ދުނިޔެ

ގުއާޓެމާލާގެ ރައީސް ހައްޔަރުކުރަން އަމުރު ނެރެފި

Sep 3, 2015

މި އަމުރު ނެރުނު އިރު ރައީސް ޕެރޭޒްގެ މައްޗަށް އެތައް މިލިއަން ޑޮލަރެއްގެ ކޮރަޕްޝަން ތުހުމަތުތައް ވަނީ ކުރެވިފައެވެ.

ރައީސް ޕެރޭޒަށް ގައުމުން ބޭރަށް ދިއުން މަނާކޮއްފައިވާއިރު، ޝަރީއަތަށް ހާޒިރުވެ ވަޑައިގަތުމަށް މިހާރު ވެސް ވަނީ އަންގާފައެވެ. ރައީސް ޕެރޭޒްގެ ފަރާތުން ވާހަކަދެއްކި އޮފިޝަލް ވިދާޅުވީ ރައީސް އަދުލުއިންސާފު ގާއިމް ކުރުމުގެ ބާރަށް އިހުތިރާމް ކުރައްވާނެ ކަމަށާއި ސުލްހަވެރިކަމާއިއެކު ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ކޯޓަށް ހާޒިރު ނުކުރެވޭ ގޮތަށް އޮތް އޮތުން އެގައުމުގެ ކޮންގޮރެސްއިން ބަދަލުކުރީ ރައްޔިތުންގެ ޕްރެޝަރާ އެކުއެވެ. އަދި މި ބަދަލާއެކު ނަތީޖާގެ އިންތިޒާރުގައި ކޮންގްރެސްގެ ބޭރުގައި ތިބި ރައްޔިތުން ވަނީ އުފާ ފާޅުކޮށްފަ އެވެ.

ވޭތުވެދިޔަ ހަތަރު މަހެއްހާ ދުވަހު ރައްޔިތުންގެ އެތައް ބަޔަކު ވަނީ ރައީސް ޕެރޭޒް ގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ ކޮށްފައެވެ. ކޮރަޕްޝަންގެ މި މައްސަލަ ގަނޑުގައި ގުއާޓެމާލާގެ ނައިބު ރައީސް އާއި ސަރުކާރުގެ އިސް މަގާމު ތަކުގައި ތިއްބެވި އެތައް ވެރިންނަށް ވެސް ވަނީ އިސްތިއުފާ ދެއްވަން ޖެހި ވަޑައިގެންފަ އެވެ.

މެކްސިކޯއާއި އިންވެގެން އޮންނަ ގުއާޓެމާލާއަކީ މެދުތެރޭ އެމެރިކާގެ އެންމެ އާބާދީ ބޮޑު ގައުމެވެ. އެގައުމުގެ އާބާދީ އަކީ 15.8 މިލިއަނެވެ.