މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. އަބޫ އަމީނާ ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގެންނެވުމަށް ނިންމެވުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މީގެކުރިން ވެސް ރާއްޖެ ވަޑައިގެންނެވި ބިލާލްއަށް ދައުވަތު ދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. މިނިސްޓަރު މަހުލޫފް ވަނީ ދައުވަތު ގަބޫލު ކުރެއްވީތީ ބިލާލަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
މަހުލޫފް ވިދާޅުވީ ބިލާލް ވަޑައިގަންނަވަނީ ސުލްހަ އާއި މަސަލަސްކަން ޒުވާނުންނަށް ޕްރޮމޯޓް ކުރައްވައި ދަރުސް ދެއްވަން ކަމަށެވެ.
މީގެކުރިން ބިލާލް ރާއްޖެ ވަޑައިގެން އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ ވެސް ދެއްވި އެވެ. އޭރު ޑރ. ބިލާލް ރާއްޖެ ވަޑައިގެންނެވީ އަމިއްލަ ޖަމިއްޔާއެއްގެ ދައުވަތަކަށެވެ.
މަހުލޫފް، ޑރ. ބިލާލަށް ދައުވަތު ދެއްވާފައިވާތީ އެކަމާ ނުރުހުން ފާޅު ކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ޒުވާނުންނަށް ސުލްހަ އާއި މަސަލަސްކަމުގެ މުހިންމުކަން ބުނެދިނުން މުހިންމު ކަމަށެވެ. ނަމަވެސް ޑރ. ބިލާލްއަކީ އެންމެ ރަނގަޅު މީހެއް ނޫން ކަމަށެވެ. އޭނާއަކީ ހަރުކަށި ފިކުރު ފަތުރައި އަންހެނުންނަށް އަނިޔާވުމަށް ހިތްވަރުދޭ މީހެއް ކަމަށާއި ޑިމޮކްރަސީގެ ވިސްނުމާ ވެސް ދުރު މީހެއްކަން އީވާ ފާހަގަ ކުރެއްވި އެވެ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވެސް ވިދާޅުވީ ޑރ. ބިލާލްއަކީ އެންމެ އެކަށީގެންވާ މީހާ ނޫން ކަމަށެވެ. އޭނާގެ ހަރުކަށި ފިކުރާ ހެދި ބައެއް ގައުމުތަކުން އޭނާ ދިޔުން މަނާކޮށްފައިވާކަން ވެސް އިމްތިޔާޒު ފާހަގަ ކުރެއްވި އެވެ.
ޔޫރަޕްގެ ގިނަ ގައުމުތަކަކުން ޑރ. ބިލާލް ބޭން ކޮށްފައިވާއިރު ސިންގަޕޫރު ވެސް ވަނީ އޭނާ ވަނުން މަނާކޮށްފަ އެވެ.