ކުއްލިއަށް ދެލޯ ހުޅުވާލެވުނެވެ. ނޭނގޭ އިޙްސާސްތަކެއް ވުމުންނެވެ. ހަށިގަނޑުގައި މަޑުމަޑުން ތުރުތުރެއް އުފެދެމުން ދިޔައެވެ. އެ ތުރުތުރާއެކު ހަށިގަނޑަށް ލުއިކަން އިޙްސާސްކުރެވެމުން ދިޔައެވެ. މަޑުމަޑުން މައްޗަށް ހިއްލޭކަމަށް ޤަބޫލުކުރެވުނެވެ. އަހަންނަށް ބަލައިލެވުނީ މުބީން އޮތްތޯއެވެ. އޭނާ ގަދަ ނިދީގައި އޮތެވެ.
މުބީންގެ ދެލޯ ހުޅުވައިލިއެވެ. ފޯނު ވައިބުރޭޓްވާން ފެށުމުންނެވެ. ބާލީސް ދަށުން ފޯނުނެގިއެވެ. ދެ ލޯ ކުނާކޮށްގެން އޮވެ ސްކުރީނަށް ބަލައިލިއެވެ. ޗޮކެއް ކަނޑައިލުމަށްފަހު އަހަރެންގެ މޫނަށް ބަލައިލިއެވެ. އޭރު އަހަރެން ރަޖާގަނޑު ދަށުގައި ކުރުގެޅިގެން އޮތްތަން އަހަރެންނަށް ފެނުނެވެ.
އަހަރެންގެ ހިތުގައި ސުވާލުތައް އުތުރި އަރަން ފެށިއެވެ. މުބީންގެ ގާތުގައި އަހަރެން ނިދައިފައި އޮތީމައެވެ. އެހެންވީއިރު މިއީ ކާކު ހެއްޔެވެ؟ އެއީ ކާކުހެއްޔެވެ؟ އެއީ ހަމަ އަހަރެންނެވެ. މިއީވެސް އަހަރެންނެވެ. އެހެންވީ އިރު ދެ އަހަރެން އުޅެނީ ބާވައެވެ؟
ކުއްލިއަކަށް މުބީން އެނދުން ތެދުވިއެވެ. އޭނާ ފޯނަށް ބަލައިލިއެވެ. މަޑުމަޑުން ކުޑަދޮރު ކައިރިއަށް ޖެހިލާ ފޯނު ނެގިއެވެ.
"ހަނާ! ކިތައް ފަހަރު ބުނާނީ ތިޔައީ ރަނގަޅު ކަމެއް ނޫނޭ،" މުބީން ވައިއަޑުން ވާހަކަދެއްކިއެވެ. "ދޮންތަ ވެސް އޮފް ރެއެއްމީ. ދޮންތަ އަށް ތިކަން އެނގިއްޖެނަމަ..."
އަހަރެން ހުރީ މުބީންގެ ފުރަގަހުގައެވެ. އޭނާ ވާހަކަދެއްކީ އަހަރެންގެ ކޮއްކޮ ހަނާއާކަން ޔަޤީންވުމުން ހިތުގައި އެތަކެއް ސުވާލުތަކެއް އުތުރެން ފެށިއެވެ. އެހެންވެ މުބީނަށް ފާރަލުމަށް އަހަރެން ނިންމީމެވެ. އޭނާގެ ހަރަކާތްތަކަށް ފަރުވާތެރިވެގެންނެވެ.
"ހަނާ ޕްލީޒް! ތިހެން ނަހަދާ! އަހަރެން!" މުބީންގެ ރާގު ބަދަލުވިއެވެ. "ހަނާއަށް އެނގޭނެ ތިޔައީ މީހުން ކުރާ ކަހަލަ ކަންތަކެއް ނޫންކަން."
އެކޮޅުން ދެއްކި ވާހަކައެއް އަހަންނަކަށް ނީވެއެވެ. އެހުރި ގޮތަށް މުބީން ކުއްލިއަކަށް ކޮޓަރިން ނުކުންނަން ދިޔައެވެ. ނިދަންލީ ކުރު ސޯޓާއެކު ހުސްގަޔާ ހުރެގެންނެވެ. އެހެންވެ އަހަރެން ވެސް މުބީންގެ ފަހަތުން ނުކުންނަށް ނިންމީމެވެ. މުބީން ނުކުންނަމުން އަހަރެން އެނދުގައި އޮތްތޯ ބަލައިލިއެވެ. މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު ފަރުވާތެރިކަމާއެކު އޭނާ ދޮރު ލައްޕައިލިއެވެ. އަހަރެން ދޮރާހަމައަށް ގޮސް ބަލައިލީމެވެ. އެނދުގައި އަހަރެން އަރާމުކޮށް ނިދައިފައި އޮތެވެ. ހިތުގައި އަނެއްކާ ވެސް ސުވާލުތައް މަތިމައްޗަށް އުކެން ފެށިއެވެ. ސުވާލުތަކަށް ވުރެ ވެސް ބޮޑަށް އަހަރެން ބޭނުންވީ ކުރިމަތީގައިވާ އިމްތިހާނެވެ. މުބީނާ ހަނާގެ ފޯނުކޯލުގެ ސިއްރު ބަލައިލާށެވެ. އެހެންވެ އަހަރެން ދޮރު ހުޅުވާލަން އަތް ދިއްކޮށްލީމެވެ. ދޮރެއް ނުހުޅުވުނެވެ. ތަޅުގައި އަތްލިޔަސް ތަޅު އަނބުރައެއް ނުލެވުނެވެ. ފާރުގައި ހުރި ގަޑިއަށް ބަލައިލެވުނެވެ. ބާރަ ޖެހިގޮތަށް ގަޑި ހުރީ ހުއްޓިފައެވެ.
އަވަސް އަވަހަށް ދޮރުހުޅުވޭތޯ ބެލީމެވެ. މަޑުމަޑުން ދޮރުގައި އަތްޖައްސައިލީމެވެ. ދޮރުފަތަކު އަތެއް ނުޖެހުނެވެ. ދޮރުފަތުގެ ތެރެއަށް އަތް ވަދެގެން ދިޔައީއެވެ. ލިބުނު ހައިރާންކަމާއެކު އަނެއް އަތްވެސް ދޮރުފަތުގައި ޖައްސައިލީމެވެ. އެއަތް ވެސް ދޮރުފަތުގެ ތެރެއަށް ވަދެގެން ދިޔައީއެވެ. އަހަރެން ބޭނުންވީ ޔަޤީންކޮށްލާށެވެ. އެހެންވެ އެހުރިގޮތަށް ދޮރާ ދިމާއަށް ދިޔައީމެވެ. އެއްވެސް އަޅައިގަތުމަކާ ނުލައި ދޮރުފަތް ފޫއަޅުވާލައިފައި އަހަރެންނަށް ކޮޓަރިން ބޭރަށް ނުކުވުނެވެ. ފަހަތް ބަލައިލެވުނީ ދޮރުފަތް ހަލާކުވެފައި ހުރިތޯ ބެލުމަށެވެ. އެއްވެސް ގެއްލުމެއް ނުވެއެވެ. މަޑުމަޑުން ސިޑިން ފޭބުމަށް ނިންމީ އުފެދެމުން ދިޔަ ސުވާލުތައް އެއް ފަރާތްކޮށްލާފައެވެ.
އަހަންނަށް ސިޑިން ފޭބުން އުނދަގުލަކަށް ނުވިއެވެ. އެއްވެސް ފިޔަވަޅެއް ނާޅަނީސް ހުރެވުނީ ބޮޑު ކޮޓަރީގައެވެ. ކައްކާ ބައިގައެވެ. އައިސް އަލަމާރީގެ ދޮރުފަތުން ނުލެއްޕި ހުރި ދޭތެރެއިން ރީނދޫއަލިކަން ބޭރަށް ނުކުމެފައި ހުއްޓެވެ. ފެންފުޅިއެއްގައި މަތި ނެގިގޮތަށް ފުޅީގެ މަތި ނުޖަހާ މޭޒުމަތީގައި ހުއްޓެވެ. މޭޒާ ދެތިން ފޫޓު ދުރުގައި ފަހާފޮށީގެ ކަތުރު ވެއްޓިފައި އޮތެވެ. ކަތުރުގެ ކޮޅުގައި ލޭ ހުއްޓެވެ. ލޭ ތިކިތައް ރޮނގެއްގެ ގޮތުގައި ހަނާގެ ކޮޓަރިއާ ދިމާއަށް މުށިގަނޑުމަތީ ދިގުދެމިފައި ހުއްޓެވެ.
ދެ މީހަކު ވާހަކަދައްކާއަޑު އަހަންނަށް އިވުނެވެ. އެހެންވެ ހަނާގެ ކޮޓަރިއާ ދިމާއަށް ބަލައިލެވުނެވެ. އަޑު އަންނަނީ އެދިމާއިންނެވެ. ހަނާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހަން ހިތަށް އެރިއެވެ. ހަމަ ސިކުންތުގައި ޚިޔާލު ބަދަލުވިއެވެ. އަހަރެން މި އައީ ކީއްކުރަންބާއޭ ހިތަށް އެރިއެވެ.
މަޑުމަޑުން ހަނާގެ ކޮޓަރީގެ ތެރެއަށް ދޮރުފަތުގެ ތެރެއިން ދެމިގަތީމެވެ. އެއްވެސް ޖެހިލުމެއް ނެތިއެވެ. ސުބުޙާނަﷲއެވެ. ހަނާގެ އަތުން ލޭތައް ތިކިޖަހަމުން ދަނީއެވެ. މުބީން އިނީ ލޭތައް ސާފުކުރާށެވެ.
"ހަނާ ނުވާނެ މިކަހަލަ ކަންކަން ކުރާކަށް! ތިޔައީ ނުވިސްނޭ ކުޑަކުއްޖެއް ނޫނެއްނު!" މުބީން މަޑުމައިތިރިކަމާއެކު ވިސްނައިދެވޭތޯ އުޅުނެވެ. ކަނޑައިގެން ގޮސްފައިވާ ތަންތަނުން އަންނަމުން ދިޔަ ލޭތަށް ސާފުކުރަމުންނެވެ.
ހަނާގެ މޫނުމަތިން ލާނެތް ހިނިތުންވުމެއް ފާޅުވަމުން ދިޔައެވެ. ދެވަނަ ސިކުންތުގެ ތެރޭގައި އޭނާގެ ހިނިތުންވުން ބަދަލުވިއެވެ.
"މުބީންއަށް އެނގޭނެ އަހަރެން މުބީން ދެކެ އިންތިހާއަށް ލޯބިވާކަން. މުބީންއާ ނުލައި އަހަރެންނަކަށް އުފަލެއް ނެތްކަން،" ހަނާއަށް ގިސްލެވެން ފެށުނެވެ. "އަހަރެންނަށް ހެޔޮ ދޮންތައަށް ކޮންމެ ގޮތެއްވިޔަސް. މުބީން ދެކެ އެންމެ ފުރަތަމަ ލޯބިވެވުނީ އަހަންނަށް. ދޮންތައަކަށް ނޫން!"
އަހަރެން ގާތަށް ރުޅިއާދެވުނެވެ. ބާރުބާރަށް ހަޅޭއްލަވަން ބޭނުންވިއެވެ. ހަނާގެ މޫނުމަތީގައި ޖަހަން ހިތަށް އެރިއެރިއެވެ. ނަމަވެސް ވާނުވާ ބަލަން ބޭނުންވިލެއް ބޮޑުކަމުން ހަނުހުރެވުނީއެވެ. އެތެރެހަށީ ހޫނުވަމުންދިޔަ ރުޅިވެރިކަން ހިފަހައްޓައިލައިގެންނެވެ.
"މުބީން! ޕްލީޒް އަހަރެންނާއެކު މިރޭ މަޑުކޮށްލަދީ. އަހަރެން ބޭނުމީ މުބީން. އަހަންނަކަށް ދެނެއް ކެތެއް ނުވާނެ. އާދެސްކޮށްފަ! އަހަރެންނަށް ތިހެން ނުހަދާ." މުބީންގެ ކޮނޑުގައި ހަނާ އެލިގަތެވެ. އޭރު ހަނާގެ އަތުގައި މުބީން ބޭސް އަޅައި ނިމުނީއެވެ.
"ހަނާ މޮޔަވީތަ؟" މުބީން ހަނާ ފޮޅުވައިލިއެވެ. "ކިތައްފަހަރު ބުނާނީ އަހަރެން ހަނާދެކެ ލޯތްބެއް ނުވަމޭ. ނުވަމޭ ނުވަމޭ. ދެން އަމިއްލަ ހަށިގަނޑަށް ގެއްލުން ދީގެން އަހަރެންގެ ގެންނަން ނޫޅޭތި. އަހަރެން ނާންނާނަން."
"ހެވޭ! އަހަރެން މުބީން ދެކެ ލޯބިވެޔޭ. އެ ނިމުނީނު. އަހަރެންގެ ފުރާނައަށްވުރެ ބޮޑަށް އަހަރެން މުބީންދެކެ ލޯބިވަމޭ." ހަނާ ރުޅި ގަދަވިއެވެ. "މުބީން ވެސް އަހަރެންދެކެ ލޯބި ނުވާނަމަ މި ތަނަށް މިގަޑީ ނާންނާނެ! ތި އުޅެނީ ނޫން ކަމަށް ހެދިގެން."
"ތިޔައީ އަހަރެންގެ ކުށެއްނޫން! ހަނާ އަހަރެންދެކެ ލޯބިވުމަކީ އަހަރެން ހަނާ ގާތަށް އަންނަން ޖެހޭ ކަމެއްވެސް ނޫން،" މުބީން ހިތްހަމަ ނުޖެހި ރުންކުރުވިއެވެ. "އަހަރެން މިރޭ މިގަޑީގައި ނިދި ހަރާބުކޮށްލައިފައި މިތަނަށް މިއައީ އިންސާނިއްޔަތަށް ޓަކައި! އަހަންނަކީ އިންސާނަކަށްވާތީ. އިންސާނީ ވާޖިބެއް އަދާކުރަން! ފަހަރެއްގަ ވެސް ހަނާގެ ތިޔަ ފަތަރާސީކަން ދެކޭކަށް ނޫން. އިވިއްޖެތަ؟"
މުބީން ހިނގައިގަތީ ދޮރާ ދިމާއަށެވެ. ހަނާ މުބީންގެ އަތުގައި ހިފައި ދަމާގަތެވެ. މުބީން ރުޅި ގަދަވިއެވެ. އަތްފޮޅުވާލިއެވެ. ކުއްލިއަކަށް ހަނާ ވެއްޓުނެވެ. އެނދުގެ ކަނުގައި ނިތްކުރި ޖެހުނެވެ. ހަނާ ރޯންފެށިއެވެ. މުބީން ފަހަތް ބަލައިލިއެވެ. އޭނާގެ ޚިޔާލު ބަދަލުވިއެވެ. ހަނާ ގާތަށް ތިރިވިއެވެ. މަޑުމަޑުން ހަނާ ނަގައިގަތެވެ. ނިތްކުރިން ލޭތައް ފޭދެމުން ދިޔައެވެ.
އަހަރެން ވެސް ގޮސް ހަނާގެ ގާތުގައި އިށީނީމެވެ. އޭނާގެ ބޮލުގައި ފިރުމަން ބޭނުންވެގެންނެވެ. ވިސްނައިދޭން ގަސްތުކޮށްގެންނެވެ.
"ހަނާ ކޮއްކޯ! ޕްލީޒް މުބީނަށް ތިހެން ނުހަދާ. ދޮންތައާ މުބީން ދުރުކުރުވަން ނޫޅޭ،" އަހަންނަށް ގިސްލެވެން ފެށުނެވެ. "އަހަރެންގެ ހުރިހާ ވެސް މީހަކީ މުބީން. އަހަރެންގެ ދިރުމަކީ އެއީ. އަހަރެންގެ ވިންދަކީ އެއީ. ކޮއްކޮ އަހަރުމެންގެ މެދަށް ނުވަދޭ. ދޮންތަ އާދޭސް ކުރަން. ކޮއްކޮ ތިޔައީ ރީތި ކުއްޖެއް. ފުރިހަމަ ކުއްޖެއް! ކޮއްކޮއަށް މުބީނަށް ވުރެ މާ ރަނގަޅު މާ ރީތި ކުދިން ލިބޭނެ. ދޮންތަ އަބަދުވެސް ބުނަމެއްނު ކޮއްކޮގެ ޕްރިންސް އަންނާނޭ ހުދު އަހެއްގައި ކޮއްކޮ ބަލައި. އެދުވަހަށް އިންތިޒާރު ކުރާށޭ!. ކޮއްކޮއަށް ވެސް އެނގޭނެ ދޮންތައާ މުބީން ފިޔަވައި ކޮއްކޮގެ އެހެން މީހަކު މި ދުނިޔޭގަ ނެތްކަން. މުބީނާ ދޮންތައާ ވަކިވެއްޖެނަމަ އަހަރުމެން ޔަތީމުވާނެކަން."
މުބީނަށް އަހަރެންގެ ގިސްލުން އިވޭހެން ހިޔެއް ނުވެއެވެ. އޭނާ އުޅުނީ ހަނާގެ ނިތްމަތީގައި މަލަން އަޅާށެވެ. ހަނާ އޮތް ގޮތަށް އޮތީއެވެ. އޭނާ ނޭވާލައެވެ. ހިންދިރުވައެވެ. މުބީން އަވަސް އަވަހަށް މަލަން އަޅައި ކޮޓަރިން ނުކުމެވޭތޯ ބެލިއެވެ. ތަޅުގައި އަތްނުލަނީސް ހަނާ ލޯ ހުޅުވާލިއެވެ.
"ދޭ. ދޭ! މާދަމާއަކީ ހުރިހާ ކަމެއް ފަޅާ އަރާނެ ދުވަސް. އަހަރެންނަށް ތިހެން ހަދައިފަ އުފަލަކު ނޫޅެވޭނެ. މިރޭ އަހަރެންނަށް ތިޔަ ދިން އަނިޔާގެ ބަދަލު ހިތި ގޮތަކަށް ނޫނީ ނުފެންނާނެ." ހަނާ ރުޅިގަދަވިއެވެ. ބާރުބާރަށް ހަޅޭއްލަވައިގަތެވެ.
މުބީން ޚިޔާލު ދެކަފިވިއެވެ. ފަސް އެނބުރި ބަލައިލިއެވެ. މަޑުމަޑުން އެނދުގައި އިށީނެވެ. އަހަރެންނާ ދިމާއަށް ބަލައިލިހެން ވެސް ހީވިއެވެ. ހަތަރުކަޅި ހަމަ ކުރަން ނުކެރުނީ ކަންނޭނގެއެވެ.
"ހަނާ! އާދޭސްކޮށްފަ ބުނަން. ލޯތްބަކީ ގަދަބާރުން ހޯދާއެއްޗެއް ނޫން. ލޯތްބަކީ ލިބިގަތުމެއް. ދެނެގަތުމެއް. އިހުސާސްކުރުމެއް. ލޯބި ހޯދުމަށް އެއްވެސް ނަފުސަށް ގެއްލުމެއް ނުދޭނެ،" މުބީން ލަސްލަހުން އޮޅުން ފިލުވައިދިނެވެ. "އަހަރެން ދޫކޮށްލާ. އަހަރެން ދެކެނީ ހަނާ ތީ އަހަރެންގެ ވެސް ކޮއްކޮއެއްގެ ގޮތުގަ. ތިޔައީ ޒޭނާގެ ކޮއްކޮއަށްވީތީ. އަހަރެން ލޯބިވަނީ އަދި ވާނީ ވެސް ޒޭނާދެކެ."
"އަހަންނަށް ހެޔޮ ދެ އަނތްބަށް ވިޔަސް. އަހަރެން ބޭނުމީ މުބީން." ހަނާ ގިސްލެވުން އިތުރުވިއެވެ. ހޯސްލާފައި ދެލޮލުން ކަރުނަތައް ފައިބައިގަތެވެ.
"ހަނާ މޮޔަވީތަ؟ ހަނާއަށް ތިޔަ ކިޔޭ އެއްޗެއް އެނގޭތަ؟" މުބީން ކޮޅަށް ތެދުވެ ދަތްކުނޑި ވިކައިގަތެވެ. ހަނާއާ ދިމާއަށް އަތްމަޅައިގަތެވެ.
"މުބީން ޕްލީޒް ކޮއްކޮއަށް އަނިޔާއެއް ނުދޭތި. އެއީ އަހަރެން ވަރަށް ލޯބިވާ ކޮއްކޮއެއް." ބޭއިޚްތިޔާރުގައި އަހަންނަށް ބުނެލެވުނެވެ. ނަމަވެސް މުބީނުގެ ކަންފަތާހަމައަށް އެ އަޑު ދިޔަހެން ހިޔެއް ނުވެއެވެ.
"ކުރެވޭ ކަންކަމާ ކިޔޭ އެއްޗަކާ ނޭނގިގެން މިއުޅެނީ މަށަށްތަ؟" ހަނާ މުބީން ކުރި މައްޗަށް ހުއްޓުނެވެ. "އެރޭ މުބީން އަހަންނަށް އެހެން ނުހެދިނަމަ... އަހަރެން ގާތު އެ ވާހަކަ ނުދެއްކިނަމަ މިއަދު މިހެން ނުވީސް!"
"އަހަރެން ބުނީމެއްނު އެއީ އޮޅުމެކޭ. ނޭނގިގެންވީ ކަމެކޭ. އަހަރެން ގަސްތުގައި ކުރިކަމެއް ނޫނޭ!" މުބީން ހިމޭންވިއެވެ. އަޑުމޮޅިވެ ރާގު ބަދަލުވިއެވެ.
"ހުރިހާ ކަމެއް ވެސް އޮޅިގެން. ކުރާނެހާ ކަމެއް ކޮށްފަ މަތިޖަހަން އޮންނަ ބަހަކީ ސޮރީ. ކަލޭމެން ފިރިހެނުންނަށް ހީވަނީތަ އަންހެނުންނަކީ ކުޅޭކުޅޭ ބައެކޭ؟"
"އަހަރެން ފަހަރެއްގައި ވެސް ތިހެން ނުބުނަންދޯ." މުބީން އިސްޖަހައިލިއެވެ. "އަހަރެން ބުނީ އަހަރެން ހީކުރީ ޒޭނާ ކަމަށޭ. އަހަންނަކަށް ހަނާއެއް އޭރަކު ނޭނގޭ. އަހަރެން ހަމައެކަނި ދަންނަނީ ޒޭނާ. ޗެޓުކުރިޔަސް ބައްދަލެއް ނުކުރަން. އެހެންވެ އެރޭ ޒޭނާ ކަމަށް ހީކޮށް އަހަރެންގެ ހިތްބަންޑުން ކޮށްލެވުނީ. އެހެން ނޫނަސް އަހަރެން ގޯސްކަމެއް ނުކުރަން. ފާފައަކަށް އަރައެއް ނުގަންނަން."
"ހުއްޓާލާ ހުއްޓާލާ!" ހަނާ އަޑުފަޅައިގެން ދިޔައެވެ. "މުބީން އެރޭ އެގޮތަށް އަހަރެންނާ މެދު ކަންކަން ނުކުރިނަމަ އަހަރެން ހިތުގައި މި އިހްސާސްތަކެއް ހޭނުލީސް. އަހަރެންނަށް މުބީނާމެދު ސަމާލުކަމެއް ނުދެވުނީސް. މުބީންގެ ފަރާތުން ދެވަނަ ފަހަރަށް އެ ބީހުންތަކަށް ހިތެއް ނޭދުނީސް. މަލަކަށް މާބުރެއް ތިރިކޮށް ފުރަތަމަ ކުރާނެ ހުރިހާ ކަމެއް..."
މުބީން ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ. ލަދުވެތިކަމާއެކު އިސްޖަހައިގެން ހުރެއެވެ. އޭރު ހަނާ މަޑުމަޑުން ގިސްޖެހެމުން ގިސްޖެހެމުން ގޮސް އެނދުގައި އިށީނެވެ.
އަހަންނަށް މަންޒަރުބަލަން ހުރެވުނީއެވެ. މުބީންގެ ފަހަތުން ދާންވީކަމެއް ހަނާ ގާތަށްގޮސް ނަސޭހަތް ދޭންވީ ކަމެއް ނޭނގުނެވެ. މުބީން ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ. ހަނާ ގިސްލުން އިތުރުވިއެވެ. ބާލީހުގައި ބައްދައިގެން އޮވެ ރޯންފެށިއެވެ. މަޑުމަޑުން ހަނާގެ ގާތަށް އަހަރެން ދިޔައީމެވެ. އޭނާއަށް ނަސޭހަތްދޭން އަހަރެން ބޭނުންވިއެވެ. އަހަންނަށް ހުރިހާ ކަމެއް ވިސްނޭތީއެވެ. އެކަމުގައި މުބީންގެ އެއްވެސް ކުށެއް ނެތީމައެވެ. ކުއްލިއަކަށް ހަނދާންނަށް އައީ މުބީން ކޮޓަރިއަށް ގޮސް އަހަރެން ހޯދަން އުޅޭނެކަމެވެ. އެހެންވެ އަވަސްއަވަހަށް ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހީމެވެ. އޭރު މުބީން ސިޑިން އަރަމުން ދިޔައެވެ. އަހަރެން ބޭނުންވީ މުބީނަށްވުރެ ކުރިން ކޮޓަރިއަށް ވަންނާށެވެ. ދެވަނަ ތަޖުރިބާއެއް ކޮށްލާށެވެ.
އެހެންވެ ސިޑިމަތީ ހުރި މުބީންގެ ފަހަތުގައި ހުއްޓިލީމެވެ. މުބީން ފަހަތް ބަލައިލިއެވެ. އަހަރެންގެ ހިލަމެއްވީ ކަންނޭނގެއެވެ. މުބީންގެ ބުރަކަށީގައި ލެނގިލީމެވެ. އޭނާއަށް އަހަރެންގެ އިޙުސާސެއްނުވިއެވެ. އަހަރެން މުބީންގެ ބުރަކަށީ އިނގިލި ޖައްސައިލީމެވެ. ހަށިގަނޑުގެ ތެރެއަށް އިނގިލިވަދެގެން ދިޔައެވެ. އަހަރެން ބޭނުންވި ކަންތައް ޔަޤީންވިއެވެ. މުބީންގެ ހަށިގަނޑުގެ ތެރެއިން ފުރޭނިގެން އަހަރެން އޭނާގެ ކުރިމައްޗަށް ނުކުތީމެވެ. އެކަން އޭނާއަށް ރޭކާ ވެސް ނުލިއެވެ. ކޮޓަރި ތެރެއަށް ވަދެ އެނދާ ދިމާއަށް ބަލައިލީމެވެ.
އަނެއްކާ ވެސް އެއްކަލަ ސުވާލުތައް ތަކުރާރުވާން ފެށިއެވެ. އޭރު އަހަރެން ރާޖާގަނޑުގެ ދަށުގައި އަރާމުކޮށް ނިދާފައި އޮތެވެ. އެނދުގައި އޮތް އަހަރެންގެ ގާތަށް ގޮސް، އަހަރެންގެ ބޮލުގައި އަތްޖައްސައިލީމެވެ. އިހުސާސެއް ނުވިއެވެ. އަހަރެންގެ މޫނުގައި ދެ ފަހަރަކު ޖަހައިލީމެވެ. ހިލަމެއް ވެސް ނުވިއެވެ. އެއީ އަނެއްކާ އަހަރެންބާވައެވެ. ނޫނީއެއީ އަހަރެންގެ ސިފައިގައި އޮތް ޖިންނިއެއް ބާވައެވެ. ކޮންމެ ގޮތެއްވިޔަސް އެކަން މިހާރު ޔަޤީންކުރަން ވެއްޖެއެވެ.
އެހެންވެ އަހަރެން އަމިއްލަ އިނގިލީގައި ދަތްއެޅީމެވެ. ތަދެއް ނުވިއެވެ. ކޮޅަށް ތެދުވީމެވެ. ބިންމަތީގައި ފައިތިލަ ޖެހޭތޯ ބަލައިލީމެވެ. ސުބުހާނަﷲއެވެ. އަހަރެންގެ ފައިތިލަ ބިމުގައި ނުޖެހެއެވެ. އަހަރެން ހަށިގަނޑަށް ބަލައިލީމެވެ. އަތްތިލައި ބަނޑުފުށް ބަލައިލީމެވެ. ތަފާތަކީ ހުދުކަން ގަދަވުމެވެ. އިތުރު ތަފާތެއް ނުފެނެއެވެ. މިހާރު ޔަޤީންވެއްޖެއެވެ. ބާލީސް ކައިރިއޮތް ފޯނުގެ ގަޑި ބަލައިލީމެވެ. އޭރު ގަޑިން ފަސްގަޑި ފަނަރަވަނީއެވެ.
ކޮޓަރީގެ ތަޅު އަނބުރައިލިއެވެ. އަވަސް އަވަހަށް ރަޖާގަނޑުގެ ދަށަށް އަހަރެންވަނީމެވެ. ނިދާފައި އޮތް އަހަރެންގެ ގައިމަތީގައި އަހަރެން އޮތް ގޮތަށް އަހަރެން އޮށޯތީމެވެ. ނިދާފައި އޮތް އަހަރެންގެ ހަށިގަނޑުގެ ތެރެއަށް އަހަރެން ފޭދިގެން ދިޔައެވެ. ކުއްލިއަކަށް ލޯ ހުޅުވާލީމެވެ. އޭރު މުބީން ފާޚާނާއިން ނުކުންނަނީއެވެ.
"ޒޭނާ ހޭލާދެން ބަންގި ވެސް ގޮވައިފި." މުބީން އަހަރެންނަށް ބަލައިލިއެވެ.
އަހަރެންނަށް ބަލައިލެވުނީ މުބީންގެ މޫނަށެވެ. މޫނުމަތިން ހާސްކަން ފާޅުވަމުން ދިޔައެވެ. ހަމަ އެވަގުތު އަހަރެން ބޭނުންވީ ޔަޤީންކުރާށެވެ.
"އެބަ އަންނަން ވަރަށް ފެންބޮވައިގެންފި! މިއަންނަނީ އައިސް ފެންފޮދެއް ބޮއެގެން." އަހަރެން ބޭނުންވީ ބޭރަށް ނުކުންނާށެވެ.
ފުރަތަމަ ވެސް ބަލައިލީ ފާރުގައި ހުރި ގަޑިއަށެވެ. ބާރަޖެހި ގޮތަށް ގަޑި ހުރީ ހުއްޓިފައެވެ. ހިތުގައި ބިރުވެރިކަން ހިލިގަތެވެ. މަޑުމަޑުން ސިޑިން ފޭބީމެވެ. އައިސް އަލަމާރީގެ ދޮރު ހުރީ ލައްޕާފައެވެ. މޭޒުމަތީގައި ފަސްޓު އެއިޑް ފޮށީގެ މަތި ނެގިގޮތަށް ހުއްޓެވެ. މޭޒާ ދެތިން ފޫޓު ދުރުގައި މުށިގަނޑުމަތީގައި އޮތް ފަހާފޮށީގެ ކަތުރު އެ އޮތް ގޮތަށް އޮތެވެ. ކަތުރުގެ ކޮޅުގައި ލޭ ހުއްޓެވެ. މުށިގަނޑު މަތީގައި ލޭތިކިތައް ހުއްޓެވެ. ހަނާގެ ކޮޓަރިއާ ދިމާއަށެވެ. މަޑުމަޑުން ހަނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީމެވެ.
ދޮރު ހުރީ ތަޅު ނުލައެވެ. ދޮރު ހުޅުވައިލީމެވެ. ހަނާ ބާލީހުގައި ބައްދައިގެން ރޯން އޮތްގޮތަށް އޮވެ ނިދާފައި އޮތެވެ. އަހަރެން ބަލައިލީ އޭނާގެ މުލައްދަނޑިއަށެވެ. ހުދުކުލައި ގޯޒްފޮތި އޮޅައިފައި އޮތެވެ. ނިތްމަތީ މަލަން އަޅައިފައި ހުއްޓެވެ.
އެއީ ހުވަފެނެއް ނޫނެވެ. އެހެން ނޫންނަމަ މި ހުރިހާ ކަމެއް ދިމާނުވީހެވެ. ބިރުން ހުރެ ދޮރުފަތް ލައްޕައިލީމެވެ. ސިއްސައިގެން ހަޅޭއްލަވާގަނެވުނެވެ. އެކަމަކު އަޑެއް ބޭރެއް ނުވިއެވެ. މުބީން އަހަރެންގެ އަނގަމަތީގައި އަތްއެޅީއެވެ.
"އަހަރެން ވަރަށް ބިރުގަނޭ." އަހަރެން މުބީންގެ މޭގައި ލެނގިލީމެވެ.
"ކިހިނެއްވީ؟" މުބީން އަހަރެންގެ ބޮލުގައި ފިރުމައިލިއެވެ.
"ސޮރީ! އެރޭ އެހެންވީ އަހަރެންގެ ސަބަބުން. އަހަރެން މުބީނަށް ލަނޑެއް ދޭންވެގެން ހަނާ އެތަނަށް ފޮނުވީ. އަހަރެންގެ ހެދުމެއް ހަނާ ލައްވާފަ. ހަނާއަކަށް ނޭނގޭނެ މުބީންއާ އަހަރެންނާ ދެމީހުން އެފްބީން ވާހަކަދައްކާ ކަމެއް،" އަހަރެން މުބީންގެ ގައިގައި އޮޅުލައިގަނެގެން ހުރެ ވާހަކަދެއްކީމެވެ. "ހަނާއާ އަހަރެން ވައްތަރު ކަމުން މީހުންނަށް ވަރަށް އޮޅޭނެ. އަހަރުމެން މީހުންނަށް ވަރަށް ލަނޑުދެން. ވަރަށް ޖެއްސުން ވެސް ކުރަން. ވަރަށް މަދުބަޔަކަށް އޭރު އެނގެނީ އަހަރެންނާ ހަނާ މީ އެއްމާބަނޑު ދެބެންކަން. ކުރިން މުބީނަށް މި ވާހަކަ ކިޔައިދޭން ނުކެރުނީ."
"ކޮންކަމެއް؟" މުބީން ހައިރާންކަމާއެކު ސުވާލުކުރިއެވެ. އަހަރެންގެ ދެ ކޮނޑުގައި ހިފައި މޫނަށް ބަލައިލިއެވެ.
"އަހަރެންނަށް ހުރިހާ ކަމެއް ފެނިއްޖެ! އަހަރެން ކުރިމަތީގައި މުބީން ހަނާގެ ކިބައިން ސަލާމަތްވާން ކުރި ހުރިހާ ކަމެއް ފެނިއްޖެ." އަހަރެންނަށް ގިސްލެވެން ފެށުނެވެ.
"އޭނ. ކީކޭ؟" މުބީން ހާސްވިއެވެ.
"އާނ! އަހަރެން ކޮޓަރީގައި ހުރިން." އަހަރެން ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ.
"އެކަމަކު! ޒޭނާ އޮތީ ނިދައިފައިއެއްނު. އަހަރެން ނުކުތްއިރު ވެސް؟ އަހަރެން ވަން އިރުވެސް؟ ދެން؟" މުބީނަށް ޤަބޫލެއް ނުކުރެވުނެވެ.
"އަހަންނަކަށް ނުވިސްނޭ. އަހަރެން ވެސް ހިތަށް އަރަނީ ހަމަ ތި ސުވާލު. އަހަރެން ހީކުރީ ހުވަފެނެއް ކަމަށް. އެހެންވެ ޔަޤީންކުރަން މިއައީ ވެސް،" އަހަރެންގެ ހިތުގައި ބިރުވެރިކަން އުތުރިގަތެވެ. "މުބީނަށް އަހަރެން ނުފެނުނުތަ؟ މުބީންގެ ހަށިގަނޑު ތެރެއިން އަހަރެން ދިޔައިރު ވެސް ނޭނގުނުތަ؟"
"ހިނގާ ކޮޓަރިއަށް ދަމާ. މާބޮޑަށް ބިރު ނުގަނޭ. ތިޔަ ވީ ގޮތެއް ހޯދޭނެ. އަހަންނަށް ކުޑަކޮށް ޝައްކުވެއްޖެ." މުބީން އޯގާތެރިކަމާއެކު އަހަރެންގެ ބުރަކަށީ ފިރުމައިލިއެވެ.
މުބީން ކޮޓަރިއަށް ވަދެ ފޯނު ނެގިއެވެގޫގަލް ހުޅުވާލިއެވެ. ގޫގަލްގައި އޯ އޯ ބީ އީ ލިޔެލިއެވެ. މަޑުމަޑުން އަހަރެންނަށް ލެޕުޓޮޕް ދައްކައިލިއެވެ.
'އައުޓް އޮފް ބޮޑީ އެކްސްޕީރިއަންސް' ކިޔާ ލިޔުމެކެވެ. ދުނިޔޭގެ އާބާދީގެ ތެރެއިން ދިހަ އިންސައްތަ މީހުން ތަޖުރިބާ ކުރާކަމެކެވެ. ހަށިގަނޑު ނިދިކަމުގައި ވިޔަސް ސިކުނޑި ނުނިދާ ނަމަ ވެދާނެ ގޮތެކެވެ. ނޫނީ ނިދީގެ ވަކި މަރުހަލާތަކެއްގައި ދިމާވެދާނެ ގޮތެކެވެ. ހަށިގަނޑާއި ރޫޙާ ދެ ތަންވުމެވެ. މިރޭ އަހަރެން ވެސް ތަޖުރިބާ މި ކުރީ އެ ކަމެވެ. ޝައުޤުވެރި ލިޔުމެކެވެ. ބިރުވެރިކަން ހިތުން ފިލައިގެން ދިޔައެވެ. ފުންނޭވާއެއް ދޫކޮށްލެވުނެވެ.
ކައިވެންޏަށް ތިން މަސްވީއިރު ވެސް ނޭނގި އޮތް ޙަޤީޤަތް ހާމަވުމުންނެވެ. މުބީންގެ މޫނުމަތީ ކުރެހިފައި ހުންނަ ހާސްކަމުގެ ބޮޑު ސިއްރު ހާމަވީމައެވެ. މުބީންގެ ވަފާތެރިކަމާއި އޭނާގެ ތެދުވެރިކަން ކަށަވަރުވީމައެވެ. ހަނާގެ ކިބައިން ސަލާމަތްވުމަށް މުބީން އުޅޭނެ ހާލަތު އަމިއްލައަށް ޔަޤީން ކުރެވުނީތީއެވެ. އަމިއްލައަށް އެކަން އިޙްސާސް ކުރެވުނީތީއެވެ. ލޮލަށް ފެނުނީމައެވެ. މުބީން އެއީ ތެދުވެރިއެކެވެ. އޯގާތެރިއެކެވެ. ވަފާތެރިއެކެވެ. އޭނާއަށް ތުރާތަކާ ކުރިމަތި ކުރެވުނީ އަހަރެންނަށެވެ. ލަނޑުދިނުމަށް ކުޅުނު ކުޅިގަނޑުގެ ތެރެއިންނެވެ. ސަމާސާއަށް ޖެއްސުން ކުރުމާ އޮޅުވާލުމަކީ ކިހައި ގޯސްކަމެއްކަން މިއަދު ވިސްނިއްޖެއެވެ. އެކަމަށް އަހަންނަށް މަގުފަހިކޮށް ދިނީ އަހަރެންގެ އަހަރެންނެވެ.