ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ކުޅެން އަބަދުވެސް އުނދަގޫ ކަމަށް، އޭއެފްސީ ކަޕްގައި މާދަމާ ހަވީރު ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ނުކުންނަ އިންޑިއާގެ ބެންގަލޫރު އެފްސީގެ ކޯޗް ސްޕެއިންގެ ކާލޭސް ކްއަޑްރާޓް ބުނެފި އެވެ.
ބެންގަލޫރު އެފްސީން ވަނީ އޭއެފްސީ ކަޕްގައި މީގެ ކުރިންވެސް ރާއްޖޭގެ ޓީމު ދެކޮޅަށް ކުޅެފަ އެވެ. މިހާތަނަށް އެ ޓީމުގެ މައްޗަށް ރާއްޖޭގެ ކުލަބަކަށް ކާމިޔާބު ހޯދުނީ 2018 ވަނަ އަހަރު އޭއެފްސީ ކަޕްގައި ނިއު ރޭޑިއަންޓަށެވެ. ކްއަޑްރާޓްގެ ހެޑް ކޯޗު ކަމުގެ ދަށުން ރާއްޖޭގެ ޓީމާ ދެކޮޅަށް އޭނާ މީގެ ކުރިން ނުކުތީ އެންމެ ފަހަރަކު އެވެ. އެއީ 2018 ވަނަ އަހަރު ބެންގަލޫރުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އޭރު މާލޭގައި ކުޅުނު މެޗަށް އޭނާ ޓީމާއެކު މާލެ އައިސްފަ އެއް ނުވެ އެވެ. އެއީ އޭނާގެ ކަކުލަށް ލިބުނު އަނިޔާ އަކާ ގުޅިގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
"ބެންގަލޫރާއެކު އަހަރެމެންގެ ހަނދާންތަކެއް މިހާރުވެސް އެބަހުރި، އަހަރެން ހަނދާންވޭ އަބަދުވެސް (ރާއްޖޭގެ) ޓީމުތަކާ ދެކޮޅަށް ކުޅުނު މެޗުތައް ވީ އުނދަގޫ މެޗުތަކަކަށް،" ބެންގަލޫރުގެ ކޯޗިން ޓީމުގައި 2016 ވަނަ އަހަރުން އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކްއަޑްރާޓް ބުންޏެވެ. "އެ މެޗުތައް އުނދަގޫވާ ސަބަބެއް ކަމަށް ވަނީ އަބަދުވެސް ރާއްޖޭގެ ޓީމުތައް ކުޅެނީ ކޮމްޕެކްޓް ގޭމަކަށް ވާތީ، އަދި ރަނގަޅު ހާލަތުގައި ޓެކްޓިކްސް ބޭނުން ކުރާތީ، އަހަރެމެންނަށް އެނގޭ މާދަމާގެ މެޗުވެސް އުނދަގޫ ވާނެ ކަން، އެހެންނަމަވެސް އަހަރެމެންގެ ކުޅުންތެރިން ތިބީ ރަނގަޅު މޫޑެއްގައި."
ބެންގަލޫރުގައި 2016 ވަނަ އަހަރު މަސައްކަތް ކުރަން ފެށީ ކްއަޑްރާޓް، ބެންގަލޫރުގެ ކުރީގެ ކޯޗް ސްޕެއިންގެ އަލްބަޓް ރޮކާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގައި 2017 ވަނަ އަހަރު މާޒިޔާއާ ދެކޮޅަށް ކުޅުނުއިރުވެސް އޭނާ ހުރީ މާޒިޔާގެ ބެންޗުގަ އެވެ، އޭނާ ވަނީ މާލޭގައި އޭރު މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ހަނދާން އާ ކޮށްފަ އެވެ.
ޕްލޭއޮފް ބުރަށް ބެންގަލޫރު ކޮލިފައިވީ، ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ޕަރޯ އެފްސީ މައްޗަށް 10-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ. ކްއަޑްރާޓް ބުނީ އެއީ ރަނގަޅު ނަތީޖާއެއް ނަމަވެސް މިހާރު އޮތީ ތަފާތު ސްޓޭޖެއް ކަމަށާއި އެހެންވެ އެ ނަތީޖާއިން ލިބޭނެ އިތުރު ހިތްހަމަޖުހުމެއް ނެތް ކަމަށެވެ.
އޭނާ ވަނީ ރާއްޖެއާއި އިންޑިއާގެ ފުޓްބޯޅަ އަޅާ ކިޔާޅަފަ އެވެ. ކްއަޑްރާޓް ބުނީ އިންޑިއާއެކޭ އެއްގޮތަށް ރާއްޖޭގެ ގައުމީ ޓީމުން ރޭންކުގައި މާބޮޑަށް ކުރިއަށް ނުދިޔަ ނަމަވެސް އަބަދުވެސް ފެންނަނީ އިންޑިއާ އާ ދެކޮޅަށް ރާއްޖޭގެ ކުޅޭ މެޗުގައި އިންޑިއާއަށް އަނދަގޫ ކުރިމަތިވާތަން ކަމަށެވެ.
"އިންޓަނޭޝަނަލް ރޭންކިންގައި އިންޑިއާ އެއްވަރަށް ރާއްޖެއިން ކުރިއަށް ނުދިޔަނަމަވެސް އަހަންނަށް ފެންނަނީ ދަނޑުމަތީގައި ވަރަށް ރަނގަޅަށް ރާއްޖޭގެ ޓީމުތަކުން މަސައްކަތް ކުރާތަން،" ކްއަޑްރާޓް ވާހަކަ ދެއްކި އެވެ. "އަދި އަބަދުވެސް އިންޑިއާގެ ގައުމީ ޓީމާ ދެކޮޅަށް ކުޅޭއިރު ރާއްޖޭގެ ޓީމުން އަބަދުވެސް އިންޑިއާގެ ޓީމަށް އުނދަގޫ ކުރިމަތި ކުރާތަން ފެނޭ."
އޭނާ ބުނީ، އިންޑިއާ އަކީ ބޮޑު ގައުމެއް ކަމަށްވުމުން ތަފާތު އެކި ސްޓައިލްގެ ގިނަ ކުޅުންތެރިން ހޯދުމަކީ ފަސޭހަ ކަމެއް ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި ފެންނަނީ އަބަދުވެސް ޓެކްނިކަލީ ރަނގަޅު ކުޅުންތެރިންތަކެއް ކަމަށެވެ.
ކްއާޑްރާޓް ބުނީ މިހާރު އޭނާގެ ޓީމުގެ ހުރިހާ އޭއެފްސީ ކަޕަށް ކަމަށެވެ. އަނިޔާގެ ސަބަބުން އެ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ރާއްޖެ އައިސްފައެއް ނުވެ އެވެ.