިފް އާއި ނޭޗާ އަށް އޭނާގެ ހިތުގައި އޮތް ލޯބީގެ ސަބަބުން ޓުއާ ގައިޑަކަށް ވީ ކަމަށް ޝަރުމާ އެކުދިންނަށް ދިން އިންޓަވިއުގައި ބުންޏެވެ.

ޝަރުމާ ބުނި ގޮތުގައި އެކުދިން ދިއުމަށްފަހު އޭނާ ވަރަށް ބިޒީވެ ދުވަސްކޮޅަކުން އެކުދިންގެ މައްޗަކުން ހަނދާނެއް ވެސް ނެތެވެ. އެހެން ހުއްޓާ މީގެ ދުވަސްކޮޅެއް ކުރިން ލައުރާ ނަމަކަށް ކިޔާ ކުއްޖެއް އޭނާއަށް ގުޅި އެވެ. ލައުރާ އަކީ އެމެރިކާއިން އައި ކިޔަވާ ކުދިންގެ ތެރޭގައި ހިމެނުނު ކުއްޖެކެވެ.

"ލައުރާ ބުނި ޖޭކޭ ރޯލިންގްސް އަހަންނާ ވާހަކަ ދައްކާލަން ބޭނުމޭ. އަހަރެންނަށް ފުރަތަމަ އެއީ ހަމަ އަސްލު ކޯލެއް ކަމަށް ގަބޫލުކުރަން ވެސް ދަތިވި. ރޯލިންސް ބުނި އެކުދިން އަހަންނާ ކުރި އިންޓަވިއު ބަލާފައި އޭނާ އަލަށް ލިޔާ ވާހަކަ އަހަރެންގެ ހަޔާތުގެ މައްޗަށް ބިނާ ކުރަން ބޭނުމޭ،" ޝަރުމާ ބުންޏެވެ.