ކުޅިވަރު

ސްޕެއިންގެ އެފްއޭގެ ރައީސްކަމަށް ކަސިއަސް ވާދަކުރަނީ

ސްޕެއިންގެ ރޯޔަލަ ފުޓްބޯލް ފެޑްރޭޝަން (އާރްއީއީއެފް) ގެ އިންތިހާބުގައި އެ އިދާރާގެ ރައީސް ކަމަށް ވާދަ ކުރާނެ ކަމަށް، ސްޕެއިންގެ ލެޖެންޑަރީ ގޯލްކީޕަރު އިކާ ކަސިއަސް އިއުލާން ކޮށްފި އެވެ.

ސްޕެއިންގެ އެފްއޭއިން މާ ކުރިން އިންތިހާބަކަށް ދާން ނިންމީ، މިހާރުގެ ރައީސް ލުއިސް ރުބިއަލެސް އިސްނެގުމުގެ މަތިންނެވެ. އިންތިހާބަކަށް ދާން އޭނާ ނިންމީ ޔޫރޯ އާއި އޮލިމްޕިކް ގޭމްސްގެ ކުރިން އިންތިހާބު ކާމިޔާބު ކުރާ ރައީސް ފެޑްރޭޝަންގެ މަސައްކަތް ފަށަން ޖެހޭނެ ކަމަށް ދެކޭތީ އެވެ.

އެކަމާ ބެހޭގޮތުން ގޮތެއް ނިންމުންމަށް ހުށަހަޅާފައި ވަނީ ސްޕޯޓްސް އާބިޓްރޭޝަން ކޯޓަށެވެ. މި މަސް ނިމުގެ ކުރިން އެކަމާ ބެހޭގޮތުން ގޮތެއް ނިންމާނެ އެވެ އެހެން ކަމުން ބެލެވޭނީ މެއި މަހު ސްޕެއިންގެ ފެޑްރޭޝަންގެ އިންތިހާބު ބާއްވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ޕޯޓޯގެ ޕްރެކްޓިހުގައި ހޭދަ ކުރަނިކޮށް ކަސިއަސްއަށް ޖެހުނު ހާޓް އެޓޭކަކާ ގުޅިގެން އޭނާ އަދިވެސް ހުރީ ފުޓްބޯޅަ ދަނޑާ ދުރުގަ އެވެ. ރަސްމީ ކޮށް ރިޓަޔާމެންޓް އިއުލާން ނުކުރިނަމަވެސް މިހާރު ބެލެވެނީ ކަސިއަސް ފުޓްބޯޅަ ކުޅުން ހުއްޓާލީ ކަމަށެވެ. އެކަމާބެހޭގޮތުން އޭނާ ބުނީ ޕޯޓޯގެ ރައީސްއަށް އެކަމާ ބެހޭގޮތުން އަންގާފައިވާނެ ކަމަށެވެ.

ކަސިއަސްގެ ކެޕްޓަން ކަމުގެ ދަށުން ސްޕެއިން ވަނީ 2010 ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި އޭނާގެ ކެޕްޓަންގެ ދަށުން ޔޫރޯގެ ޗެމްޕިއަންކަންވެސް ދެ ފަހަރު ހޯދި އެވެ. ކަކަސިއަސްގެ ފުޓްބޯޅަގެ ބޮޑު ބައެއް ހޭދަ ކުރީ ރެއާލް މެޑްރިޑްގަ އެވެ. އޭނާ އަކީ އެ ކުލަބުގެ ކުރީގެ ކެޕްޓަންވެސް މެ އެވެ.