ހަބަރު

ރަނގަޅު ބޭފުޅުން ވަކިކުރަން ނަޝީދަށް ނޭނގޭނެ: އިޔާޒް

ދީނީ ނަސޭހަތް ރަނގަޅުގޮތުގައި ދެއްވާ ބޭފުޅުންނާ އެ ނޫން ބޭފުޅުން ވަކިކުރަން އެނގިވަޑައިގަންނަވާ ވަރަށް ވުރެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދީނާ ދުރުކަމަށް ވިދާޅުވެ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ނަޝީދަށް ފާޑުވިދާޅުވެއްޖެ އެވެ.

އިޔާޒް، ނަޝީދަށް ފާޑުވިދާޅުވެފައި ވަނީ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. އަބޫ އަމީނާ ބިލާލް ފިލިޕްސް ރާއްޖެ ގެންނަން ނުފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވުމުންނެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިލާލްއަކީ ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައި ނުގަންނަ ކަމަށެވެ. އެ ބޭފުޅާ ރާއްޖެ ގެންނަން ނުފެންނަ ކަމަށެވެ.

ރައީސް ނަޝީދުގެ އެ ޓްވީޓަށް ރައްދު ދެއްވަމުން މި ސަރުކާރުގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް އިޔާޒް ވިދާޅުވީ ދީނީ ނަސޭހަތް ރަނގަޅުގޮތުގައި ދެއްވާ ބޭފުޅުންނާ އެ ނޫން ބޭފުޅުން ވަކިކުރަން އެނގިވަޑައިގަންނަވާ ވަރަށް ވުރެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދީނާ ދުރު ކަމަށެވެ.

"ނޭނގޭ ވާހަކަ ނުދައްކަވާ މަޑުން ހުންނެވޭތޯ ބައްލަވާ. ފަތަށް ވެސް ލުއިވާނީ އެގޮތް." އިޔާޒް ވިދާޅުވި އެވެ.

އިޔާޒް ވަނީ މާފުށީގައި އައުރަނިވާ ނުކޮށް އުޅުނު އަންހެނެއްގެ ދިފާއުގައި މީގެ ކުރިން ރައީސް ނަޝީދު ވާހަކަ ދެއްކެވިއިރު، ދީނީ އިލްމުވެރިއަކު ރާއްޖެ އައުމަށް ދެކޮޅު ހަދަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފަ އެވެ.

"އެ އަންހެން މީހާ އުޅުނު ގޮތަށް ރަށުތެރޭގައި އޮރިޔާމުން ނުހިގާނެތީތޯ؟"

ބިލާލް ރާއްޖެ ގެންނާތީ އުފެދުނު ހިޔާލުތަފާތުވުންތަކާއެކު މިނިސްޓަރު މަހުލޫފް މިރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އުފެދިފައިވާ ސުވާލުތަކާއި އަދި ކަންބޮޑުވުންތަކާއި ގުޅިގެން ކަމާގުޅުންހުރި ބައެއް އިދާރާޔަކުގެ ލަފާ ހޯދުމަށް ބިލާލް ފިލިޕްސްގެ އިވެންޓް މަޑުޖައްސާލާފައިވާ ކަމަށެވެ.